ނޫސްވެރިކަމުގެ އިނާމަށް 40 ފަރާތަކުން ކުރިމަތިލައިފި

މީޑިޔާ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލްގެ ނައިބު ރައީސް އަހްމަދު އާޒިފް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް މި އަހަރު 40 ހުށަހެޅުމެއް ލިބިފައިވާ ކަމަށް އެމްއެމްސީ އިން ބުނެފިއެވެ.

މީޑިއާ ކައުންސިލުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި އެެކައުންސިލުގެ ނައިބު ރައީސް އަހްމަދު އާޒިފް ވިދާޅުވީ އެވޯޑަށް ޖުމްލަ 40 ހުށަހެޅުމެއް ލިބިފައިވާ ކަމަށާއި، އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑަށް ވެސް ފަސް ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ.

ހަމައެއާއެކު ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މީޑިއާ ކައުންސިލުން ދޭން ފަށާފައިވާ ނޫސްވެރިކަމުގެ ހާއްސަ އިނާމަށް 29 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ވެސް އާޒިފް ވިދާޅުވިއެވެ.

އެންމެ އުންމީދީ ނޫސްވެރިޔާގެ އިތުރުން ދެން އެވޯޑު ދިނުމަށް ނިންމާފައިވާ އެހެން ދާއިރާތަކަކީ، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ވިޔަފާރި އާއި އިގްތިސޯދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯގްރަފީ ދާއިރާ، ވީޑިއޯގްރަފީ ދާއިރާ، އަދި ފީޗާ ދާއިރާ އެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ކައުންސިލް މެމްބަރު އަހްމަދު ޖަދުއާން ވިދާޅުވީ، މީޑިއާ ކައުންސިލުން މަސައްކަތް ކުރަމުން ދަނީ ނޫސްވެރިކަމުގެ އިނާމަކީ ދެފުށް ފެންނަ، މިނިވަން، އިންސާފުވެރި އެވޯޑަކަށް ހެދުމަށް ކަމަށެވެ.

މީޑިޔާ ކައުންސިލްގެ މެމްބަރު އަހްމަދު ޖަދުއާން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެގޮތުން މިފަހަރު ނޫސްވެރިކަމުގެ ހާއްސަ އިނާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް އެވޯޑު ދިނުމަށް ނިންމާފައިވާ ކަމަށް ޖަދުވާން ވިދާޅުވިއެވެ.

އެހެން އަހަރުތަކާ ހިލާފަށް އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު ފިޔަވައި މިއަހަރު ނޫސްވެރިކަމުގެ އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ ޕްރިންޓް، އޮންލައިން އަދި ބްރޯޑްކާސްޓިން ކެޓަގަރީ ވަކިންނެވެ. މިއީ އެވޯޑު ވީހާވެސް ބޮޑަށް ފުޅާ ކޮށްލައިގެން، މީޑިއާގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ގެނެސްފައިވާ ބަދަލެކެވެ.

ޕްރިންޓް އަދި އޮންލައިން ކެޓަގަރީ އިން މި ފަހަރު 33 ހުށަހެޅުމެއް ލިބިފައި ވާއިރު، ބްރޯޑްކާސްޓިން ކެޓަގަރީ އިން ލިބިފައި ވަނީ އެންމެ ހަތް ހުށަހެޅުމެވެ.

ބްރޯޑްކާސްޓިން ކެޓަގަރީ އިން ލިބުނު ހުށަހެޅުންތަކުގެ އަދަދު މަދުކަން ފާހަގަ ކުރައްވައި އާޒިފް ވިދާޅުވީ، އަންނަ އަހަރު އެ އަދަދު އިތުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ ކޮންމެ ނޫސްވެރިއަކަށް ވެސް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް އާޒިފް ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ އެވޯޑު ހަފްލާ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު، ދަރުބާރު ގޭގައެވެ. ހަފްލާއަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެމްއެމްސީ އިން މިހާރު އަންނަނީ ވަމުންނެވެ.

ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލާފައިވާ ހުރިހާ ފަރާތްތަކާ ވެސް އިންޓަވިއު ކުރުމަށް މީޑިއާ ކައުންސިލުން ވަނީ ނިންމައިފައެވެ. އަދި މިހާރު އިންޓަވިއު ކުރުމުގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށް މީޑިއާ ކައުންސިލުން މައުލޫމާތު ދެއެވެ.

comment ކޮމެންޓް