ޔޫއޭއީގެ އެންމެ މަތީ މަދަނީ ޝަރަފު ބޮޑުވަޒީރު މޯދީއަށް

ޔޫއޭއީގެ އެންމެ މަތީ މަދަނީ ޝަރަފް ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަރުވާފަ -- ފޮޓޯ: ޓުވިޓާ

އަބޫދާބީ (އޮގަސްޓް 25): އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެންމެ މަތީ މަދަނީ ޝަރަފް އަރުވައިފިއެވެ.

އިއްޔެ މޯދީ ޔޫއޭއީއަށް ވަޑައިގަތުމުން އޭނާއަށް "އޯޑާ އޮފް ޒައިދު މެޑަލް" އެރުވީ ޔޫއޭއީގެ ވަލީއަހުދު މުހައްމަދު ބިން ޒައިދު އަލް ނަހުޔާންއެވެ. އަދި މޯދީއަށް އެ މެޑަލް ދެއްވަމުން ވަލީއަހުދު މުހައްމަދު ވަނީ އެއީ "މޯދީއަށް ހައްގު ޝަރަފެއް" ކަމަށް ވިދާޅުވެފައެވެ.

މޯދީއަށް އެ ޝަރަފު އަރުވާނެކަން ޔޫއޭއީއިން އިއުލާންކުރީ މިދިޔަ އޭޕްރިލް މަހު، އިންޑިއާގެ އާންމު އިންތިހާބު މޯދީ ކާމިޔާބު ކުރެއްވުމުގެ ކުރިންނެވެ.

ޔޫއޭއީގެ އެންމެ މަތީ މަދަނީ ޝަރަފު މޯދީއަށް އަރުވާފައި ވަނީ ކަޝްމީރަށް އިންޑިއާއިން ދީފައިވާ ހާއްސަ އިމްތިޔާޒުތައް މިމަހުގެ ފަހެއްގައި އުވާލި ފަހުންނެވެ. އަދި ކަޝްމީރަކީ އަމިއްލަ ސަރުކާރެއް އޮންނަ ސްޓޭޓެއްގެ ބަދަލުގައި، އިންޑިއާގެ މައި ސަރުކާރުގެ ބާރު ހިންގާ ދެ ޔޫނިއަން ޓެރިޓަރީއަކަށް ބަހާލަން ނިންމި ފަހުންނެވެ.

އިންޑިއާއިން އެގައުމުގެ ގާނޫނު އަސާސީއަށް ގެނައި ބަދަލާއެކު ކަޝްމީރުގައި ސިފައިން ހަރަކާތްތެރިވެ އުޅޭ މިންވަރު އިތުރުކޮށް، އާންމުން އެއްވެ އުޅުމަށާއި މުވާސަލަތީ ވަސީލަތްތަކަށް ވަނީ ހުރަސް އަޅާފައެވެ.

އެ މައްސަލައާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޔޫއޭއީން އިންޑިއާއަށް ހަމަޖައްސާފައިވާ ސަފީރު ވަނީ އެއީ އިންޑިއާގެ ދާހިލީ މައްސަލައެއް ކަމަށް އެގައުމުން ދެކޭކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އޭގެ ސަބަބުން ޔޫއޭއީއަށް ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. އަދި އިނގިރޭސި ޕާލިމެންޓުގެ މެމްބަރު ނާޒް ޝާހް ވަނީ ޔޫއޭއީން މޯދީއަށް އެ ޝަރަފު ދިނުމާ ބެހޭ ގޮތުން ދެވަނަ ވިސްނުމަކަށް ދިއުމަށް އެދިފައެވެ.

"ކަޝްމީރުގެ ގިނަ ރައްޔިތުންނަކީ ޔޫއޭއީގެ ރައްޔިތުން ފަދައިން އެއް ދީނަކަށް ތަބާވާ މީހުން، އަދި ނުބައި އަމަލުތަކާއި އިންސާނީ ހައްގުތަކާ ހިލާފަށް އަމަލު ކުރުމާ ދެކޮޅަށް ތެދުވުމަކީ އިންސާނުންނަށްވީތީ އަޅުގަނޑުމެންގެ ޒިންމާއަކަށް ވުމުން، [މޯދީއަށް] އެ ޝަރަފު އެރުވުމާ ބެހޭ ގޮތުން އިތުރަށް ވިސްނުމަށް އަޅުގަނޑު އެދެން،" ނާޒް ޝާހް ލިޔުއްވި ސިޓީގައިވެ އެވެ.

އިއްޔެ ޔޫއޭއީގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މޯދީ ވަނީ ބަހްރެއިންއަށް ވަޑައިގެންފައެވެ. އެހެންކަމުން މޯދީ ވަނީ އެގައުމަށް ވަޑައިގެންނެވި ފުރަތަމަ އިންޑިއާގެ ބޮޑުވަޒީރަށް ވެވަޑައިގެންފައެވެ.

comment ކޮމެންޓް