އަންހެން ފަނޑިޔާރުން އައްޔަނު ކުރުމަށް ނަޝީދުގެ ތާއީދު

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 33 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ، މަޖިލިސް

ސުޕްރީމު ކޯޓުގެ ބެންޗަށް އައްޔަނު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖޭއެސްސީގެ ލަފަޔަކަށް ފޮނުއްވާފައިދޭ ދެ އަންހެން ބޭކަނބަލުންނަކީ ގާބިލް ދެ ބޭފުޅުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ދީނީ އިލްމުވެރިންގެ ރައުޔަށް ބެއްލެވުމަށްފަހު ސުޕްރީމު ކޯޓުގެ ބެންޗަށް އައްޔަނު ކުރުމަށް ރައީސް ސޯލިހު ދެ އަންހެން ބޭފުޅުންގެ ނަން ފޮނުއްވުމުން އެކަމަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަނުކުރުމަށް ރައީސް ސޯލިހު ޖޭއެސްސީގެ ލަފަޔަށް އެދި ފޮނުވާފައިވާ ދެ ނަމަކީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ނަމާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުހައްމަދުއެވެ.

ސުޕްރީމު ކޯޓުގެ ބެންޗަށް އަންހެން ފަނޑިޔާރުން އައްޔަނު ކުރުމަކީ ދީނީގޮތުން ހުއްދަ ކަމެއް ނޫންކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ރައީސްގެ ނިންމެވުމަށް މަރުހަބާކިޔާ، އެކަމަށް ތާއީދުކޮށްވެސް ގިނަ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ.

މިރޭ އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ގާނޫނު އަސާސީއަށް ރިއާޔަތް ކުރާއިރު ފަނޑިޔާރުކަމުގެ މަގާމަށް އަންހެނަކު އައްޔަނު ކުރުމަކީ ގާނޫނާ ޚިލާފުކަމެއްނޫން ކަމަށެވެ.

މިނިވަން، ދިމިގްރާތީ އިސްލާމީ މުޖުތަމައުގައި އަންހެން ޖިންސުގެ ފަނޑިޔާރުން ކޯޓުތަކުގައި ފަނޑިޔާރުކަން ކުރަމުން ގެންދާތާވަނީ އެތައް އަހަރެއް ވެފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލާގައި އަދާލަތު ޕާޓީ އިން ނެރުނު ބަޔާނުގައި ބުނީ ފަނޑިޔާރުކަމަށް އަންހެނުން އައްޔަން ކުރުމާ ގުޅިގެން އައިސްފައިވާ ރައުޔުތަކުގެ ތެރެއިން ބޮޑަށް ބުރަވެވެނީ ގާޒީކަމަށް އަންހެނަކު އައްޔަން ކުރުން ހުއްދަނޫން ކަމަށް ބުނާ ރައުޔަށް ކަމަށާއި، ނަމަވެސް މިއީ ހިޔާލު ތަފާތުވެފައިވާ ރައުޔުތަކެއް ހުރި މައްސަލައަކަށް ވުމުން، ކޮންމެ ރައުޔެއް އިހްތިޔާރު ކުރި ނަމަވެސް ފާފަވެރި ނުވާނެ ކަމަށެވެ.

comment ކޮމެންޓް