ކުދިން ސްކޫލަށް ދާން ބޭނުން ނުވުމުގެ މައްސަލަތައް އިތުރުވެއްޖެ

ސްކޫލު ދަރިވަރުންތަކެއް: ކުދިން ސްކޫލަށް ދާން ބޭނުން ނުވެގެން ޖެންޑާއަށް ރިޕޯޓު ކުރި މިންވަރު ވަނީ އިތުރުވެފައި -- ސަން ފައިލް ފޮޓޯ

ހުސްވި ޖުލައި މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން، ސްކޫލަށް ދާން ބޭނުން ނުވެގެން ހުށަހެޅި މައްސަލަތަކުގެ އަދަދު އިތުރުވެއްޖެ އެވެ.

ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 19 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ ނުވަ މައްސަލަ ހިމެނެ އެވެ.

ޖޫން މަހު ސްކޫލަށް ދާން ބޭނުން ނުވެގެން ޖެންޑާއަށް ހުށަހަޅައިފައި ވަނީ ފަސް މައްސަލައެކެވެ. ސްކޫލަށް ދާން ބޭނުން ނުވުމުގެ މައްސަލަތައް އިތުރުވެފައި ވާއިރު އެހެން ކުދިންގެ ފަރާތުން ގޯނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ މައްސަލަތައް ވެސް މިދިޔަ މަހު ވަނީ އިތުރުވެފަ އެވެ.

އެގޮތުން މިދިޔަ މަހު އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ އަށް މައްސަލަ ވަނީ ހުށަހަޅައިފަ އެވެ. ޖޫން މަހު ހުށަހަޅައިފައި ވަނީ އެބާވަތުގެ ހަތަރު މައްސަލަ އެވެ.

އަހްލާގީ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިއުމުގެ ތިން މައްސަލަ ވެސް ހިމެނެ އެވެ.

ޖުލައި މަހު ޖެންޑާ މިނިސްޓްރީއަށް ޖުމްލަ 214 މައްސަލަ ހުށަހެޅި އެޓެންޑްކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 105 މައްސަލަ ހިމެނޭ ކަމަށް ޖެންޑާ މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.

މިދިޔަ މަހު ޖެންޑާއަށް ހުށަހެޅި މައްސަލަތަކުގެ އަދަދު ޖޫން މަހާ އަޅާބަލާއިރު 11 ޕަސެންޓު ދަށްވެފައި ވާއިރު، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތައް ވަނީ 16 ޕަސެންޓު ދަށްވެފަ އެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނީއްކައިގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 34 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ޖެންޑާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އޭގެ އިތުރުން އިހުމާލުވުމުގެ 25 މައްސަލަ، ޖިސްމާނީ ހާނީއްކައިގެ 19 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 11 މައްސަލަ، ކުދިންގެ ވަގު ވިޔަފާރި ކުރުމުގެ މައްސަލައެއް މިދިޔަ މަހު ޖެންޑާއިން ބަލާފައިވެ އެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންގެ 59 މައްސަލައަކާއި ފިރިހެން ކުދިންގެ 46 މައްސަލަ އެވެ.

މިދިޔަ މަހު ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ ހަތަރު މައްސަލަ ވަނީ ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ތައުލީމަށް ހުރަސް އެޅުމުގެ ދެ މައްސަލައަކާއި، ބޯހިޔާވެހިކަން ފޯރުކޮށް ނުދިނުމުގެ މައްސަލައަކާއި އުފަންވުން ރަޖިސްޓްރީ ނުކުރުމުގެ މައްސަލައެކެވެ.

އާއިލީ 27 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅައިފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ ކުދިންނާ ބައްދަލުނުކުރެވޭ 14 މައްސަލަ، ކުދިން ބެލުމުގައި ދިމާވާ 10 މައްސަލަ އަދި ދަރިންގެ ހަރަދު ދިނުމުގައި ދިމާވާ ތިން މައްސަލަ އެވެ.

ހަމައެއާ އެކު އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ތިން މައްސަލަ ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 35 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފަ އެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މި ބާވަތުގެ 13 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާ ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.

އޭގެ އިތުރުން ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ ހަތް މައްސަލަ، ޖިންސީ ހާނީއްކަ ކުރުމުގެ ފަސް މައްސަލަ، ރޭޕް ކުރުމުގެ ހަތަރު މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ ތިން މައްސަލައަކާއި އިހުމާލުވުމުގެ ދެ މައްސަލައަކާއި ބާރާއި ނުފޫޒު ފޯރުވުމުގެ މައްސަލައެއް ހިމެނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ނުވަ މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅައިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އޭގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 12 މައްސަލަ ވެސް މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެ އެވެ.

comment ކޮމެންޓް