ކައުންސިލްތަކަށް ބާރުދިނުމާ ގުޅޭ 2 ގަރާރެއް މަޖިލީހަށް

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --

އަތޮޅު ކައުންސިލްތަކާއި ރަށުގެ ކައުންސިލްތަކަށް ބާރު ދިނުމާ ގުޅޭ ދެ ގަރާރެއް ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ވަކި ވަކިން ހުށަހެޅި މި ދެ ގަރާރު ހުށަހެޅުއްވީ، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ އުނގޫފާރު ދާއިރާ މެމްބަރު އިބްރާހިމް ވަހީދާއި ހަމަ އެ ޕާޓީއަށް ނިސްބަތްވާ ހުޅުމާލެ ދާއިރާ މެމްބަރު އަލީ ނިޔާޒެވެ.

އިބްރާޙިމް ވަހީދު ހުށަހެއްޅުވާފައި ވަނީ ކައުންސިލްތަކަަށް މާލީ ބާރުވެރިކަން ދިނުމަށް ގޮވާލާ ގަރާރެވެ. އަލީ ނިޔާ ހުށަހެއްޅުވީ، ރަށްށުގެ ސަރަހައްދު ކަނޑައެޅުމާއި ރަށްރަށުގެ މުއްސަދިކަން އެރަށަކަށް ލިބިދިނުމަށް ގޮވާލާ ގަރާރެވެ.

މި ދެ ގަރާރުގައިވެސް ބުނެފައިވަނީ، ލާމަރުކާޒީ ގާނޫނު ތަސްދީގު ކުރެވުނުތާ އަށް އަހަރު ދުވަސް ވެގެން ދިޔަ އިރުވެސް، އަދިވެސް އެ ގާނޫނުގެ ހަގީގީ މަގުސަދު ހާސިލުވަމުން ނުދާ ކަމަށެވެ. އެގޮތުން އެ ގާނޫނުގެ ސަބަބުން ރައްޔިތުންނަށް ލިބެން ޖެހޭ ނަފާއާއި މަންފާ ނުލުބުމުގެ ސަބަބުން ކަންސިލްތަކުން ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ދިނުމާއި ރައްޔިތުންނާ ގާތުން ވެރިކަން ހިންގުމުގެ އުސޫލުތައް ތަންފީޒު ކުރުމުގައި ނުކުޅެދިފައިވާ ކަން ގަރާރުތަކުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އިބްރާޙިމް ވަހީދު ހުށަހެއްޅުވި ގަރާރުގައި ބުނެފައިވަނީ، ކައުންސިލްތަކަށް ދިމާވެފައިވާ މާލީ ހުރަސްތައް ނައްތާލައި، މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުމެވޭނެ ގޮތަށް ލާމަރުކާޒީ ގާނޫނު އެކުލަވާލުމަށެވެ. އެގޮތުން އޭނާ ވަނީ ޖުމަލަ ހަތަރު ކަމެއް ކުރުމަށް ގަރާރުގައި ހިމަނާފަ އެވެ.

  1. ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން ފަސް ޕަސަންޓަށްވާ ފައިސާ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލަކުން ކައުންސިލްތަކަށް ލިބިދިނުން.
  2. ކައުންސިލްތަކަށް ލިބިދޭ މާލީ އެހީތެރިކަމާއި ދައުލަތުގެ ބަޖެޓުން ދެވޭ ފައިސާގެ ސަބަބުން ދައުލަތުގެ ޖުމްލަ ހަރަދު އިތުރުވެގެން ނުދާނޭކަން ކަށަވަރުކުރުމުގެ ގޮތުން އެފައިސާއިން އެ އަހަރަކަށް ކުރުމަށް ކަނޑައަޅާ މަސައްކަތްތައްވެސް ކައުންސިލްތަކުގެ ދަށަށް ބަލުވާކަން މަޖިލީހުން ކަށަވަރުކުރުން.
  3. ބިމުގެ ކުޅީގެ ގޮތުގައި ސަރުކާރަށް ލިބޭ އާންމުދަނީގެ 40 ޕަސެންޓް، ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލަކުން ކައުންސިލްތަކަށް ލިބިދިނުން.
  4. ކައުންސިލްތަކަށް މާލީ ގޮތުން ބާރުވެރިކުރުމަށްޓަކައި ކައުސިލްތަކަށް ދޭ ފައިސާ ބޭނުން ކުރުމާ ގުޅޭ އުސޫލުތަކާއި އެ ފައިސާއާ ގުޅިގެން އުފެދޭ އިދާރީ އަދި މާލީ ޒިންމާތަައް ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރުމަށް މަޖިލީހުން އިގުރާރުވުން.

ރަށްރަށުގެ ސަރައްހަދު ގޮތުގައި ކަނޑައަޅަނީ އުރަފުށުން ފެށިގެން 500 މީޓަރުގެ ސަރަހައްދު!

އަލީ ނިޔާ ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ، ރަށްރަށުގެ ސަރަހައްދީ ދާއިރާގައި ހިމެނޭ އެއްގަމާއި ފަޅާއި ކަނޑުގައި ހިމެނޭ ގުދުރަތީ މުއްސަނދިކަމާއި އުމުރާނީ ތަރއްގީގެ ވަސީލަތްތަކަކީ، އެ ސަރަހައްދަކަށް ނިސްބަތްވާ ރައްޔިތުންގެ ހައްގުތަކާ ސީދާގޮތުން ގުޅިފައި އޮންނަޖެހޭ ތަންތަން ކަމަށެވެ. އެގޮތުން އެ ރައްޔިތުންނަށް އޭގެ ލާބަޔާ މަންފާ އެންމެ ފުރިހަމައަށް ލިބިގެންދާނެ ވަސީލަތްތައްކަމަށް އެ ތަންތަން ހަމަޖައްސަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ނައިބުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ އަލީ ނިޔާ ހުށަހެޅުއްވި ގަރާރުގައި ބުނެފައިވެ އެވެ. އެގޮތުން އޭނާ ގޮވާލާފައިވަނީ، ލާމަރުކަޒީ ގާނޫނަށް މިހާރުން މިހާރަށް ގެންންނަ ޖެހޭ އިސްލާހުތައް ގެނައުމަށެވެ.

ގަރާރުގައި ކުރަން ހިމަނާފައިވާ ކަންކަން:

  1. ކޮންމެ ރަށެއްގެ ސަރަހައްދުގައި ހިމެނޭ ރަށްރަށާއި ފަޅާއި ފަރުފަދަ ތަންތަނާއި، އެފަދަ ތަންތަން ބޭނުންކޮށްގެން ލިބޭ އާމްދަނީ ނިސްބަތްވަނީ އެ ރަށެށްގެ ރަށު ކައުންސިލަށް ކަމަށް މަޖިލީހުން ކަނޑައެޅުން.
  2. އެ ސަރަހައްދުތަކުން ލިބޭ އާމްދަނީ އިން ރަށު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ރަށުގެ އުމްރާނީ ތަރައްގީއަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމުގައި އަމަލު ކުރަން ޖެހޭނެ ގޮތް ގާނޫނުގައި ބަޔާން ކުރުން.
  3. ލާމަރުކަޒީ އުސޫލޫގެ ހަގީގީ މާނައާ އެއްގޮތައް ގަރާރުގައި ހިމެނޭ ކަންކަން ހިމެނޭ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުން.

ރަށްރަށުގެ ސަރަހައްދު ކަނޑައެޅުމަށް ގަރާރުގައި ހިމަނާފައިވާ ގޮތް:

  • ކޮންމެ ރަށެށްގެ ސަރަހައްދަކީ، އެ ރަށެއްގެ އުރަފުށުން ފެށިގެން 500 މީޓަރުގެ ސަރަހައްދުކަމުގައި ހެދުން.
  • އެއް ފަޅެއްގައި މީހުން ދިރިއުޅޭ ދެރަށް ހިމެނޭ ނަމަ، އެ ދެރަށުގެ ސަރަހައްދަކީ، އެ ދެ ރަށުގެ ދެމެދުން ހަމަހަމައަށް ވަކިކޮށްލުމުން ކޮންމެ ރަށަކަށް ޖެހޭ މިންވަރު.

ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް ދެ ގަރާރެއް މަޖިލީހަށް ހުށަހަޅާފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލޭގައި ބޭއްވި އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރަންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމަށް ކުރަންޖެހިފައިވާ އެންމެ މުހިންމު ކަމަކީ ލޯކަލް ކައުންސިލުތައް މާލީގޮތުން ލާމަރުކަޒީކުރުން ކަމަށެވެ.

ރައީސް ވިދާޅުވީ، ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓްގެ ފަސް ޕަސަންޓް ހާއްސަކުރުމަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅަން ނިންމާފައިވާކަމަށެވެ. ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސަންޓު، އަދި މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައި ހިމެނޭ ބިމު ކުލީގެ 100 ޕަސަންޓު ކައުންސިލަށް ދޫކޮށްލެވޭނެކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ބައެއް ކަންތައް ކައުންސިލްތަކާ ގުޅޭ ދެ ގަރާރުގައިވެސް ވަނީ ހިމަނުއްވާފަ އެވެ.

ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް، ކައުންސިލްތަކަށް ބާރުދިނުމަކީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ކައުންސިލްތަކަށް ބާރުދިނުމާ ގުޅޭ ދެ ގަރާރެއް މަޖިލީހަށް ހުށަހެޅި އިރު، ބޯހިޔާވަހިކަމާ ގުޅޭ ތިން ގަރާރެއް ހުށަހެޅުމައް މިއަދުގެ ޖަލްސާގައި ވަނީ އެޖެންޑާކޮށްފަ އެވެ. ޖުމްލަ ފަސް ގަރާރެއްގެ ފުރަތަމަ ކިޔުން އިއްވުމަށް މިއަދުގެ ޖަލްސާގައި ވަނީ ތާވަލްކޮށްފަ އެވެ.

comment ކޮމެންޓް