މަޖުބޫރު ވީމާ - (8)

މަރިޔަމް ހިމްނާގެ މަޖުބޫރު ވީމާ--

"ކޮބާ ހީވޭ ކަމެއްހެން... އަހަރެން ކަލޭ ހޯދައިފީމެއްނު. ދެންވެސް މަށައް ފިލަން ނޫޅެއްޗޭ... ތިހާ ލޯބި ޕަރީއެއް އެހާ ފަސޭހައިން ދޫކޮށްލާނީ ކިހިނެތްތަ؟" އެމީހާގެ އަޑު އިބާގެ ކަންފަތުގައި ގުގުމާލިއެވެ. އެއާއެކު އިބާ އިތުރަށް ދެލޯ މަރާ ތަގުޅިކޮށްލިއެވެ. އިބާގެ ދެކޮނޑުގައި ހިފާ އެމީހަކު ތަޅުވައިގަތެވެ. ދެލޯ ހުޅުވާލަން އިބާއަށް މަޖުބޫރުވީ ތަދުވީތީއެވެ. މަޑުމަޑުން ދެލޯ ހުޅޫވާލުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ އޭނާގެ ދެއަތް ދެފަރާތުން ގައިދުކޮށްލައިގެން މޫނާ ދިމާ ގުދުވެ އޮތް ޒުވާނާއެވެ.

*****

އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތް އިބާ އެނދުން ތެދުވުމާއެކު ވަށައިގެން ހޯދާލިއެވެ. ފެނުނީ ބިރުވެރި ހުވަފެނެކެވެ. ބިރުވެރި ހުވަފެނަކަށްވުން އެކަންޏެއް ނޫނެވެ. އޭނާގެ ނަފްސުގެ ހަމަޖެހުން ނަގާލާ އަމިއްލަ ހިންހަޖެހުން އަލިފާނުގެ ތެރެއަށް ވައްޓާލާ އަންދާލާފަދަ ޒަލްޒަލާއެކެވެ. އަވަސްއަވަހަށް ނޭވާލަމުން ދިޔަ އިބާ ދިޔައީ ހަމައަކަށް އެޅެން މަސައްކަތް ކުރަމުންނެވެ. ފެނުނު ހުވަފެނުގެ ސަބަބުން ފާޑެއްގެ ގިލަންވެރިކަމެއް މުޅި ހަށިގަނޑުގައި ދަތުރުކޮށްލުމާއެކު އެއީ ނުބައި ފާލެއްކަމުގައި އިބާ ނިންމިއެވެ. ކުރީ ރޭ އެ ޒުވާނާ އާއި ދިމާވުމާއި އެކު އެކީ މިރޭ އެ ހުވަފެން ފެނުން އިއްތިފާގަކަށް ވެދާނެހެއްޔެވެ؟ ހުވަފެނަކީ ހަމަ ބިލާހެއްހެއްޔެވެ؟ ޝައްކުގެ އޮއިވަރު ހިތުގައި ހިނގައިގަތްލެއް ބޮޑުކަމުން އޭނާއަށް މޭގައި އަތް އަޅާލެވުނެވެ.

******

ޖެހިގެން އައި ދުވަހު ވިއްސާރަ ވިގޮތަށް މުޅި އެ ހަފްތާވެސް ދިޔައި ވިއްސާރަކޮށެވެ. އިންޑިއާ ކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑުގެ އަސަރު ރާއްޖޭގެ ގިނަ ރައްތަކަށް ކުރަމުން ދިޔައެވެ. ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއްވެސް ލިބެމުންދިޔައެވެ. ސަލާމަތީ ބާރުތަކުގެ އިތުރުން ފުލުހުންވެސް ދިޔައީ ގައުމުގެ ރައްކާތެރިކަން ކަށަވަރުކޮށްދެމުންނެވެ. ނަވީންމެން ފުރީވެސް އެހާ ވިއްސާރަ ދުވަހަކުއެވެ.

ނަވީން މެން ފުރި ފަހުންވެސް ތިން ދުވަސް ފާއިތުވެއްޖެއެވެ. ވިއްސާރައަށް ކުޑަވެސް ބަދަލެއްނާދެއެވެ. ކަނޑުގަދަވެ އަންނަ ކޮޅިގަނޑުގެ ބާރުގަދަކަމުން ކަނޑު ދަތުރު ފަތުރު ނުކުރަން ސަލާމަތީ ބާރުތަކުން ލަފާދިނެއްކަމަކު ފުރާ މީހުން އެއްވެސް ޖެހިލުމެއްނެތި ފުރަމުންދިޔައެވެ. ކަނޑުމަތީގެ ހާދިސާތައް އިތުރުވެ ކޮންމެ ދުވަހަކު އެތައް ބަޔަކު ކަނޑުމަތިވެއެވެ.

ޝަކީބު ރެޑްލީފް ކުންފުނީގެ މައި އޮފީހަށް ގޮސް ގެއަށް ދިޔަ މަގުމަތީގައި ވަކި ހިސާބަކުން ޑްރައިވަރު ގާތު މަޑުކޮށްލަން ބުނެލިއެވެ. އޭރު އެމީހުންނަށް ތިބެވުނީ މާފަންނުކޮޅުގައެވެ. މަގުގެ ދެކޮޅު ބަލާލުމަށްފަހު ތަންކޮޅެއް ދުރުގައި ކާރު ޕާރކުކޮށްފައި މަޑުކޮށްލުމަށް ޑްރައިވަރު ގާތު ބުނުމަށްފަހު އޭނާ ކާރުން ފައިބައިގެން މަޑު ފިޔަވަޅުތަކެއް ގައި ކުރިއަށްދާން ފެށިއެވެ. ނަސީބަކުން އެވަގުތަކީ ވާރޭ ހުއްޓާލާފައި އޮތް ވަގުތެކެވެ. އެހެންނަމަވެސް އޭރުވެސް ވިލާގަނޑެއް އަންނަން އުޅޭފަދަ އަސަރުތަކެއް ފެންނަމުންދިޔައެވެ. ވައިވެސް ގަދައެވެ. އުޑުމަތީގައި ކަޅު ވިލާތައް އެކަތި އަނެކެއްޗާ ގުޅި ލާމެހެމުން ބައިގަނޑު ބޮޑުކުރަމުން ދެއެވެ. އޭނާ މަޑުކޮށްލީ ކުރިން ދުވަހު ޔާސިރުވެސް އައި ގޭގެ ކުރިމައްޗަށެވެ. އިރުކޮޅަކު އެގެއަށް ބަލަން ހުރުމަށްފަހު މަގުގެ ދެކޮޅު ބަލާލުމަށްފަހު އިތުރު މީހަކަށް ހިލަން ނުވާނޭ ފަދައަކުން ގޮސް ގޭތެރެއަށް ވަނެވެ. ފަރިތަކަމާއެކު އޭނާ އެތަނުގައި ހިނގަމުން ދިޔައެވެ.

އެންމެ ފުރަތަމަ ޖެހުނު ދޮރު ކައިރީގައި މަޑުކޮށްލަމުން އޭނާ ތަޅަށް ނަޒަރު ހުއްޓާލިއެވެ. ފޯނުގެ ފްލޭޝް ލައިޓްގެ އަލި ނޫން އެހެން އައްޔެއްނުވެއެވެ. އޭނާ ތަޅަށް އަލިކޮށްލިއެވެ. ތަޅުގައި ހިރަފުސް ހުރީ ކޮންމެވެސް ވަރަކަށެވެ. ވަށައިގެން ލައިޓް އަޅުވާލުމުންވެސް ކިލާއާއި ހިރަފުސް ނޫން އެއްޗެއް ނުފެނުނެވެ. އެހެންކަމުން ތަޅަށް ބަލާލުމަށްފަހު އޭނާ ވިސްނާލިއެވެ. ޔަގީނުންވެސް މިތަނަށް މީހަކު ވަދެފިއެވެ. ދެ ވިސްނުމެއްގައި ހުރެ އޭނާ އެތެރެއަށް ދެމިގަތެވެ. އިސާހިތަކު އޭނާގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެންދިޔައެވެ. ބޮލުގައި ވެސް ހިފައްޓާލިއެވެ. އެކޮޓަރި ތެރޭގެ ހަނދާންތަކެއް ފަނޑުފަނޑުކޮށް އޭނާގެ ސިކުނޑީގައި ކުރެހެމުންދިޔައެވެ.

"ހެޔޮނުވާނެ... އަހަންނަށް ތިހެން ނަހަދާ... އަހަރެން ދޫކޮށްލާ... އަހަރެން އެ ހުރިހާކަމެއް ސިއްރުކޮށްދޭނަން... އެއްވެސް މީހަކު ގާތު ނުބުނާނަން... އަހަންނަށް ރަހުމު ކުރޭ... ތިހާ އަނިޔާވެރިނުވޭ..." ކަންފަތުގައި އަދިވެސް ހީވަނީ އެ އަޑުތައް ގުގުމަމުންދާހެންނެވެ. އެވާނީ ހަޅޭކާ އާދޭސްތަކާއި އާހުގެ އަޑު ކަންފަތުގެ ތޫރީގެ ތެރޭގައި ހަރުލާފައިވާކަހަލައެވެ. ސިކުނޑީގެ ތެރޭގައި ގައިދުކޮށްލެވިފައިވާ ފަދައެވެ. ބައެއްފަހަރު ލޮލަށް މަންޒަރުތައް ސިފަވަމުން ދާހެންވެސް ހީވެއެވެ. މަޑުމަޑުން އެކޮޓަރި ތެރެއިން ނުކުމެ ޝަކީބު ފުންނޭވާއެއް ދޫކޮށްލިއެވެ. އެހުރި ގޮތަށް ހުރެ ފަހަތަށް ފިޔަވަޅެއް އަޅާލުމަށްފަހު މަޑުމަޑުން ސިޑިއާ ދިމާލަށް އެނބުރުނެވެ. ހިތަށް ވެރިވި ހިޔާލާއެކު އޭނާގެ ހަށިގަނޑަށް ކުޑަ ލޮޅުމެއް އަރައިގެން ދިޔައެވެ. މުޅި އެތަނުގައި ވަނީ ނާމާންކަމެކެވެ. ބުނެދޭން ނޭނގޭފަދަ މަޑުމައިތިރިކަމެކެވެ. ކޮންމެއަކަސް ހިތުގައ ހިނގަންފެށި ހައިޖާނުގަނޑުގެ ސަބަބުން މި ފަހަރު ހަމަ ރަނގަޅަށްވެސް ޝަކީބުގެ ހަށިގަނޑުގައި މަޑު ފިންޏެއް ދަތުރުކޮށްލިއެވެ.

ސިޑިން އަރަމުން ދިޔައިރުވެސް އޭނާގެ ކަޅި އެކި ދިމަދިމާލަށް ދަތުރު ކުރަމުންދިޔައެވެ. ހީވަނީ ކޮންމެވެސް ބިރުވެރިކަމަކާއި ކުރިމަތިލާން ޖެހިދާނެތީ އުޅޭހެންނެވެ. އެހާ އުދާސްވެފައިވާ މޫނެއް މީގެ ކުރިން ޝަކީބުގެ ކިބައިން ފެނިފައި ނުވާނެކަން ގައިމެވެ. ސިޑިން ޖެހިގެން އިންބަޔަށް އެރުމަށްފަހު ޝަކީބު އޭނާގެ ވާއަތް ފަރާތަށް ނަޒަރު ހިންގާލިއެވެ. ހިރަފުސްކަމުން މީހާ ކޮށި އަރާގޮތްވިނަމަވެސް އޭނާ މަޑުމަޑުން ފާރާ ދިމާލަށް ފިޔަވަޅު އަޅަން ފެށިއެވެ. ފާރުގެ މެދާ ހިސާބަށް ހުއްޓިފައި މެދުގައި ހަރުކޮށްފައިވާ ފިލާގަނޑުގައި އަތް ހިންގާލިއެވެ. އިރުކޮޅަކު ފިލާގަނޑަށް ބަލަން ހުރުމަށްފަހު ފިލާގަނޑު މަޑުމަޑުން ނައްޓާލިއެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ރާނާ ގާތަކެކެވެ. މަޑުމަޑުން ފަހަރަކު ގަލެއް ނެގުމަށްފަހު އޭނާ ތިރީގައި އެ ގާތައް ބެހެއްޓިއެވެ. އެއަށްފަހު ހިންދެމިލަމުން އެތެރެއަށް ނަޒަރު ހިންގާލިއެވެ. ލައިޓް ރަނގަޅަށް އެދިމާލަށް ދިއްލާލުމާއެކު ފެނުނު އެއްޗެއްގެ ސަބަބުން މީހާގެ ނޭވާވެސް ތާށިވެއްޖެއެވެ. އަތުގައި އުފެދުނު މަޑު ތުރުތުރު އެޅުމާއެކު ފޯނުވެސް ދޫނުވީ ކިރިއާއެވެ. ދެފައިން ވާގި ދޫވެ ހުރިތަނަށް ވެއްޓިދާނެކަމުގެ އިހްސާސްކުރެވިގެން ދިޔުމާއެކު ފާރުގެ އެހީ ޝަކީބު ހޯދިއެވެ. މީހާ ހަމައަކަށް އެޅެން އެތައް އިރެއް ނެގިއެވެ. އަނެއްކާވެސް އެތަނަށް އަލިކޮށްލިއެވެ. ތުރު ތުރު އަޅަމުން ދިޔަ އަތަކުން އޭނާ އެތެރެއަށް އަތް ކޮށްޕާލާފައި އެއްޗެއް ނެގިއެވެ. ދެލޯ މަރާ ތަގުޅިކޮށްލުމަށްފަހު ކުޑައިރަކުން އޭނާ ލޯ ހުޅުވާލިއެވެ. ލައިޓް އަލި ކޮށްލުމާއެކު ދެން އިވިގެން ދިޔައީ އެ އެއްޗެއް ވެއްޓުނު އަޑެވެ. އަތަށް ވެރިވި އުދަގޫކަމާއެކުވެސް ދެވަނަ ފަހަރު އެ ޝަކީބު ނެގިއެވެ. އެއަށްފަހު ލައިޓް އަޅުވާލިއެވެ. އަތުގައި އޮތީ ކަތިވަޅިއެކެވެ. އެއަށް ބަލަހައްޓައިގެން ޝަކީބު ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. މާޒީގެ ހިޔާލުތައް މީހާ ވަށާލަމުން ދިޔަ އިޙްސާސްއެއް ކުރެވިގެން ދިޔައެވެ. އަވަސް އަވަހަށް އެ އޮތްތަނަށް ލުމާއެކު އޭނާ އެތަނުން ނުކުންނަން ދުއްވައިގަތެވެ. ބޭރަށް ނުކުމެވުނު އިރު އޭނާއަށް މާނޭވާ ލެވެއެވެ. އޭރު ވާރޭވެސް ވެހެމުން ދިޔައެވެ. އަވަސް އަވަސް އަރުވާލާފައި އޭނާ ވާރޭގެ ތެރޭގައި ދުވަމުން ގޮސް ކާރަށް އަރައިފިއެވެ. އޭރު ޝަކީބުއަށް ނޭނގުނު ކަމަކީ ކޮންމެވެސް އެހެން މީހެއްގެ ލޮލުގައި އެ މަންޒަރު އަޅައިގަތްކަމެވެ.

ރޭގަނޑުގެ ވަގުތެވެ. ޝަކީބު އޭނާގެ ކޮޓަރީގައި ހުރި މޭޒު ދޮށުގައި އިން އިރުވެސް ދިޔައީ ބޮޑުކަމަކާ ވިސްނަމުންނެވެ. އަދިވެސް މީހާގެ ނަފްސުގައިވި ނުތަނަވަސްކަން ބަދަލެއްނުވެއެވެ. މުޅި ނަފްސު ހިސޯރުކޮށްފައިވަނީ މީގެ އަހަރުތަކެއް ކުރީގެ ހަނދާންތަކަކުންނެވެ. ދޭތެރެދޭތެރެއިން ނަވީންގެ ހިޔާލުތަކުން އެކަނިވެސް އެ ނުތަނަވަސްކަން އިތުރުކޮށްލައެވެ. އެފަދަ ހިޔާލުތަކެއްގައި އިންދާ ޝާކިރުއަށް ފޯނު ކޯލެއް އައެވެ. ގުޅަނީ ޔާސިރުކަމުން ދެ ވިސްނުމެއްގައި އިނދެ އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. އެއަށްފަހު އެކޮޅުން ވާހަކަ ދައްކަންދެން މަޑުކޮށްލިއެވެ. ގޮނޑިން ތެދުވެގެން ގޮސް ކުޑަ ދޮރުކައިރިއަށް ހުއްޓިފައި ދޮރުކަނީގައި އަތް ވިއްދާލިއެވެ. މޫނުމަތިން ފެންނަނީ ސީރިއަސް އަސަރުތަކެކެވެ.

"އަހަންނާ ބައްދަލުކުރަން ޔާސިރު ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ... އަހަރެމެން ދެމީހުންގެ އެކުވެރިކަމާއި ގާތްކަމަކީ މިހާރު އޮތް އެއްޗެއް ނޫން...." ޔާސިރުގެ އެދުމާ ދެކޮޅު ހަދަމުން ޝާކިރު ވާހަކަދެއްކީ އިރުކޮޅެއް ފަހުންނެވެ. އޭރު އެ މޫނުމައްޗަށް ކޮންމެވެސް ކަހަލަ ރުޅިވެރި އަސަރުތަކެއް ވެރިވިއެވެ.

"އަހަރެމެން ދެމީހުންގެ އެކުވެރިކަން ނިމުނަސް... ދުޝްމަނުންނަށްވެ ހަތުރުންނަށްވެ ނިމިދިޔަސް... އަހަރެމެން ދެމީހުންވަނީ ބުނެދޭން ނޭނގޭ ފަދަ ވާފަށަކުން ބަނދެވި އެކަކު އަނެކަކާ ވަކި ނުވެވޭވަރު ވެފައިކަން ތި ތެތްކަމެއް ނެތް ސިކުނޑިއަކަށް ވިސްނައެއް ނުގަނެވޭތަ؟ ވާހަކަ ނުދައްކަން ބޭނުންވިޔަސް އުމުރުގައި އެކަކު އަނެކަކު ގާތު ދައްކަން މަޖުބޫރުވާ ބައެއް ވާހަކަތައްވެސް ހުރެދާނެއެއްނު" ޔާސިރުގެ އަޑުގައިވި ބޮޑާ ރާގުން ޝަކީބު ދަތްކުނޑި ވިކާލިއެވެ.

"ބިރުގަތީތަ؟ އަހަރެން ހިޔެއްނުކުރަން ތީ އެހާ ފިނޑި މީހެއްކަމަށް... ހީކުރިގޮތަކަށް ނުވިތާ!" މަލާމާތުގެ ރާގަކަށް ދެވަނަ ފަހަރު ޔާސިރު ބުނުމާއެކު ޝަކީބު އެއްބަސްވިއެވެ. ޔާސިރު ބުނާ ތަނަކުން ދިމާކުރާށެވެ.

"ކޮންތާކުން ދިމާކުރަންވީ؟" ޝަކީބު ސުވާލުކޮށްލިއެވެ. އެ ސުވާލުގެ ޖަވާބުގައި އެކޮޅުން ޔާސިރު ބުނެލި ވާހަކައިން ޝަކީބުއަށް ދޮރުކަނިން އަތް ނައްޓާލެވުނެވެ. މިރޭގެ އެގާރަ ޖަހާއިރު އަންނަން ބުނެފައި އިތުރު އެއްޗެއް ނުބުނެ ޔާސިރު ފޯނު ބޭއްވުމާއެކު ފޯނުގެ ސްކްރީން ނިވެންދެން ޝަކީބު ބަލަހައްޓައިގެން ހުއްޓެވެ. ފުންނޭވާއެއް ދޫކޮށްލަމުން ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ. އަނެއްކާ މިއުޅެނީ ބޮޑުކަންތައްތަކެއް ފެށެން ހެއްޔެވެ؟. އެއްކޮޅުން ނަވީންއެވެ. މިހާރު ޔާސިރު މިއުޅެނީ ކީކުރަންހެއްޔެވެ؟ ހަތަރުފާރު ދޭތެރޭގައި ފިތޭފަދަ އިޙްސާސްއެއް ކުރެވިގެންދިޔައެވެ.

ކޮންމެއަކަސް ޔާސިރު ދައްކާވާހަކައެއްވެސް އަޑު އަހަން އެބަޖެހެއެވެ. ޔާސިރު އެބުނީވެސް ތެދެކެވެ. އޭނާ ވެސް އެހުރީ ހަމަ ގައިދުވެފައެވެ. ރީތިވެގެން އެކަނިމާއެކަނި ކާރުގައި ޔާސިރު އެބުނާ ހިސާބަކަށް ދިޔައެވެ. ގޮސް ތަންކޮޅެއް ދުރުގައި ކާރު ޕާރކުކޮށްލާފައި އޭނާ ގޮސް ހުއްޓުނީ މިއަދުވެސް އައި އިމާރާތުގެ ކުރިމައްޗަށެވެ. ޔާސިރުއަށް މެސެޖުކޮށްލުމަށްފަހު އޭނާ މަޑުކޮށްލިއެވެ. މެސެޖަށް ބަލާލާފައި އިރުކޮޅަކު އެތަނުގައި ހުރެފައި އޭނާ ވަށައިގެންބަލާލިއެވެ. އެ ބަލާލި ބަލާލުމުގައި ޔާސިރުގެ ކާރުވެސް ލޮލުގައި އަޅައިގަތެވެ. އަވަސް އަވަހަށް އިމާރާތުގެ އެތެރެއަށް ވަނެވެ. ލައިޓް ޖައްސައިގެން ހުރެ ވަންނަމުންދިޔަ ޝަކީބުގެ ނަމުން މީހަކު ގޮވާލުމާއެކު އޭނާ ހުއްޓުނެވެ. ޔާސިރުގެ އަޑު ކަމަށްވުމާއެކު އޭނާ ވަށައިގެން ބަލާލިއެވެ. ތަންކޮޅެއް ދުރުގައި ލައިޓެއް ދިއްލައިގެން ހުރި ޔާސިރު ފެނި އޭނާ އެ ދިމާލަށް ދިޔައެވެ. ދެމީހުންގެ ފޯނުގެ އަލީގެ ސަބަބުން މުޅި އެތަނަށް ކޮންމެވެސް ވަރެއްގެ މަޑު އަލިކަމެއް ފެތުރިފައިވެއެވެ. ދެމީހުންގެ މޫނު ވަކި ކުރެވޭހާ ވެއެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ހަމައެއާއެކު މޫނުމަތީގެ ކުލަވަރު އެކީ ބަދަލުވެގެން ދިޔައެވެ.

ސައްބީސް އަހަރު ކުރި

*****

އިމާރާތުގެ ކޮޓަރި ތެރޭން އިވެމުން ދަނީ މަޑު ގިސްލުމެއްގެ އަޑެވެ. ބައެއްފަހަރު އަޑު އަންނަ ގޮތުން ވަރުބަލިވެ ނިދެނީހެން ހީވެއެވެ. އަނެއްބައިފަހަރު އެ ގިސްލުމުގެ އަޑު ބާރުވެލާގޮތުން ހީވަނީ ލިބެމުން ދާ ވޭނީ އަނިޔާއަކަށް ކެތް ނުކުރެވިގެން ރޮނީހެންނެވެ. ރޭގަނޑުގެ ހަމަހިމޭންކަމުގެ ތެރެއިން ފުރޭނިގެން ކަހަލަ ގޮތަކަށް ދޮރުން ބޭރަށް ނުކުންނަމުންދިޔަ މަޑު ވޭނީ ގިސްލުމުގެ އަޑު އިވޭ ކޮންމެ މީހެއްގެ ހިތަށްވެސް ރަހުމު ވަންނާނެކަން ޔަގީނެވެ. އެހެންނަމަވެސް.... މިރޭ އެ ގިސްލުމުގެ އަޑު އަހަން އެ ތިބި ދެމީހުންނަކީ ފަހަރެއްގައިވެސް އެ ހިތްތަކުގައި ރަހުމާއި ކުލުނުގެ ކަންފުޅެއްވެސް ހުރި ބައެއްނޫނެވެ. އެމީހުންގެ ހިތް ހަރު ހިލަގަނޑޭ އެއްވެސް ތަފާތެއްނެތެވެ. އެހެނެއްކަމަކު މޫނުމަތީގައި ވަނީ ކިބުރުވެރިކަމާއި ބޮޑާކަމުން ފެވިފައިވާ ނުލަފާ ހިނިތުންވުމެކެވެ. އެތަނުން އެކެއްގެ އަތުގައި ސިނގިރޭޓެއް އޮތެވެ.

"އޭތް... ޝާކިރު ބަލާލަބަލަ ވާނުވާ" އެކަކުގެ އަޑު އިވިލިއެވެ.

ޝާކިރު މަޑުމަޑުން އެ ކޮޓަރިއާ ދިމާލަށް ފިޔަވަޅު އަޅަން ފެށިއެވެ. ވަކި ހިސާބަކަށް ގޮސްފައި ސިނގިރެޓް އެއްލާލުމަށްފަހު އޭނާ އެއަށް ފައިން އަރާ ޗިސްކޮށްލީ އެތެރޭގައި ހުރި މީހާވެސް އެ ފަދައިން ޗިސްކޮށްލަން ބޭނުންވެފައިވާ ފަދައަކުންނެވެ. ދޮރު ގައި އަޅުވާފައި އިން ޗޭނުގަނޑާއި ތަޅު ނައްޓާލުމަށްފަހު އޭނާ މަޑުމަޑުން އެތެރެއަށް ވަދެލިއެވެ. އެއްމިޔަކަށް ހީލުމާއެކު ގޮނޑީގައި ބަދެފައި އިން އަންހެން މީހާއަށް ނަޒަރެއްދިނެވެ. މަޑުމަޑުން އެމީހާ އާއި ދާދި ގާތަށް އައުމަށްފަހު އެމީހާގެ އަނގަމަތީގައި ބަނދެފައި އޮތް ފޮތިގަނޑު ނައްޓާލަން އުޅުނެވެ. އެހެންނަމަވެސް އޭގެ ކުރިން އެ އަންހެންމީހާގެ މޫނާ ދިމާ ގުދުވެ އޮވެ ޝާކިރު އިންޒާރެއް ދިނެވެ.

"ހަނދާންކުރާތި! ހަޅޭއްލަވައިފިއްޔާ ކަލޭގެ ފުރާނަވެސް ރޮއިގަންނަވަރު ކުރާނަން...." ޝާކިރުގެ އެދުމަށް އޭނާ މަޑުމަޑުން ބޯ ޖަހާލިއެވެ. ބިރުން މީހާ ވިރިވިރި އިން އިރު ޝާކިރު ފެނުމާއެކު އާދަޔާ ހިލާފަށް މުޅި އެ ހަށިގަނޑު ހަރުކަށިވެ ތުރު ތުރު އެޅުމެއް އުފެދުނެވެ. އަނގަމަތީގައި އަޅާފައި އޮތް ފޮތިގަނޑު ނައްޓާލުމާއެކު އެ އަންހެން މީހާ ކޮންމެވެސް އެއްޗެއް ބުނަން މަސައްކަތް ކުރިއެވެ.

"ފެން... ފެން...." ކަރުއެލުވާލުމަށްފަހު ކިރިއާ އަޑު އިވޭވަރަށް އެ މީހާ ބުނެލިއެވެ. އޭރު އެ މޫނުމަތީގައި ދާތިކިތައް ވިދަމުން ދެއެވެ. ދެލޯ ކައިރީގައި ދުޅަކަމެއް ހުރިއިރު މޫނުމަތީގެ އެކި ތަންތަން ހުރީ ވަރަށް ބޮޑަށް ނޫފައިގަނެފައެވެ. ތުންފަތް ފަޅައިގެން ގޮސް ލޭހިކިފައިވާއިރު އަތްތަންތަންވެސް ވަނީ މަށައިގެން ގޮސްފައެވެ.

"ފެން ދެވިދާނެ....." ޝަކީބު އެއްފަރާތުގައި ހުރި ފުޅިއަކުން ތައްޓަކަށް ފެން އަޅައިގެން ގެނެސް އެ އަންހެން މީހާއަށް ދިއްކޮށްލިއެވެ. ގޮނޑިއާއެކު އެ އަންހެން މީހާގެ އަތް ބަނދެފައިވުމުން އެމީހާ ޝަކީބުއަށް ބަލާލިއެވެ. ވެރިކޮށްލި ނުލަފާ ހިނިތުންވުމާއެކު ޝަކީބު މަޑުމަޑުން އެމީހާގެ ތުމުގައި އެ ފެންތަށި ޖައްސާލިއެވެ. ދަމާލި ފުރަތަމަ ކޯވަރާއެކު އެމީހާ އޯކާ ދެމިގަތެވެ. އިސާހިތަކު ހޮޑުލެވިއްޖެއެވެ.

"ކަލޭ ނުބުނަމެއްނު ރީތިފެންދޭށޭ... އެހެންވެ އަހަރެން ކަލެއަށް ދިނީ ލޮނުފެން... ބޭނުންތަ އަދި؟" ޝަކީބު އަހާލިއެވެ.

އެމީހާ ދެފަރާތަށް ބޯ ހޫރާލިއެވެ. ކަރުނަތައް ކޯތާފަތުން ތިރިއަށް ރޮނގުދެމިގެން ދާން ނެގީ މަދު ސިކުންތުކޮޅެކެވެ. އިސްޖެހިފައި އިންދާ އޭނާގެ ލޮލުގައި ދެން އަޅައިގަތީ ދާދި ގާތަށް އައިސް މަޑުކޮށްލި މީހާގެ އޮފްކަން ގަދަ ކަޅު ބޫޓެވެ. ކަރުނަ ޖަމާވެފައިވާ ދެލޮލުން އެ ބޫޓަށް ނަޒަރު ހުއްޓާލައިގެން އިންދާ އެ ފުސްކަމުގެ ތެރެއިން އޭނާގެ ދެލޮލާ ދިމާލަށް އައި ބޫޓު އަޅައިގަތެވެ. އިސް އުފުލާނުލެވި އުޅެނިކޮށް ނޭފަތު ކުރީގައި ޖެހުނުލެއްބާރުކަމުން ނޭފަތް ފަޅައިގެން ގޮސް ލޭއަންނަން ފެށިއެވެ. ބެލެންސް ނުކުރެވި ގޮނޑި ތަޅުގަނޑުމައްޗަށް ވެއްޓުނު ގޮތުން ބޯ ޖެހި ބޮލަށްވެސް އަނިޔާވިއެވެ. އެއްވެސް ރަހުމެއްނެތް ގޮތުގައި އެ އޮފްކަން ގަދަ ކަޅު ބޫޓުގެ ހަމަލާތައް އޭނާއަށް އަމާޒުވަމުން ދިޔައެވެ.

ދެލޯ މަރާ ލައިގެން އޮތީ ހުޅުވާލާ ގަޑީގައި ލޮލަށްވެސް ހަމަލާއެއް އަމާޒުވެދާނެތީއެވެ.ތަދުތަކަށް ކެތްކުރަމުން ތުންފަތުގައި ދަތް އަޅާލައިގެން އޮތް އިރު ހެއްދެވި ފަރާތަށް ދުޢާ ކުރަމުން ދިޔައީ މި ޖަލުން އޭނާ މިނިވަންވޭތޯއެވެ. އެ އަނިޔާވެރިން މަރުވާނެނަމައޭ ހިތަށް އެރިއެވެ. އެމީހުންގެ ހިތަށް ރަހުމު ވާންނާނެ ނަމަ ކޮންފަދަ ހެއްޔެވެ؟

ދެލޯ މެރި މަޑުމަޑުން އެމީހާގެ ހަރަކާތްތައް އެކީ މަޑުވެއްޖެއެވެ. އޭރު ކޮޓަރީގެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. އެމީހުންނަށް އެކަން އެނގުނުނަމަވެސް އެތަނަށް އިތުރު މީހަކު ނުވަންނާނޭކަން ޔަގީންވުމާއެކު ހަމަޖެހިގެން ތިބީއެވެ.

އެދެމީހުންގެ ރަހުމުކުޑަ އަމަލުގެ ޝިކާރައަކަށް ވެގެން އެދާ އަންހެންމީހާގެ އާދޭސްތަކަށް ބީރުކަންފަތެއް ޝާކިރު ދިނެވެ. އެމީހާގެ ހަބަރު ހުސްވުމާއެކު ޝާކިރު ކައިރިއަށް ޖެހިލިއެވެ.

"އޭތް... އޭތް...." މަޑުމަޑުން ކޯތާފަތުގައި ޖަހާލުމާއެކު އޭނާ ގޮވާލިއެވެ. ހަބަރެއްނުވުމާއެކު ގާތުގައި ހުރި ފިރިހެން މީހާއަށް ބަލާލާ އެއްމިޔަކަށް ހީލަމުން ބޭރަށް ނުކުންނަން ހިނގައިގަތެވެ. އެވަގުތު ބޭރުން ކޮންމެވެސް އެއްޗެއް ވެއްޓުނު އަޑަށް ދެމީހުންނަށް އެކަކު އަނެކަކުގެ ލޮލަށް ބަލާލެވުނެވެ. އަވަސް އަވަހަށް ބޭރަށް ނުކުތް އިރު އިތުރު އަންހެނަކު ދުވަމުން ނުކުންނަނީއެވެ. ވެއްޓުނީ އެތަނުގައި ހުރި ދަގަނޑުތަކެކެވެ. އޭރު އެތަނުގައި އެމީހުން ބަހައްޓާފައި ހުރި ފާނޫޒުގެ މަޑު އަލި ހުރިނަމަވެސް ކާކުކަން އެނގޭ ވަރެއްނޫނެވެ. އެނގޭހާވެސް އެއްޗަކީ އެމީހާ ލާފައި ހުރީ ދިގު ކަޅު ހެދުމެއްކަމެވެ. ބުރުގާ އަޅާފައި ހުރިކަމެވެ. ސިޑިއާ ދިމާލަށް ދެމީހުން ދުއްވައިގަތުމުން އެމީހާގެ ފިޔަވަޅުތައްވެސް ބާރުވިއެވެ.

*****

"ކޮން ހިޔާލަކަށް ގެއްލިފަ ތި ހުރީ؟" ޝާކިރުގެ ލޮލާ ދިމާލުގައި އަތް ހޫރާލަމުން ޔާސިރު ވާހަކަދެއްކިއެވެ.

ޔާސިރުގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. ޝާކިރު ދެބުމަ ގޮށްޖަހާލިއެވެ. އަދި ޔާސިރުއަށް ބަލާލިއެވެ. ޔާސިރުގެ މޫނުމަތީގައި ނުލަފާ ހިނިތުންވުމެއްގެ އަސަރު ނޫނީ ނުވެއެވެ. މަޑުމަޑުން ޝާކިރުއާ ގާތް ވެލާފައި ޝާކިރުގެ ސޫޓްގެ ގިރުވާނުގައި ހިފާ ރަނގަޅުކޮށްލަމުން ޔާސިރު ވާހަކަދެއްކިއެވެ.

"އަހަރެން އުންމީދުކުރަން ހަނދާން އާވެއްޖެކަމަށް... ކަލޭ ހިންގި ނުބައި ޖަރީމާގެ ހަނދާންތައް ތި ސިކުނޑިއަށް ގެނެވިއްޖެކަމަށް.... މިހުރިހާކަމަކުން ރެކި ގަންނަން އުޅޭނެކަމެއްނެތް... އަހަރެން ދުށީމޭ މިއަދު މިތަނަށް ވަދެފަ ނުކުތްތަން... ކަލޭ ކީކުރަން އެހާ ދުވަސްފަހުން މިތަނަށް އައީ... ކާކު ކައިރީ ކީކޭ ކިޔާނަމޭ ހިތާތަ ތިއުޅެނީ... ކަލޭ ނަށަން ޖެހޭނީ އަހަރެން ޖަހާ ބެރަކަށް.... ކުރެވޭނެ އިތުރު ކަމެއް ނޯންނާނެ. ކަލެއެކޭ އަހަރެން ފިޔަ ކޮށާފައި ބައިންދާފައި އިން ގުރައެކޭ އެއްވެސް ތަފާތެއްނެތް... އުދުއްސައިގަންނަން ކިތަންމެ ބޭނުންވިޔަސް ކަލެއަކަށް ނޫދުހެވޭނެ... އައިސް ވެއްޓޭނީ އަހަރެންގެ ފައިބުޑަށް... " ޔާސިރު ގެ ވާހަކައިން ޝާކިރުގެ މޫނުމަތި މިލައިގެން ދިޔައެވެ.

"އަދި އެއްޗެއް ދައްކާލަން ވެފަ އެބައޮތޭ... ކަލޭ ހީކުރަނީ އަހަރެން މިހުންނަނީ ހެކި ނެތީމާކަމަށްތަ؟" ޔާސިރު ފޯނު ނަގާ ކޮންމެވެސް އެއްޗެއް ޝާކިރުއަށް ދައްކާލިއެވެ.

ވީޑިއޯއެއް އެޅުވުމާއެކު ޝާކިރުއެއަށް ނަޒަރު ހުއްޓާލިއެވެ. ވީޑިއޯ ޕްލޭވަމުން ދިޔަވަރަކަށް އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

"ކާކު؟؟؟ ކާކު ދިން އެއްޗެއް....ކިހިނެތް ހޯދި އެއްޗެއް...." ޝާކިރުއަށް ތެޅިގަނެވުނެވެ.

"މި ދިން މީހެއް، ހޯދި މީހެއް ބަލާނެކަމެއް ނެތެއްނު... ކަލޭ ކުރި ހުރިހާކަމެއްގެ ހެކި މިއޮތީ؟" ފަހުރުވެރިކަމާއެކު ފޯނު ދައްކާލާ ޔާސިރު ބުނެލިއެވެ. ރުޅިއައިލެއް ބޮޑުކަމުން ޝާކިރު ޔާސިރު އަތުން ފޯނު ދަމައިގަންނަމުން އަތުގެ ކޮޅަށް ހޫރާލިއެވެ. ފޯނު ފުނޑި ފުނޑުވެގެން ދިޔަ އަޑު މުޅި އެތަނުގައި ގުގުމާލިއެވެ.

"ޕިސްޕިސް... ތި ހަލާކުކޮށްލީ މި މަހު މަ ގަތް ތިންވަނަ ފޯނު" ޔާސިރު ބުމަ އަރުވާލިއެވެ. އޭނާ ހުރި ނިކަން ހަމަޖެހިލާފައެވެ.

"ދެން ކަލޭ ކީ ކުރާނީ؟" ޝާކިރު ބުނެލިއެވެ. އެއާއެކު ޔާސިރު ހިނިގަނޑެއް ޖަހާލިއެވެ.

ކަލޭ ހީކުރީތަ އަހަރެން އޭގެ ކޮޕީއެއް ނުގަނާ ކަލޭ ކައިރިއަށް އަންނާނޭ... އަދިވެސް ކުޑަ ކުދިން ގެންގުޅޭ ކަހަލަ ވިސްނުން ތި ގެންގުޅެނީ... ތަންކޮޅެއް ބޮޑުވާންވެއްޖެއެއްނު" ޔާސިރު ޝަކީބުގެ ކޮނޑުގައި ޖަހާލިއެވެ. އައި ރުޅިން ޝަކީބު ޔާސިރުގެ އަތް ފޮޅުވާލާފައ އެތަނުން ނުކުންނަން ހިނގައިގަތެވެ.

"ހަނދާންކުރައްޗޭ..... ހަނދާނުން މާ އަވަސް އަވަހަށް ފިލަންޏާ އަހަންނަށް ޖެހިދާނެ މި ފުލުހުންނަށް ހަވާލުކުރަން... އެނޫނީ އަހަރެންނަށް ޖެހޭނީ ކަލޭގެ.... " އެހިސާބަށް ބުނެވުނުތަނާ ޝަކީބު އައިސް ޔާސިރުގެ ގިރުވާނުގައި ހިފިއެވެ.

"ކަލޭ އަތުގަ ބާރު އޮތަސް... އަހަރެންގެ އަންހެނުންނާއި ދަރިފުޅަށް ގެއްލުމެއް ދޭން އުޅެފިއްޔާ ކަލޭގެ ތި ދެ އަތް ބުރިކޮށްލާނަން... ދެފައި ބިންދާލާ އަހަރެންގާތު ސަލާމަތައް އެދި އާދޭސް ކުރާވަރު ކުރާނަން..." ޝަކީބު ހަޅޭއްލަވައިގަތެވެ.

"ކީކުރާނީ.... އަހަރެންގެ އަންހެނުންވެސް... " ވަކި ހިސާބަކަށް ބުނެފައި ޔާސިރު ހުއްޓާލިއެވެ. މޫނުމައްޗަށް ހިތާމައިގެ އަސަރުތައް ވެރިކޮށްލިއެވެ. ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވަމުން ދިޔަހެން ހީވިއެވެ. ޝަކީބު ގެ މޫނުމަތިން ބުނެދޭން ނޭނގޭފަދަ އަސަރެއްވެސް ފެނިލިއެވެ.

"އަހަރެންގެ އަންހެނުންނާ ދަރިފުޅާ ނުބެހެއްޗޭ... އެ ދެމީހުންނަށް ކަމެއް ކުރަން ކަލޭ ހިތުއަޅައިގެންވެސް ނުވާނެ...."

"ހާދަ ލޯބިވެޔޭ ކަލޭ އަންހެނުންދެކެ..." ޔާސިރު ބުންޏެވެ. ޝަކީބު ޔާސިރުގެ ގިރުވާނުން ދޫކޮށްލާފައި ޔާސިރު ކޮށްޕާލާފައި ގޮސް ނުކުމެއްޖެއެވެ. އޭނާ އޭނާގެ ދެލޮލުން ހީވަނީ އަނގުރު އަލިފާން ކަނި ބުރަމުން ދާހެންނެވެ. ރުޅިއައިސް މީހާ ގެ ނަފްސަށް ވެރިވެފައިވަނީ އާދަޔާ ހިލާފް ބާރެކެވެ.

"ޔާސިރު... ކަލޭ ތި ހެކި ހޯދީ ކިހިނެތްކަމެއް ނޭނގެ... އަހަރެންގެ ހަޤީގަތް ކަލޭ ހާމަކުރާ ދުވަހަކީ ކަލޭގެ ފުރާނަނެތް މަސްގަނޑު އަހަރެން ކަލޭގެ އާއިލާގެ ކުރިމައްޗަށް ގެންދާނެ ދުވަސް..." ޝަކީބު އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. އޭނާ ބާރުބާރަށް ގޮސް ކާރަށް އަރާ ދުއްވާލިއެވެ. ރުޅިއައިސް އިންވަރުން ކާރުވެސް ދުއްވަމުން ދިޔައީ އާދަޔާ ހިލާފް ބާރަށެވެ. ބައެއްފަހަރު ކުރިމަތިން އަންނަ އެތީގައި ނުޖެހެނީވެސް ކިރިއާއެވެ. ފެނުނު ވީޑިއޯއެއްގެ ސަބަބުން އޭނާގެ މުޅި ދުވަސް ހަރާބުކޮށްލައިފިއެވެ. އޭނާ ޖެހޭނީ ޔާސިރު ޖެހިހާ ބެރަކަށް ނަށަންހެއްޔެވެ؟ ނޫނެކެވެ. ދެރައީ ޔާސިރުއާ ދެކޮޅަށް ބޭނުންކުރެވޭނޭ އެއްވެސް އެއްޗެއް އޭނާގެ އަތުގައި ނެތީތީއެވެ. ހެކި ހުރީ އޭނާއާ ދެކޮޅަށެވެ. އަނެއްކޮޅުން ޔާސިރު އަކީ ބާރުގަދަ މީހެކެވެ. ޔާސިރު އާ ދެކޮޅަށް ތެދުވުމަކީ ފަސޭހަކަމެއްވެސް ނޫނެވެ.

(ނުނިމޭ...)

https://sun.mv/123134

comment ކޮމެންޓް