ދަށު ކޯޓުތަކުން ޖޭއެސްސީއަށް ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ދަށު ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރަކު އައްޔަންކުރުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

މިއަދު ހެނދުނު 09:00 ގައި އިންތިހާބުގެ ވޯޓުލުން ފަށައިފައި ވާއިރު، ހަވީރު 17:00 އަށް ވޯޓުލުން ކުރިއަށްދާނެއެވެ.

ވޯޓު ފޮށިތައް ބެހެއްޓިފައި ވަނީ ކޮންމެ އަތޮޅެއްގެ ވެރި ރަށުގައާއި، މާލެ ސިޓީ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައެވެ. މާލޭގެ ވޯޓު ފޮށި ހުންނާނީ ބާ ޖަމާލުއްދީންގެ ޓްރެއިނިން ހޯލުގައެވެ.

އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 21 ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ. އިންތިހާބުގައި ވޯޓުލާނީ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ ފަނޑިޔާރުންގެ ރަޖިސްޓަރީގައި ހިމެނޭ، ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންނެވެ.

ދަށު ކޯޓުތަކުން ޖޭއެސްސީއަށް އިންތިހާބުކުރާ މެމްބަރުކަމަށް ކުރިމަތިލާފައި ވަނީ ތިން ފަނޑިޔާރުންނެވެ. އެއީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްއާއި ގދ. ފިޔޯރީ ކޯޓުގެ މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދާއި ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން މިހާރު ޖޭއެސްސީގައި އިންނަވަނީ ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅެވެ. އޭނާގެ ދައުރު މިމަހުގެ 27 އަށް ހަމަވާނެއެވެ.

comment ކޮމެންޓް