އަގުބޮޑުކޮށް ޓެކްސީކޮށް، ތިން ފަހަރު ޖޫރިމަނާކޮށްފިނަމަ ހުއްދަ ބާތިލުކުރަނީ

މާލޭގެ މަގެއްގައި ޓެކްސީއެއް ދުއްވާފައި ދަނީ -- ސަން ފޮޓޯ

ޓްރާންސްޕޯޓު އޮތޯރިޓީއިން ކަނޑައަޅައިފައިވާ އަގަށްވުރެ ބޮޑު އަގުގައި ޓެކްސީ ކޮށްގެން އެއް އަހަރު ތެރޭގައި ތިން ފަހަރަށް ވުރެ ގިނައިން ޖޫރިމަނާކޮށްފި ނަމަ އެ ފަރާތެއްގެ ޓެކްސީކުރުމުގެ ހުއްދަ ބާތިލުކުރާނެކަމަށް އެ އޮތޯރިޓީއިން ބުނެފިއެވެ.

އެ އޮތޯރިޓީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޓެކްސީ ދުއްވާ ފަރާތްތަކުން ބޮޑު އަގު ނަގަމުންދާކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބެމުން އަންނަ ކަމަށެވެ.

މާލެއާއި ހުޅުމާލެ އަދި ހުޅުލެއަށް ބްރިޖާއި ލިންކްރޯޑުން ކުރާ ދަތުރުތަކަށް ޓްރާންސްޕޯޓު އޮތީރިޓީއިން ކަނޑައަޅާފައިވާ އަގަށްވުރެ ގިނައިން ނަގާނަމަ އެ އޮތޯރިޓީއަށް އެންގުމަށް ވަނީ ހޮޓްލައިނެއްވެސް ގާއިމުކޮށްފައެވެ.

އަދި ބޮޑު އަގު ނަގާ ޓެކްސީތައް 750 ރުފިޔާއިން ޖޫރިމަނާކުރުމުގެ މަސައްކަތް ޓްރާންސްޕޯޓާއާއި ފުލުހުން ގުޅިގެން އަންނަނީ ކުރަމުންނެވެ.

ޓްރާންސްޕޯޓުން މިއަދު ބުނީ ބޮޑު އަގު ނަގާނަމަ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރުމުގެ އިތުރުން އެއް އަހަރު ދުވަހުގެ ތެރޭގައި ތިންފަހަރަށްވުރެ އިތުރަށް މިފަދަ ކުށެއް ތަކުރާރުކޮށްފިނަމަ އެ ފަރާތެއްގެ ޓެކްސީގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލު ކުރެވޭނެ ކަމަށެވެ.

އަލަށް އެކުލަވާލި އަގުތަކަށް ބަލާއިރު މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރެވޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާއެވެ. މާލެ އަދި ހުޅުމާލެއިންވެސް ހުޅުލެއަށް ދަތުރުކުރެވޭނީ 60 ރުފިޔާއަށެވެ. މީގެ ކުރިން މި ދަތުރުތަކަށް ޓެކްސީތަކުން ނަގަމުން ގޮސްފައިވަނީ 100 ރުފިޔާއެވެ.

comment ކޮމެންޓް