ޗައިނާއިން ހިފެހެއްޓި އިނގިރޭސި ކޮންސިއުލޭޓުގެ މުވައްޒަފު ދޫކޮށްލައިފި

ހޮންކޮންގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓޫގައި މަސައްކަތް ކުރާ ސައިމަން ޗެންގް ހިފެހެއްޓުމަށް ފަހު ޗައިނާއިން ވަނީ ދޫކޮށްލާފައި -- ފޮޓޯ: ފޭސްބުކް

ބެއިޖިން (އޮގަސްޓް 24): ޗައިނާއިން މިމަހު ހިފެހެއްޓި، ހޮންކޮންގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓުގެ މުވައްޒަފު ދޫކޮށްލައިފި އެވެ.

އިނގިރޭސި ކޮންސިއުލޭޓުގައި ޓްރޭޑް އެންޑް އިންވެސްޓްމެންޓް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރާ ސައިމަން ޗެންގް ޗައިނާގައި ހިފެހެއްޓީ މިމަހުގެ އަށެއްގައި އޭނާ ވިޔަފާރި ދަތުރެއްގައި އެގައުމަށް ދިޔުމުންނެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެގައުމުން ޗެންގް 15 ދުވަހަށް ހިފެހެއްޓީ ސަލާމަތީ ގާނޫނުތަކާ ހިލާފުވުމުގެ ސަބަބުންނެވެ. އަދި އޭނާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ.

ޗެންގްގެ އާއިލާއިން ވަނީ އޭނާ މިހާރު އެނބުރި ހޮންކޮންގަށް ގޮސްފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ޗައިނާއިން އޭނާ ހައްޔަރު ކުރި ސަބަބެއް ނޭނގޭ ކަމަށާއި އެގައުމާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި ޗެންގް ބައިވެރި ނުވާ ކަމަށާއި އެމުޒާހަރާތަކާ ބެހޭ ގޮތުން އޭނާ ދެކޭ ގޮތް ފާޅުކޮށްފައި ނުވާނެ ކަމަށް ވެސް ބުނެފަ އެވެ.

ޗައިނާއިން ޗެންގް ހިފެހެއްޓީ، ހޮންކޮންގައި ސިލްސިލާ މުޒާހަރާތައް ކުރިއަށްގެންދާ ދަނޑިވަޅެއްގަ އެވެ. އެމުޒާހަރާތައް ފެށުނީ ހޮންކޮންގެ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި "ކުށްވެރިން ބަދަލު ކުރުމާ ބެހޭ ބިލާ" ގުޅިގެންނެވެ.

ހޮންކޮންގެ ސަރުކާރުން ކުށްވެރިން ބަދަލު ކުރުމާ ބެހޭ ބިލެއް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅީ، ޓައިވާނުގައި ހުރި ހޮންކޮންގެ މީހަކު އޭނާގެ ލޯބިވެރިޔާ މަރާލި މައްސަލައާ ގުޅިގެންނެވެ. އެމީހާ ވަނީ ފަހުން ހޮންކޮންގަށް ގޮސްފަ އެވެ. އަދި ޓައިވާނާއި ހޮންކޮންގާ ދެމެދު ކުށްވެރިން ބަދަލު ކުރުމާ ބެހޭ ގޮތުން ރަސްމީ އެއްބަސްވުމެއް ހަދާފައި ނުވުމުން، އެމީހާ ޓައިވާނާ ހަވާލު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

އެހެންކަމުން ހޮންކޮންގްއިން ވަނީ އެސިޓީން ކުށްވެރިން ބަދަލު ކުރުމާ ބެހޭ ގޮތުން އެއްބަސްވުމެއް ހަދާފައި ނުވާ ގައުމުތަކާ އެކު ކުށްވެރިން ބަދަލު ކުރުމަށް ފުރުސަތު ދޭނެ ބިލެއް މިދިޔަ ފެބްރުއަރީ މަހު ހުށަހަޅައިފަ އެވެ. އެބިލު ފާސްކޮށްފި ނަމަ ހޮންކޮންގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާ ވެސް ހަވާލު ކުރެވޭނެ އެވެ.

ނަމަވެސް ގިނަ އަދަދެއްގެ މީހުން ވަނީ އޭގެ ސަބަބުން ހޮންކޮންގައި ޗައިނާގެ ނުފޫޒު އިތުރުވާނެ ކަމަށާއި އެގައުމުގެ ޝަރުއީ ނިޒާމަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެފަ އެވެ. އަދި އޭޕްރިލް މަހު އެބިލާ ދެކޮޅަށް ފެށި މުޒާހަރާތަކުގެ ސަބަބުން ލީޑަރު ކެރީ ލާމް ވަނީ ބިލް ފާސް ކުރުން ފަސްކޮށްފަ އެވެ.

ނަމަވެސް މުޒާހަރާގެ ބައިވެރިން ދަނީ ބިލް އެއްކޮށް އުވާލުމަށާއި ލާމްގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ. އަދި އެފަރާތްތަކުން ވަނީ މުޒާހަރާތަކުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާ ކަމަށާއި ފުލުހުން ކުރަމުންދާ އަނިޔާތަކަށް އެމީހުން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ބުނަމުންނެވެ.

comment ކޮމެންޓް