ބަންގުލަދޭޝްގެ ކޭމްޕުތަކުގައި ރޮހިންގާއިން ގަތުލްއާންމުގެ ދުވަސް ފާހަގަކޮށްފި

ކޮކްސް ބާޒާރުގައި އިއްޔެ ރޮހިންގާއިން ބޭއްވި ސުލްހަވެރި އެއްވުން -- ފޮޓޯ: ރޮއިޓާސް

ޑާކާ (އޮގަސްޓް 25): މިޔަންމާ އަސްކަރިއްޔާގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުން އެތައް ހާސް ރޮހިންގާއިންނަށް އެގައުމު ދޫކޮށް ބަންގުލަދޭޝްއަށް ދާން ޖެހުނު ހާދިސާ ހަނދާންކޮށް، ގާތްގަނޑަކަށް ދެ ލައްކަ ރޮހިންގާއިން ގަތުލްއާންމުގެ ދުވަސް ފާހަގަކޮށްފި އެވެ.

ބަންގުލަދޭޝްގެ ކޮކްސް ބާޒާރުގައި ރެފިއުޖީ ކޭމްޕުތައް ހުރި ސަރަހައްދުގައި ރޮހިންގާއިން ބޭއްވި ސުލްހަވެރި އެއްވުމުގައި އދ.ގެ އޮފިޝަލުންވެސް ބައިވެރިވި އެވެ. އަދި އެ އެއްވުމުގެ ބައިވެރިން ވަނީ އިއްޔެ އަކީ ރޮހިންގާއިންގެ "ގަތުލްއާންމުގެ ދުވަހުގެ" ގޮތުގައި ސިފަކޮށް، މިޔަންމާއިން އެމީހުންނަށް ރަށްވެހިކަން ދިނުމަށް ގޮވާލާފަ އެވެ.

އޮގަސްޓް 2017ގައި މިޔަންމާގެ އަސްކަރިއްޔާއިން، ރޮހިންގާއިންގެ އާބާދީ ބޮޑު ރާހީން ސްޓޭޓުގައި ފެށި އޮޕަރޭޝަނުގެ ސަބަބުން ގާތްގަނޑަކަށް 750،000 ރޮހިންގާއިންނަށް އެގައުމު ދޫކޮށް ދާން މަޖުބޫރުވި އެވެ.

އިއްޔެ އެ އެއްވުން ބޭއްވީ، ބަންގުލަދޭޝް އާއި މިޔަންމާއިން ހެދި އެއްބަސްވުމެއްގެ ދަށުން ރެފިއުޖީ ކޭމްޕުތަކުގައި ތިބި ބައެއް ރޮހިންގާއިން އަނބުރާ މިޔަންމާއަށް ފޮނުވަން މަސައްކަތް ފެށި ފަހުންނެވެ. ނަމަވެސް ބަންގުލަދޭޝްއިން ވަނީ ރޮހިންގާއިންގެ އެއްވެސް އާއިލާއަކުން މިޔަންމާއަށް ދާން ބޭނުން ނުވާ ކަމަށާއި، އެމީހުން ގަދަކަމުން ނުފޮނުވާނެ ކަމަށް ބުނެފަ އެވެ.

"އަހަރެމެން މުޅި ދުނިޔެއަށް ބުނެލަން ބޭނުން، އަހަރެމެންގެ ހައްގުތަކާއި ރަށްވެހިކަމާއި ގެތަކާއި ބިން އަނެއްކާވެސް އަހަރެމެން ބޭނުން. އަހަރެމެންގެ ގައުމަކީ މިޔަންމާ. އަހަރެމެންނަކީ ރޮހިންގާއިން،" އިއްޔެ ބޭއްވި އެއްވުން އިންތިޒާމު ކުރުމުގައި ބައިވެރިވި މުހީބުﷲ ބުންޏެވެ.

ފަންސަވީސް އޮގަސްޓް 2017އިގައި ރާހިން ސްޓޭޓުގައި ހަމަނުޖެހުންތައް ފެށުނީ، އަރާކަން ރޮހިންގާ ސެލްވޭޝަން އާމީ ކިޔާ ހަނގުރާމަވެރި ޖަމާއަތަކުން މިޔަންމާގެ ފުލުހުންތަކެއް މަރާލުމާ ގުޅިގެންނެވެ. އެހަމަލާތަކަށް ފަހު، ހަނގުރާމަވެރިން އަތުލައިގަތުމަށް ކަމަށް ބުނެ މިޔަންމާއިން ފެށި އަސްކަރީ އޮޕަރޭޝަނުގައި ބައެއް އަވަށްތައް އެއްކޮށް އަންދާ، އާއްމު ރައްޔިތުންނަށް އަނިޔާކޮށް، ރޭޕްކޮށްފައިވާ ކަމަށް އދ.ގެ އިންވެސްޓިގޭޓަރުން ބުންޏެވެ. އަދި ރޮހިންގާއިންނަށް ދިން ހަމަލާތަކުގައި ބުޑިސްޓުންވެސް ބައިވެރިވި ކަމަށް އދ.އިން ބުންޏެވެ.

އދ.އިން ވަނީ މިޔަންމާގެ އަމަލުތަކަކީ "ނަސްލެއް ނައްތާލުމަށް" ކުރި މަސައްކަތެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ރޮހިންގާ ދަރިކޮޅުގެ މީހުން މިޔަންމާގައި ދިރިއުޅޭތާ ގަރުނުތަކެއް ވެފައިވާ ކަމަށް ތާރީހު ދިރާސާ ކުރާ ފަރާތްތަކުން ބުނި ނަމަވެސް މިޔަންމާގެ އާބާދީގެ ބޮޑުބައެއް ކަމަށްވާ ބުޑިސްޓުން ދެކޭ ގޮތުގައި ރޮހިންގާ ދަރިކޮޅުގެ މީހުންނަކީ އެގައުމަށް އަރާ ތިބި ބަންގުލަދޭޝްގެ ބަޔެކެވެ. އަދި މިޔަންމާގެ ސަރުކާރުން ވަނީ ރޮހިންގާ ދަރިކޮޅުގެ މީހުންނަށް ރަށްވެހިކަން ދޭން ދެކޮޅު ހަދާފަ އެވެ.

comment ކޮމެންޓް