އިންޑޮނީޝިއާގެ ވެސްޓް ޕަޕުއާގެ ހަމަނުޖެހުންތައް ފެށުމާއި ހަގީގަތް

އިންޑޮނީޝިއާގެ އިރުދެކުނުގެ ސަރަހައްދެއް ކަމަށްވާ ވެސްޓް ޕަޕުއާގައި ދަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންނެވެ. ވެސްޓް ޕަޕުއާ ގެ އާންމުންގެ އެތަށް ހާސްބަޔަކު މިދިޔަ ހަފްތާގެ ކުރީކޮޅު އިންޑޮނޭޝިޔާ ސަރުކާރާ ދެކޮޅަށް ތެދުވެ މުޒާހަރާކުރަން ފެށީ ޖާވާގެ ވެރިރަށް ސޫރަބަޔާގައި ކިޔަވަން ތިބި ޕަޕުއާ އަށް ނިސްބަތްވާ މެލެނީޝިއަން ދަރިކޮޅުގެ ކިޔަވާކުދިންނާމެދު އިހާނެތިކޮށް ހިތުމުގެ އަމަލުތަކެއް ހިންގައި އޭގެތެރެއިން 40 އަށްވުރެ ގިނަކުދިން ހައްޔަރުކުރުމާ ގުޅިގެންނެވެ.

މި ހަމަނުޖެހުންތަކުގައި ވެސްޓް ޕަޕުއާ ގެ ވެރިރަށް މަނޮކްވާރީއާއި، ޕަޕުއާ ޕްރޮވިންސްގެ ވެރިރަށް ޖަޔަޕޫރާގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ކުރި މުޒާހަރާތަކާއި އިހްތިޖާޖްތަކުގައި ސަރުކާރުގެ އިމާރާތްތަކާއި ގަވަރުނަރުގެ އޮފީސްތަކާއި، ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގައި ހުޅުޖަހައި އެތަންތަން ވަނީ އަންދާލާފަ އެވެ. އަދި ޖަޔަޕޫރާ ސިޓީގެ ޖަލު ހަލާކުކޮށްލުމާއެކު އެޖަލުން 250 އަށްވުރެ ގިނަ ކުށްވެރިންވެސް ވަނީ ފިލައިގެން ގޮސްފައެވެ.

ވެސްޓް ޕަޕުއާގެ ޕާލަމެންޓް އިމާރަތުގައި ހުޅުޖަހައި އަންދާލަނީ

ވެސްޓް ޕަޕުއާ ސަރަހްދުގައި ހިނގަމުންދާ މުޒާހަރާތަކާއި އިހުތިޖާޖްތައް އިތުރުވަމުންދާތީ އެކަންތައް ކޮންޓުރޯލް ކުރުމަށް އިންޑޮނީޝިއާ ސަރުކާރުން މިދިޔަ ބުދަދުވަހުވަނީ އެސަރަހައްދަށް އިތުރު ސިފައިންނާއި ފުލުހުން ފޮނުވާފައެވެ. ސަލާމަތީ އިތުރު ބާރުތައް ފޮނުވުމާއެކުވެސް ވެސްޓް ޕަޕުއާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމުގެ ބަދަލުގައި ދިޔައީ އިތުރުވަމުންނެވެ.

އެހެންކަމުން އެސަރަހައްދުން އިންޓާނެޓްގެ ޚިދްމަތްވެސް ވަނީ ބުރާސްފަތި ދުވަހު ވަގުތީގޮތުން ކަނޑާލާފައެވެ. އިންޑޮނީޝިއާ ގެ ސަރުކާރުން ބުނެފައިވަނީ ވެސްޓް ޕަޕުއާ އިން އިންޓާނެޓްގެ ޚިދްމަތް ކަނޑާލީ ހަމަނުޖެހުންތައް ހުއްޓުވައި އަމަން އަމާންކަން ގާއިމު ކުރުމަށް ސަލާމަތީ ބާރުތަކުން ކުރާ މަސައްކަތަށް އެހީތެރިވުމުގެގޮތުން ކަމަށާ ވެސްޓްޕަޕުއާ ކުރީގެ ހާލަތަށް ގެނެވެންދެން އިންޓާނެޓްގެ ޚިދްމަތް ކަނޑާލާފައި ބާއްވާނެ ކަމުގައެވެ.

ވެސްޓް ޕަޕުއާ ސަރަހައްދަކީ އިންޑޮނޭޝިޔާއާއި ޕަޕުއާ ނިއުގިނީ ހިއްސާކުރާ ޕަޕުއާ ޖަޒީރާގެ (ނިއުގިނީ ޖަޒީރާގެ) ހުޅަނގުފަޅިއެވެ. އެފަޅީގައި އިންޑޮނީޝިއާގެ ދެ ޕްރޮވިންސް ހިމެނޭއިރު ޕަޕުއާ ޖަޒީރާގެ އިރުމަތީގައި އޮންނަނީ ޕަޕުއާ ނިއުގިނީއެވެ. ވެސްޓް ޕަޕުއާ ސަރަހައްދަކީ ރަނާއި އެނޫންވެސް މައުދަންތަކުން މުއްސަދިކަން ލިބިފައިވުމުގެ އިތުރުން އެއީ ދަނޑުވެރި ބިންތަކާއި ޖަންގަލީގެ މުއްސަނދިކަންވެސް ވަރަށްބޮޑު ސަރަހައްދެކެވެ. ދުނިޔޭގައި އެންމެ ގިނައިން ރަން ނަގާ ސަރަހައްދުތަކުގެ ތެރޭގައި ވެސްޓް ޕަޕުއާ ސަރަހައްދު ހިމެނެއެވެ.

ވެސްޓް ޕަޕުއާ ގެ ރައްޔިތުން މިހާ ހަރުކަށިގޮތަކަށް މަގުތަކަށް ނުކުމެ ހަމަނުޖެހުން އުފައްދައި ހުޅުޖެހުންފަދަ އަމަލުތައް ހިންގާފައި މިވަނީ ވަރަށް ގިނަ ކަންތައްތަކެއްގައި ހިތްހަމަނުޖެހި މާޔޫސްވެގެންނެވެ. މި ކަންތައްތަކުގެ ތެރޭގައި ވެސްޓް ޕަޕުއާ ސަރަހައްދުގެ ތަރައްގީއަށް އަޅާނުލުމާއި އެސަރަހައްދު އިހުމާލުކޮށްލުމާއި އެސަރަހައްދުގެ ރައްޔިތުން ކަމަށްވާ މެލެނީޝިއަން ދަރިކޮޅުގެ ބައިމަދު މީހުންނާމެދު ނަސްލީ ތަފާތުކުރުން ތައް ގެންގުޅޭ މައްސަލައަކީ ޕަޕުއާ ސަރަހައްދުގެ ރައްޔިތުންގެ އެންމެ ބޮޑު ހިތްހަމަނުޖެހުމެވެ.

ވެސްޓް ޕަޕުއާ ގެ މިނިވަން ކަމަށް ގޮވާލައި އެސަރަހައްދުގެ ރައްޔިތުން މުޒާހަރާކުރަނީ

4.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވެސްޓް ޕަޕުއާގެ ސަރަހައްދަކީ ކުރިން ނެދާލޭންޑްސް ގެ އިސްތިއްމާރުގެ ދަށުގައި އޮތް ސަރަހައްދެކެވެ. 1969 ވަނަ އަހަރު ނެދާލޭންޑްސް ގެ އިސްތިއްމާރު ނިމުމަކަށް އައުމުން ވެސްޓް ޕަޕުއާ ގެ ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓެއްގައި އިންޑޮނީޝިއާ ގުޅުމަށް ރައްޔިތުންގެ އަޣްލަބިއްޔަތު ލިބުމުން އެސަރަހައްދުވަނީ އިންޑޮނީޝިއާގެ ބައަކަށްވެގެން ގޮސްފައެވެ. ނަމަވެސް ވެސްޓް ޕަޕުއާ ސަރަހައްދުގެ ތަރައްގީ އަށް އަޅާނުލުމާއި އެސަރަހައްދު އިހުމާލުކޮށްލުމާއި އެސަރަހައްދުގެ ރައްޔިތުން ކަމަށްވާ މެލެނީޝިއަން ދަރިކޮޅުގެ ބައިމަދު މީހުންނާމެދު ނަސްލީ ތަފާތުކުރުންތައް ގެންގުޅޭ މައްސަލައިގެ ސަބަބުން 1970 ގެ އަހަރުތަކުން ފެށިގެން އެސަރަހައްދުގެ ގިނަ ބައެއްގެ ހިތްތަކުގައިވަނީ ވަކިވެގަތުމުގެ ރޫހު އަށަގެންފައެވެ.

މިކަންކަމަށް ރިޢާޔަތް ކޮށް އެސަރަހައްދުގެ ރައްޔިތުން ކަމަށްވާ މެލެނީޝިއަން ދަރިކޮޅުގެ ބައިމަދު މީހުންގެ ކަންބޮޑުވުންތައް ހައްލުކުރުމުގެ ހަރުދަނާ ސިޔާސަތެއް އިންޑޮނީޝިއާގެ ސަރުކާރުން ގެންގުޅޭ ތަނެއް އަދިވެސް ނުފެނެއެވެ. ފެންނަނީ ހަމަނުޖެހުން އުފެދުމުން ބާރުގެ ބޭނުންކޮށްގެން އެމީހުން މައިތިރި ކުރަންއުޅޭ ތަނެވެ. އަސްލު މައްސަލައަށް ހައްލު ގެންނަ ތަނެއްނޫނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް