ހައިވޭ ޑިވައިޑަރުތައް ކޮންކްރީޓަށް ބަދަލުކުރަން ފަށައިފި

ބްރިޖު ހައިވޭގައި ކޮންކްރިޓް ޑިވައިޑަރުތައް ޖެހުމުގެ މަސައްކަތް ކުރިއަށް ދަނީ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސިނަމާލެ ބްރިޖު ގުޅިފައިވާ ހައިވޭގެ މެދުގައި ޖަހާފައި ހުރި ޕްލާސްޓިކް ޑިވައިޑަރުތަކުގެ ބަދަލުގައި ކޮންކްރިޓް ޑިވައިޑަރުތައް ބެހެއްޓުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.

ހައިވޭގައި ހިނގާ އެކްސިޑެންޓުތަކުގައި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑުވަމުންދާއިރު އެޗްޑީސީން މީގެ ކުރިން ވަނީ އެ ޑިވައިޑަރުތައް ވަރުގަދަކޮށް ހެދުމަށް ނިންމާފަ އެވެ.

އެކަމާއި ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހައިލް 'ސަން' އަށް ވިދާޅުވީ، ކޮންކްރިޓް ޑިވައިޑަރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ކަމަށެވެ. ކުރިން ހުރި ޕްލާސްޓިކް ޑިވައިޑަރުތަކުގެ ބަދަލުގައި ކޮންކްރިޓް ޑިވައިޑަރަށް ބަދަލުކުރަން ނިންމާފައިވަނީ ފުލުހުންގެ ރިކޮމެންޑޭޝަނާއެކު ކަން ސުހައިލް ފާހަގަކުރިއެވެ.

ބްރިޖު ހައިވޭގައި ކޮންކްރިޓް ޑިވައިޑަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދަނީ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކޮންކްރިޓް ޑިވައިޑަރުތައް ބެހެއްޓުމުގެ ވާހަކަތައް އެންމެ ފުރަތަމަ ދެކެވެން ފެށުމާއި އެކު ބައެއް އާންމު ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެއީ ދުއްވާ މީހުނަށް ދެވޭނެ އިތުރު އަނިޔާއެއްގެ ގޮތުގައި ވެސް ސިފަ ކޮށްފައެވެ.

އެކަމަށް ރައްދު ދެއްވައި ސުހައިލް ވިދާޅުވީ، އާންމުންގެ އެ ކަންބޮޑުވުމާއި އެކު އެކަމާއި ގުޅިގެން އެޗްޑީސީއާއި ފުލުހުންގެ އިތުރުން ކަމާއި ގުޅޭ އިތުރު ފަރާތްތަކާއި އެކު މަޝްވަރާ ކުރެވުނު ކަމަށާއި އެހެން ނަމަވެސް އެކަމުގެ އެންމެ ރައްކާތެރި ގޮތަކަށް ފެނުނީ ކޮންކްރިޓް ޑިވައިޑަރު ބެހެއްޓުން ކަމަށް ސުހައިލް ވިދާޅުވިއެވެ.

ބްރިޖު ހައިވޭގައި ހުރި ޕްލާސްޓިކް ޑިވައިޑަރުތައް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"ޕްލާސްޓިކް ޑިވައިޑަރުތައް ހުންނައިރު ވަރަށް ބޮޑަށް ނުރައްކާ އެބައޮތް އެއް ފަޅިން އަންނަ ވެހިކަލްތައް ޑިވައިޑަރުތައް ފުނޑުކޮށްލާފައި އަނެއް ލޭނައް އަރަމުންދާއިރު އެ ލޭނުން އަންނަ މީހުނަށާއި ވެހިކަލްތަކަށް ގެއްލުން ވުމުގެ،" ސުހައިލް ވިދާޅުވި އެވެ.

ބްރިޖާ ގުޅިފައިވާ ހައިވޭގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ހުނާން އިންޖިނިއަރިން އިންނެވެ. އެ މަސައްކަތަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދު ކުރިއެވެ.

comment ކޮމެންޓް