ބޯހިޔާވަހިކަމާ ގުޅޭ ތިން ގަރާރެއް މަޖިލީހަށް!

ޖޫން 26، 2019: ހިޔާ ފްލެޓުތައް، ކުދިކުދި އަލިފާންފޮށިތަކެއް: ބޯހިޔާވަހިކަމާ ގުޅޭ ތިން ގަރާރެއްގެ ފުރަތަމަ ކިޔުން މާދަމާ އޮންނާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޯހިޔާވަހިކަމާ ގުޅޭ ތިން ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ބޯހިޔާވަހިކަމާ ގުޅޭ ގަރާރުތައް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އާއި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު އަދި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވައުދެއްކަން މި ތިން ގަރާރުގައިވެސް ފާހަގަކޮށްފައިވެއެވެ.

ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ މިދިޔަ ބުދަ ދުވަހު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ގެދޮރު ނެތް މީހުންނަށާއި އަލަށް ކައިވެނި ކުރާ މީހުންނަށް ގޯތި ދެވޭ ވަރުގެ ރަށްރަށުން ގޯތި ދޫނުކޮށް އޮތުމުން މީހުން ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމުވެ ބިކަވަމުންދާ ކަމަށެވެ. އޭނާ ހުށަހެޅުއްވި ގަރާރަކީ އެކަން ސަރުކަރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅުއްވާފައިވާ ގަރާރެކެވެ.

މި ގަރާރުގައި ބުނެފައި ވަނީ ގޯތިދެވޭ ވަރުގެ ޖާގަ ހުރި ރަށްރަށުން އެފަދަ މީހުންނަށް ގޯތި ދޫކުރުން ލާޒިމް ކުރާ ބިލެއް ސަރުކާރުގެ ފަރާތުން އެކުލަވާލައި ދިވެހިންނަށް ހައްގުވާ ބޯހިޔާވަހިކަން ދާއިމީ ގޮތެއްގައި ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.

"މިކަމަކީ ވަރަށް ގިނަ ދިވެހި ރައްޔިތުންތަކަކަށް ދިމާވެފައިވާ މައްސަލައަކަށްވެފައި، ސަރުކާރުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން މިކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް އެދި ރައްޔިތުންގެ މަޖިލިހުން ގޮވާލަމެވެ،" ގަރާރުގައިވެއެވެ.

ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ހުށަހެޅުއްވި ގަރާރަކީ ވެށިފަހި މާލެ މާލެ ޕްރޮގްރާމުގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށާއި ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގޮވާލައި ހުށަހެޅުއްވި ގަރާރެކެވެ. މި ގަރާރު އޭނާ ހުށަހެޅުއްވީ މިދިޔަ އަންގާރަ ދުވަހު އެވެ.

މި ގަރާރަކީ ވެށިފަހި މާލެ މާލެ ޕްރޮގްރާމުގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށާއި ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން އަދިވެސް ހަމަޖެހިފައި ނުވާތީ އެ މައްސަލައަށް ގާނޫނީ ހައްލެއް ގެނައުމަށް މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާފައިވާ ގަރާރެކެވެ.

ބޯހިޔާވަހިކަމާ ގުޅޭ ބިލެއް ސަރުކާރުން އެކުލަވާލައި އެ ބިލު ފާސްކޮށް ވެށިފަހި މާލެ މާލެ ޕްރޮގްރާމުގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށާއި ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ދޭން ޖެހޭ ކަމަށް މި ގަރާރުގައިވެއެވެ.

ގަރާރުގައި އެދިފައި ވަނީ:

  • ބޯހިޔާވަހިކަމާ ގުޅޭ ބިލެއް ސަރުކާރުގެ ފަރާތުން ހުށަހެޅުން އަވަސްކޮށްދެއްވުމަށް
  • މާލޭގެ ރަށްވެއްސަކަށްވެ ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް އެ ބިލުގައި ކަނޑައެޅުން
  • ދިރިއުޅެވޭނެ އަމިއްލަ ތަނެއް ނެތް ނުވަތަ އާއިލާތަކަށް ދިރިނޫޅެވޭނެ ވަރުގެ ދަތި ބިންކޮޅުތަކުގައިއާއި ކުދި ފްލެޓުތަކުގައި އުޅޭ ފަރާތްތަކަށް ހުޅުމާލެއިން ނުވަތަ ގުޅީފަޅުން ނުވަތަ ތިލަފުށިން އެކަށީގެންވާ ވަރުގެ ފްލެޓު ނުވަތަ ގޯތި ދޫކުރުމުގެ އުސޫލުތައް އެ ބިލުގައި ކަނޑައެޅުން
  • ވެށިފަހި މާލެ ޕްރޮގްރާމު ހިންގާނެ އުސޫލެއް ބިލުގައި ކަނޑައެޅުން
  • ދައުލަތަކަށް މާލެއިން ބިމެއް ދޫކޮށްލުމުން ބަދަލުގައި ގޯއްޗެއް ނުވަތަ ފްލެޓެއް ގްރޭޓާ މާލޭ ސަރަހައްދުން ލިބޭނެ ގޮތް ބިލުގައި ކަނޑައެޅުން

ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވީ އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް ފްލެޓު ދޫކުރުމުގެ މަސައްކަތް އަވަސްކުރުމަށާއި ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގޮވާލައިވެސް ގަރާރެކެވެ. މި ގަރާރު އޭނާ ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހު އެވެ.

މި ބިލުގައި ހަތަރު ކަމަކަށް ގޮވާލާފައިވެއެވެ.

އެއީ:

  • ހައުސިން ނީޑްސް އަށް ބިނާކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުތައް އަވަސްކުރުން
  • ބިން ދަތިވެ، ބިން ހިއްކޭނެ ފަޅު ވެސް ނެތް ރަށްރަށުގައި، އެ ރަށްރަށާ ގާތުގައިވާ އެހެން ރަށްރަށާއިި ގުޅުވާލައި ބިން ބޮޑުކުރުމުގެ މަސައްކަތް ހިންގާނެ އުސޫލުތައް ކަނޑައެޅުން
  • ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ނުވަތަ ދިިރިނޫޅެވޭ ވަރުގެ ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅޭ ފަރާތްތަކަށް އެކަށީގެންވާ ވަރުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ކަނޑައެޅުން
  • މާލެ އާއި އެހެން ރަށްރަށާ ތަފާތު ކުރުމެއް ނެތި ބޯހިޔާވަހިކަން ބިނާކުރާނެ ތަނަވަސްކަމެއް ނެތް ފަރާތްތަކަށް ދިގު މުއްދަތުން ދައްކާ ހަލާސްކުރާ ގޮތަށް ލުއި ލޯނު ލިބޭނެގޮތް ފަހިކޮށްދިނުން

މި ތިން ގަރާރުގެ ފުރަތަމަ ކިޔުންވެސް މާދަމާ މަޖިލީހުގައި އޮންނާނެ އެވެ. މި ތިން ގަރާރުގެ އިތުރުން، ކައުންސިލުތައް ބާރުވެރިކުރުމާ ގުޅޭ ދެ ގަރާރެއްވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

comment ކޮމެންޓް