ޗައިނީޒް ކުއިޒީން ވޯލްޑް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ފަހަރު ބްރޯންޒް މެޑަލް!

ޗައިނީޒް ކުއިޒީން ވޯލްޑް ޗެމްޕިއަންޝިޕްގައި ބްރޯންޒް މެޑަލް ހޯދި ދިވެހި ޝެފުންގެ ޓީމު -- ފޮޓޯ/ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް

ޗައިނާގެ ޑާލިއާންގައި އޮތް ޗައިނީޒް ކުއިޒީން ވޯލްޑް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވެ، އެ މުބާރާތުން ބްރޯންޒް މެޑަލް ހޯދައިފިއެވެ.

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ޑާލިއާންގައި ކުރިއަށް ދިޔަ މި މުބާރާތުގައި ދުނިޔޭގެ 30 ގައުމަކުން 300 އަށް ވުރެ ގިނަ ޝެފުން ބައިވެރިވިއެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރީ ދިވެހި ޝެފުންގެ ޖަމިއްޔާ، ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުން ބައިވެރިވި ހަ ޝެފުންގެ ޓީމެކެވެ.

ރާއްޖޭގެ ފަރާތުން މި މުބާރާތުގައި ބައިވެރިވި ހަ ޝެފުންނަކީ ޓީމުގެ ލީޑަރުގެ ގޮތުގައި އޮއިޝީ ރެސްޓޯރަންޓުގެ އޯނަރު އަހްމަދު ފަތީން، ފާރުފުށި މޯލްޑިވްސްގެ ޝެފް މުހައްމަދު އާދިލް، ފޯ ސީޒަންސް މޯލްޑިވްސް ލަނޑާ ގިރާވަރު ރިސޯޓުގެ ޝެފް އަހްމަދު މާޒިމް، މަލަހިނި ކުޑަބަނޑޮސް ރިސޯޓުގެ ޝެފް ރިއްފަތު މުހައްމަދު، ބަރޮސް މޯލްޑިވްސްގެ ޝެފް އިބްރާހިމް ނާތިފް އަދި ކަލިނަރީ ކޮންސަލްޓަންޓު އިބްރާހިމް ނައީމެވެ.

އިންޓަނޭޝަނަލް ޗައިނީޒް ކުއިޒީން ވޯލްޑް ޗެމްޕިއަންޝިޕްގައި ޓީމް ކެޓަގަރީއާއި އިންޑިވިޖުއަލް ކެޓަގަރީތައް ހިމެނުނު އިރު، ރާއްޖޭގެ ހަ ޝެފުންގެ ޓީމުން ބައިވެރިވީ ޓީމް އިވެންޓުގައެވެ.

ޓީމް އިވެންޓަކީ ކަނޑައެޅިފައިވާ ވަގުތެއްގެ ތެރޭގައި ވަކި އިންގްރިޑިއެންޓްސްތަކެއް ބޭނުންކޮށްގެން ހަތަރު ކޯސްގެ މީލްއެއް ތައްޔާރުކުރަންޖެހޭ އިވެންޓެކެވެ.

ޗައިނީޒް ކުއިޒީން ވޯލްޑް ޗެމްޕިއަންޝިޕްގައި ބްރޯންޒް މެޑަލް ހޯދި ދިވެހި ޝެފުންގެ ޓީމު -- ފޮޓޯ/ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް

ޗައިނީޒް ޝެފްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗައިނީޒް ކުއިޒީން ޕްރޮމޯޓުކުރުމުގެ މަގްސަދުގައި ބާއްވާ މި މުބާރާތް އެންމެ ފުރަތަމަ އޮތީ 2014 ވަނަ އަހަރުއެވެ. ދެ އަހަރުން އެއް އަހަރު ބާއްވާ މި މުބާރާތަކީ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފް ސޮސައިޓީ (ވެކްސް)އިން ގަބޫލުކުރާ ހަމައެކަނި ޗައިނީޒް ކުއިޒީން މުބާރާތެވެ.

މި މުބާރާތުގައި ދިވެހި ޓީމުގެ މެނޭޖަރުގެ ގޮތުގައި ބައިވެރިވީ ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ޝެފް އިޝްހާގު ސޯލިހެވެ. މުބާރާތުގެ އިންޑިވިޖުއަލް ކެޓަގަރީގެ ފަނޑިޔާރެއްގެ ގޮތުގައިވެސް ޝެފް އިސްހާގު މަސައްކަތްކުރެއްވިއެވެ.

comment ކޮމެންޓް