ފަނޑިޔާރުކަމަށް އަންހެނުން އައްޔަނުކުރުމަކީ ފާފަވެރިވާނެ ކަމެއް ނޫން: އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު އަދި ޕާޓީގެ މެމްބަރު އަނާރާ ނައީމް --- ސަން ފައިލް ފޮޓޯ

ފަނޑިޔާރުކަމަށް އަންހެނުން އައްޔަން ކުރުމާ ގުޅިގެން އައިސްފައިވާ ރައުޔުތަކުގެ ތެރެއިން ބޮޑަށް ބުރަވެވެނީ ގާޒީކަމަށް އަންހެނަކު އައްޔަން ކުރުން ހުއްދަނޫން ކަމަށް ބުނާ ރައުޔަށް ކަމަށާއި، ނަމަވެސް މިއީ ހިޔާލު ތަފާތުވެފައިވާ ރައުޔުތަކެއް ހުރި މައްސަލައަކަށް ވުމުން، ކޮންމެ ރައުޔެއް އިހްތިޔާރު ކުރި ނަމަވެސް ފާފަވެރި ނުވާނެ ކަމަށް އަދާލަތު ޕާޓީ އިން ބުނެފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްޑާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތުމުން، އެކަމާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ.

އެހެންކަމުން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ވަނީ އެ މައްސަލަ ދިރާސާކޮށް، މިވަގުތު ދުނިޔޭގެ ބޮޑެތި އިސްލާމީ ގައުމުތަކުން މިކަމުގައި އާންމުކޮށްފައިވާ ރަސްމީ އަދި އިލްމީ ބަހުސްތަކާއި ފަތުވާތަކަށް ބެލުމަށްފަހު، ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، އަންހެނަކު ފަނޑިޔާރު ކަމަށް އިސްކުރުމާމެދު އިލްމުވެރިންގެ ތިން ރައުޔެއް އައިސްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ރައުޔަކީ ފަނޑިޔާރުކަމުގެ މަގާމަށް އަންހެނަކު އައްޔަން ކުރުމަކީ މުތުލަގުކޮށް ހުއްދަކަމެއް ނޫން ކަމަށް އޮންނަ ރައުޔެވެ. މިއީ އިސްލާމީ އުންމަތުގެ ގިނަ ދަންނަބޭކަލުންގެ ރައުޔެވެ. އަދި މިޒަމާނުގެ ވަރުގަދަ ބޮޑެތި އިލްމުވެރިން ވެސް ތާއީދު ކުރައްވާ ރައުޔަކީ މިއީއެވެ.

ދެވަނަ ރައުޔަކީ ހައްދާއި ގިސޯސްގެ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި އަންހެނަކު ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ކަމެއް ކަމަށް ބުނާ ރައުޔެވެ. މިޒަމާނުގެ ބައެއް އިލްމުވެރިން މި ރައުޔަށް ތާއީދު ކުރައްވައެވެ.

ތިންވަނަ ރައުޔަކީ ފަނޑިޔާރުކަމުގެ މަގާމަށް އަންހެނަކު އައްޔަންކުރުމަކީ މުތުލަގުކޮށް ހުއްދަކަމެއް ކަމުގައި ބުނާ ރައުޔެވެ. މި ރައުޔުގައި ބުނަނީ އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ ކަމަށެވެ.

އެ ރައުޔުގައި ބުނެފައި ވަނީ މަނާވުމުގެ ދަލީލެއް އަތުވެއްޖެއުމަށް ދާންދެން ކަންކަމުގެ އަސްލަކީ ހުއްދަވުން ކަމަށާއި، މީސްތަކުގެ ތެރޭގައި ފައިސަލާކުރުމަށް އެކަށީގެންވާ މީހާގެ ހުކުމް ކުރުންވެސް ހުއްދަވެގެންވެއެވެ.

އަދި އަންހެނުންނަކީ ވެސް ޚަސްމުންގެ މެދުގައި ހުކުމް ކުރުމުގެ ގާބިލުކަން ހުރެ ކުފޫ ހަމަވާ ފަރާތެއް ކަމަށާއި، ފައިސަލާ ކުރުމުގައި އޭނާއަށް މަނައެއް ނެތް ކަމަށެވެ. އަދި ގާޒީކަމަށް އަންހެނުން އައްޔަން ކުރުން ސައްހަ ކަމަށާއި، އޭނާގެ އަންހެންވަންތަ ކަމަކީ އޭނާއަށް ހުއްޖަތް ފަހުމު ނުވާންވީ ސަބަބެއް ނޫން ކަމަށާއި، އަދި ހުކުމް ނުކުރެވެންވީ ސަބަބެއް ނޫން ކަމަށް ވެސް މި ރައުޔުގައި ބުނެއެވެ.

"އިސްވެ ބަޔާންކުރެވުނު ރައުޔުތަކަށް ބަލައި އަދި މި ރައުޔުތަކާ ގުޅިގެން އިލްމުވެރިން ގެންނަވާފައިވާ ދަލީލުތަކަށް ރިއާޔަތްކޮށް ބަލާއިރު ރާޖިޙު (ބުރަވާ) ރައުޔަކީ މި ތިން ރައުޔުގެ ތެރެއިން ގާޒީކަމަށް އަންހެނަކު އައްޔަންކުރުން މުތުލަގުކޮށް ހުއްދަ ނޫންކަމުގެ ރައުޔެވެ،" އަދާލަތު ޕާޓީގެ ބަޔާނުގައިވެއެވެ.

އެއީ އިސްލާމީ އުންމަތުގައި އެކި ޒަމާންތަކުގައި އުފެދިގެން އައި ބޮޑެތި އިލްމުވެރިންނާއި، އެއް ޖީލަށްފަހު އައި އަނެއް ޖީލެއްގެ އިލްމުވެރިންކުރެ، މިއަދާ ހަމައަށް އައި ހުރިހާ ޖީލެއްގެ ޖުމްހޫރު އިލްމުވެރިންގެ ރައުޔަށް ވާތީ ކަމަށް އަދާލަތުން ބުނެއެވެ.

ނަމަވެސް މިއީ ފަނޑިޔާރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިފައިވާ މައްސަލައެއް ކަން ފާހަގަކޮށް އެ ޕާޓީ އިން ބުނީ ހިޔާލުތަފާތުވުން އުފެދޭ ހާލަތްތަކުގައި އަމަލު ކުރަން އޮންނަ ގޮތަކީ އަނެކާގެ ރައުޔަށް އިހްތިރާމް ކުރުމާއި އިސްލާމީ ޝަރުއީ މަސްދަރުތަކުން ނަޤުލުވާ ދަލީލުތަކުގެ މައްޗަށް ބިނާކޮށް ހައްގަށް ވާސިލުވުމަށް މަސައްކަތް ކުރުން ކަމަށެވެ.

"ފަހެ އިހްލާސްތެރިކަމާއެކު ހިލާފީ މައްސަލައެއްގައި ވަކި ރައުޔެއް އިހްތިޔާރުކުރާ މީހާ އޭނާއަށް އިހްތިޔާރު ކުރެވުނީ އެކަމުގައި އޮންނަ ގޯސް ރައުޔުކަމުގައި ވީނަމަވެސް، ފާފަވެރި ނުވާނެ ކަމަށެވެ." އަދާލަތު ޕާޓީ އިން ބުންޏެވެ.

އަދާލަތު ޕާޓީ އިން ބުނީ އިލްމުވެރިންގެ ތެރެއިން މުޖްތަހިދު ބޮޑެތި އިމާމުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިފައިވާ މިފަދަ މައްސަލަތަކުގައި އެމީހަކަށް ބުރަވެވޭ ރައުޔު އެއީ އެ މައްސަލައިގައި އޮންނަ ހަމައެކަނި ރައުޔު ކަމުގައި ދެކި، އެއާ ހިލާފު ރައުޔަކަށް ތާއީދުކުރާ ފަރާތަކީ ދީނުގައި ނުވަތަ އަގީދާގައި އުނި ފަރާތެއް ކަމަށް، ނުވަތަ މަގުފުރެދިފައިވާ، އިސްލާމީ ޝަރީއަތަށް ގޮންޖަހާ، ކާފަރުވެފައިވާ ފަރާތެއް ކަމުގައި ބުނެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.

އަދި މިފަދަ މައްސަލަތަކުގައި މުޖުތަމައު ބައިބައިވެ، އާންމުންގެ މެދުގައި ނަފުރަތު އުފެދި، ޝަރުއީ ގޮތުން މައްސަލައިގެ ކަންކަން އޮތްގޮތް އޮޅޭގޮތަށް ވާހަކަ ދައްކައި ހަބަރު ފެތުރުމުން ދުރުހެލިވުމަށް އަދާލަތު ޕާޓީ އިން ވަނީ އެދިފައެވެ.

"ވަކިން ހާއްސަކޮށް މީސްތަކުން އެބޭފުޅުންގެ ބަސްފުޅުތަކަށް އިހްތިރާމް ކުރާ ބޭފުޅުން ދުރުހެލިވާން ޖެހެއެވެ." ބަޔާނުގައިވެއެވެ.

އަދާލަތު ޕާޓީ އިން ބުނީ ހިތް ރުހުނަސް، ނުރުހުނަސް، ހައްގުގެ ގޮތުގައި ދަލީލުތަކުގެ މައްޗަށް ގަރާރުވެ ދީނުގެ ހުކުމެއް އޮތްގޮތް ތިމާއަށް ސާފުވެ ބަޔާންވުމުން އެ ހުކުމަށް ރުހި ގަބޫލުވުން ފިޔަވައި އިތުރު ގޮތެއް މުސްލިމުންގެ މައްޗަށް ނޯންނާނެ ކަމަށާއި، އިސްލާމްކަމުގެ ހަގީގީ މާނައަކީ އެއީ ކަމަށެވެ.

އަދާލަތު ޕާޓީ އިން މިހެން ބުނެފައި ވާއިރު، ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމާ ގުޅިގެން ދީނީ އިލްމުވެރިން ކަމުގައިވާ އަލީ ޒައިދު އަދިި ޝައިހު ހަސަން މޫސާ ފިކުރީ ވިދާޅުވީ، އެއީ ގުރުއާނާއި ސުންނަތާއި ހިލާފު މުންކަރާތެއް ކަމަށެވެ.

އޭގެ އިތުރުން ދީނީ ފަތުވާދޭ އެންމެ މަތީ މަޖިލީހުންވެސް ވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ނޫން، ހަރާމް ކަމެއް ކަމުގައި ބުނެފައެވެ.

comment ކޮމެންޓް