"ބަވަތި"ގެ ޓިކެޓް ވިއްކަން ފަށައިފި

"ބަވަތި"ގެ 3ޑީ ޕޯސްޓަރު--- ފޮޓޯ/ ފޭސްބުކް

ދިވެހި ފިލްމު އިންޑަސްޓްރީއަށް މުޅިން އާ ފިލްމު ކުންފުންޏެއް ކަމަށްވާ 'އައި ފިލްމްސް'ގެ ފުރަތަމަ ފިލްމު "ބަވަތި"ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

އަންނަ މަހު ދެވަނަ ދުވަހު ސްކްރީން ކުރާ އެ ފިލްމުގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާއިރު އެ ފިލްމުގެ ޓިކެޓް ވިއްކަނީ 100 ރުފިޔާއަށެވެ. ފިލްމުގެ ޕްރިމިއާ ނައިޓްގެ ޓިކެޓް ވެސް އުޅެނީ ހަމަ އެ އަގުގަ އެވެ.

ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް އޮލިމްޕަސް ކައުންޓަރުން ޓިކެޓް ލިބެން ހުންނާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ބުންޏެވެ. އަދި ޓިކެޓް ވިއްކުން ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށްވެސް އޭނާ ބުންޏެވެ.

މާލެ އަދި ކާށިދޫގެ ހިތްގައިމު މާހައުލުގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ އިރު އެ ފިލްމަކީ ޒުވާން ދެމަފިރިއަކަށް ދިމާވާ ކަންތައްތަކެއް ފެނިގެންދާ ތްރިލާ ފިލްމެކެވެ.

"ބަވަތި" އެ ނަން ފިލްމަށް ދެވުނީ ފިލްމުގެ ސްޓޯރީ ލައިން އާ ގުޅޭތީ ކަމަށް ޑައިރެކްޓަރު އިލްޔާސް ބުންޏެވެ. މާނައަކީ ދެރަ ކަމެއް ވުމަށް ފަހު ދެންވާ ކަންތައްތަކެވެ.

ފިލްމުގެ ޓްރެއިލާއިން ސުވާލު އުފެދޭ ޝައުގުވެރި ގިނަ މަންޒަރުތަކެއް ފެނިގެން ވަނީ ގޮއްސައެވެ. އަދި މި ފިލްމަކީ ބެލުންތެރިން އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.

comment ކޮމެންޓް