ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގެ ކޮމާޝަލް ސްޕޭސް ކުއްޔަށް ދެނީ

ހުޅުމާލޭގެ އައުޓްޑޯ ސްޕޯޓްސް އެރީނާގައި އަޅާފައިވާ ސިންތެޓިކް ޓްރެކް --- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އަދި އައުޓް ޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ ކޮމާޝަލް ސްޕޭސްތައް ކުއްުޔަށް ދޭން ނިންމައި ޕްރޮޕޯސަލްސް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީ އިން މިއަދު ވަނީ ސްޕޯޓްސް ކޮމްޕްލެކްސްތަކުގައި ހުރި ކޮމާޝަލް ސްޕޭސްތަކުގެ މައުލޫމާތާއެކު އެތަންތަން ކުއްޔަށް ދޫކުރަން ނިންމާފައިވަނީ ކޮނ ވިޔަފާރިތަކަކަށްކަން އާންމުކޮށްފައެވެ.

އެގޮތުން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ 2443.32 އަކަފޫޓުގެ ސަރަހައްދެއް ކެފޭ/ރެސްޓޯރެންޓެއް ހިންގުމަށް ކުއްޔަށް ދޭން ވަނީ ނިންމައިފައެވެ. ކެފޭ/ރެސްޓޯރެންޓު ހިންގުމަށް ސްޕޭސް ކުއްޔަށް ނަގާނަމަ ބިޑް ސެކިޔުރިޓީގެ ގޮތުގައި 75،0000 ރުފިޔާ ހުށަހަޅަން ޖެހެއެވެ.

އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އަދި އައުޓް ޑޯ ސްޕޯޓްސް ކޮމްޕްލެކްސް އިން ކުޅިވަރު ސާމަނު ވިއްކުމަށް ހާއްސަ ވިޔަފާރިތައް ހިންގުމަށް ހަތަރު ސްލޮޓެއް ކުއްޔަށް ދޫކުރަން ވަނީ ނިންމައިފައެވެ. އޭހެ ތެރޭހައި 1343.44 އަކަ ފޫޓުގެ ސަރަހައްދަކާއި 987.8 އަކަ ފޫޓުގެ ސަރަހައްދެއްގެ އިތުރުން 655.63 އަކަ ފޫޓުގެ ސަރަހައްދަކާއި 656.28 އަކަ ފޫޓުގެ ސަރަހައްދެއް ހިމެނެއެވެ.

މީގެ އިތުރުން އައުޓް ޑޯ ސްޕޯށް ކޮމްޕްލެކްސް އިން ރީޓެއިލް ވިޔަފާރިތައް ހިންގުމަށް 650.79 އަކަފޫޓުގެ ސަރަހައްދަކާއި 655.52 އަކަފޫޓުގެ ސަރަހައްދެއްގެ އިތުރުން 655.73 އަކަ ފޫޓުގެ ސަރަހައްދެއް ކުއްޔަށް ދޭން ނިންމާފައިވެއެވެ.

މި ހުރިހާ ސްލޮޓެއްގެ ކުއްޔަކީ އަކަފޫޓަކަށް 30 ރުފިޔާ އެވެ. ކުއްޔަށް ދޭނީ 10 އަހަރުގެ މުއްދަތަކަށެވެ.

އެޗްޑީސީ އިން ބުނީ ވިޔަފާރި ބޭނުމަށް ހުޅުމާލޭގެ ސްޕޯޓްސް ކޮމްޕްލެކްސްތަކުން ދޫކުރާ ސަރަހައްދުތަކާ ގުޅޭ މައުލޫމާތު ސާފުކުރުމަށް އެޗްޑީސީގެ ބިޒްނަސް ޑިވެލޮޕްމެންޓް އެންޑް ސޭލްސް ޑިވިޝަން އާ ގުޅުމަށް އެދޭ ކަމަށެވެ. ބިޑް ހުށަހަޅަންޖެހޭ ތާރީހާއި އިތުރު މައުލޫމާތު ފަހުން އާންމު ކުރާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

comment ކޮމެންޓް