ހަތަރު މަސް ފަހުން ލަންކާގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

ލަންކާގައި އޮތީ މިދިޔަ އޭޕްރިލް މަހުން ފެށިގެން ކުއްލި ހާލަތު އިއުލާންކޮށްފަ -- ފޮޓޯ/ އޭޕީ

ކޮލަމްބޯ (އޮގަސްޓް 23): ސްރީލަންކާގައި މިދިޔަ އޭޕްރިލް މަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އުވާލައިފިއެވެ.

އޭޕްރިލް 21ގައި ދިން ހަމަލާތަކަށް ފަހު ލަންކާއިން ކުއްލި ނުރައްކަލުގެ ހާލަތު ތިން ފަހަރަކު އިތުރު ކުރިއެވެ. ނަމަވެސް ރައީސް މައިތިރިޕާލާ ސިރިސޭނާގެ އޮފީހުން ވަނީ މިހާރު އެހާލަތު އުވާލަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

ނަސާރާއިން ފާހަގަ ކުރާ އީސްޓާ ދުވަހާ ދިމާކޮށް ލަންކާގެ ތިން ފައްޅިއަކަށާއި ތިން ހޮޓަލަކަށް ދިން ހަމަލާތަކުގައި 258 މީހުން މަރުވެ، 500 މީހުންނަށް އަނިޔާވިއެވެ.

ލަންކާގެ ސަލާމަތީ ބާރުތަކުން ބުނި ގޮތުގައި އެ ބޮންތައް ގޮއްވާލީ އެގައުމުގެ ދެ ޓެރަރިސްޓު ޖަމާއަތް ކަމަށްވާ ނެޝަނަލް ތައުހީތު ޖަމާއަތާއި ޖަމާއަތީ މިއްލަތު އިބްރާހިމް ގުޅިގެން ބޭރުގެ އެހީއާ އެކުގައެވެ. އަދި އިސްލާމިކް ސްޓޭޓް (އައިއެސް)އިން ވަނީ އެހަމަލާގެ ޒިންމާ ނަގާފައެވެ.

ނަމަވެސް މިދިޔަ މަހު ރައީސް ސިރިސޭނާ ވަނީ ބޮމުގެ ހަމަލާތައް ދިނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގޭންގުތަކުން ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ހަމަލާ ދިނީ އޭނާ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ކަމަށް ވިދާޅުވިއެވެ.

އޭގެ ކުރިން ލަންކާގެ ފުލުހުންގެ ވެރިޔާ، ޑެޕިއުޓީ އިންސްޕެކްޓަރު ޖެނެރަލް ޗަންދަނާ ވިކްރަމަރަތުނަ ވަނީ އެ ހަމަލާއާ ގުޅުން ހުރި އެންމެން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް