އުކުޅަހު ކޮންވެންޝަން ސެންޓަރު ކައުންސިލާ ހަވާލުކޮށްފި

އއ އުކުޅަހުގައި ގާއިމްކުރި ކޮންވެންޝަން ސެންޓަރު -- ފޮޓޯ: އުކުޅަސް ކައުންސިލް / ޓްވިޓާ

ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން އއ. އުކުޅަހުގައި އިމާރަތްކުރި ކޮންވެންޝަން ސެންޓަރުގެ މަސައްކަތް ނިންމާ ރަށު ކައުންސިލާ ހަވާލުކޮށްފިއެވެ.

ކޮންވެންޝަން ސެންޓަރު ކައުންސިލާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަސްލަމެވެ. އުކުޅަހު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމްއެވެ.

އިމާރާތް ކައުންސިލާ ހަވާލުކުރުމަށް މިއަދު އުކުޅަހު ކައުންސިލްގެ އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ކޮންވެންޝަން ސެންޓަރުގެ މަސައްކަތަކީ މިހާތަނަށް ކުރިއަށް ގެންދެވުނު އެންމެ ހަލުވި މަސައްކަތް ކަމަށެވެ. އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އުކުޅަހުގައި އެޅި ކޮންވެންޝަން ސެންޓަރަކީ 400 މީހުންގެ ޖާގައިގެ ތަނެކެވެ.

އއ އުކުޅަހުގައި ގާއިމްކުރި ކޮންވެންޝަން ސެންޓަރު -- ފޮޓޯ: އުކުޅަސް ކައުންސިލް / ޓްވިޓާ

ކޮންވެންޝަން ސެންޓަރަކީ އުކުޅަހުގެ މުސްތަގުބަލަށްވެސް މުހިއްމު ތަނެއްކަން މިނިސްޓަރު އަސްލަމް ފާހަގަ ކުރެއްވިއެވެ.

އެއްބަސްވުމުގައި ސޮއިކުރިތާ 29 ދުވަސްތެރޭ މަސައްކަތް ނިންމިއިރު ކޮންވެންޝަން ސެންޓަރުގައި މަލްޓިޕާޕަސް ހޯލަކާއި މީޓިން ރޫމެއްގެ އިތުރުން ވީއައިޕީ މީޓިން ރޫމާއި ދެ ކްލާސްރޫމްގެ އިތުރުން އެޑްމިން އޮފީހާއި ވެއިޓިން އޭރިއާ އަދި އަށް ފާޙާނާ ހުރެއެވެ.

މި މަޝްރޫއަށް 20.8 މިލިއަން ރުފިޔާ ހަރަދުވިއެވެ. އޭގެ ތެރެއިން 7.8 މިލިއަން ރުފިޔާ އަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީ އެވެ.

ކޮންވެންޝަން ސެންޓަރުގައި އެންމެ ފުރަތަމަ ކުރިއަށްދާނީ ސައިންސްވެރިންގެ ބައިނަލްއަގުވާމީ ކޮންފަރެންސާއި އުގައިލް ފައުންޑޭޝަނުން ބާއްވާ ޓެކް ފެއާއެވެ.

comment ކޮމެންޓް