އޭސީސީ އިން ބަލައި ނިންމި މައްސަލަތައް 59 ޕަސެންޓު ދަށްވެއްޖެ

މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލައި ނިންމި މައްސަލަތަކުގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 59 ޕަސެންޓު ދަށްވެއްޖެއެވެ.

އޭސީސީ އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ބަލައި ނިންމާފައި ވަނީ 198 މައްސަލައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެ ކޮމިޝަނުން ވަނީ 486 މައްސަލަ ބަލައި ނިންމައިފައެވެ.

އެހެންކަމުން މިއީ 2018 ވަނަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 59 ޕަސެންޓު ދަށް އަދަދެކެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އޭސީސީ އިން ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން ކޮރަޕްޝަންގެ އަމަލެއް ހިމެނޭތީ ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ އެންމެ މައްސަލައެކެވެ.

ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 197 މައްސަލަ އަކީ ކޮރަޕްޝަންގެ އަމަލެއް އެކުލެވިފައިވާކަމަށް ސާބިތު ކުރެވެން ނެތް މައްސަލަތައް ކަމަށް ވަނީ ނިންމައިފައެވެ.

އޭސީސީ އިން ބުނީ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ބަލައި ނިންމި މައްސަލަތަކާ ގުޅިގެން ދައުލަތުގެ 59 އިދާރާއަކަށް، ކަންކަން އިސްލާހުކުރުމަށް 61 އެންގުމެއް އަންގާފައި ވާނެ ކަމަށެވެ.

comment ކޮމެންޓް