"ޖުޑީޝަލް އެކްސްޗޭންޖް އޮން އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން" ރާއްޖޭގައި ފަށައިފި

މިއަދު ފެއްޓި މަސައްކަތު ބައްދަލުވުމުގައި ބޭފުޅަކު ކަރުދާހެއް ބައްލަވާލައްވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޖުޑީޝަލް އެކްސްޗޭންޖް އޮން އޯލްޓަނޭޓިން ޑިސްޕިއުޓް ރިޒޮލިއުޝަންގެ ނަމުގައި ސަރަހައްދީ މަސައްކަތު ބައްދަލުވުމެއް ރާއްޖޭގައި ފަށައިފި އެވެ.

މިއަދު ހޮޓެލް ޖެންގައި ފަށާފައި ވަނީ ދެ ދުވަހުގެ މަސައްކަތު ބައްދަލުވުމެކެވެ.

މި މަސައްކަތު ބައްދަލުވުން ކުރިއަށް ގެންދަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެހީގައި މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރާއި، ސިލޯން ޗެމްބާ އޮފް ކޮމާސްގެ ކޮމާޝަލް ލޯ ޑިޕާޓްމަންޓާ ގުޅިގެންނެވެ.

މަސައްކަތު ބައްދަލުވުން ފެށުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާ ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ދުވަސްވަރެއްގައި މިފަދަ ޕްރޮގްރާމަކީ ވަރަށް ބޭނުންތެރި އަދި ފައިދާ ކުރުވަނިވި ޕްރޮގްރާމަކަށް ވެގެންދާނެ ކަމަށެވެ.

ޖުޑީޝަލް އެކްސްޗޭންޖް އޮން އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން މަސައްކަތު ބައްދަލުވުން ފެށުމުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އަދި މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރެއް ގާއިމުވެގެން ދިއުމަކީ ހޯދުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މި ޕްރޮގްރާމުގައި ރާއްޖޭގެ 15 ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވަ އެވެ. އެއީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާއި، ހައި ކޯޓުގެ ހަ ފަނޑިޔާރުންނާއި، ސިވިލް ކޯޓުގެ ހަތް ފަނޑިޔާރުންނެވެ.

ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ އިތުރުން، ސްރީލަންކާގެ ހައިކޯޓުގެ ހަ ފަނޑިޔާރަކު ވެސް ޕްރޮގްރާމުގައި ބައިވެރިވެ އެވެ.

މި ޕްރޮގްރާމުގައި މައުލޫމާތު ދެއްވާ ރާއްޖެއިން ބޭރުގެ ކަމާ ގުޅޭ ތަޖުރިބާކާރު ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ލޯނާ ސްކޯފީލްޑް، ޑިސްޓްރިކްޓް ޖަޖް، ސަދަން ޑިސްޓްރިކްޓް އޮފް ނިއު ޔޯކް އާއި ޖެޑް ރެކޯފް، ޑިސްޓްރިކްޓް ޖަޖް، ސަދަން ޑިސްޓްރިކްޓް އޮފް ނިއު ޔޯކް، އަދި ސިންގަޕޫރު އިންޓަނޭޝަނަލް ކޮމާޝަލް ކޯޓުގެ ފަނޑިޔާރު، އަންސެލްމޯ ރޭސާ އެވެ.

ރާއްޖެއިން ވަނީ މި މަހުގެ ކުރީކޮޅު ސިންގަޕޯ ކޮންވެންޝަން އޮން މީޑިއޭޝަން މުއާހަދާގައި ވެސް ސޮއިކޮށްފަ އެވެ. އެއީ މީޑިއޭޝަން މެދުވެރިކޮށް ނިންމާ ވިޔަފާރީގެ މައްސަލަތަކުން އުފެދޭ ބައިނަލްއަގްވާމީ ސެޓްލްމަންޓް އެގްރީމަންޓުތައް، މުއާހަދާގައި ބައިވެރިވާ ގައުމުތަކުން ބަލައިގަނެ، އެ ގައުމުތަކުގައި އެ އެއްބަސްވުންތައް ތަންފީޒުކުރުމުގައި ގައުމުތަކުގެ މެދުގައި އެއް އުސޫލުތަކަކާއި އިންތިޒާމްތަކެއް ގާއިމުކުރުމަށް އެކުލަވާލެވިފައިވާ ބައިނަލްއަގްވާމީ ގާނޫނީ އޮނިގަނޑެކެވެ.

އޭގެ އުތުރުން ރާއްޖެއިން މިހާރު އަންނަނީ ނިއުޔޯކް ކޮންވެންޝަން މުއާހަދާގައި ވެސް ސޮއިކުރުމަށް ތައްޔާރުވަމުންނެވެ. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އެކަން ކުރެވިގެންދާނެ ކަމަށް ބެލެވޭ އިރު، ރާއްޖެ އަކީ ސިންގަޕޯ ކޮންވެންޝަންގައި ސޮއިކޮށް، ނިއު ޔޯކް ކޮންވެންޝަންގައި ސޮއިކޮށްފައި ނުވާ ހަމައެކަނި ގައުމެވެ.

comment ކޮމެންޓް