ޗައިނީސް ކުޒީން ވޯލްޑު ޗެމްޕިއަންޝިޕުގެ ޖަޖުންގެ ޕެނަލުގައި ދިވެއްސެއް!

ޗައިނާގައި ބާއްވާ ބައިނަލްއަގުވާމީ ޝެފުންގެ މުބާރާތެއް ކަމަށްވާ "އިންޓަނޭޝަނަލް ޗައިނީޒް ކުޒީން ވޯލްޑް ޗެމްޕިއަންޝިޕް" ގެ ފަނޑިޔާރުންގެ ޕެނަލުގައި ދިވެހި ކައްކާއެއް ހިމެނިއްޖެއެވެ.

ފަސްވަނަ ޗައިނީޒް ކުޒީން ވޯލްޑް ޗެމްޕިއަންޝިޕްގެ ފަނޑިޔާރެއްގެ ގޮތުގައި ހިމެނިފައި ވަނީ ޝެފް އިސްހާގް ސޯލިހެވެ. މިއީ މިފަދަ ބޮޑު ބައިނަލްއަގުވާމީ މުބާރާތެއްގައި ފުލް ޖަޖެއްގެ ގޮތުގައި ދިވެއްސަކު މަސައްކަތް ކުރާ ފުރަތަމަ ފަހަރު ކަމަށް ޝެފް ގިލްޑް އޮފް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ.

އިސްހާގް އަކީ ޕެރަޑައިސް އައިލެންޑް ރިސޯޓުގެ އެގްޒެކެޓިވް ޝެފެވެ. މުބާރާތުގެ ފަނޑިޔާރެއްގެ އިތުރަށް، މުބާރާތުގައި ބައިވެރިވާ ދިވެހި ޓީމުގެ ޝެފުންގެ ޓީމުގެ މެނޭޖަރަކީވެސް އިސްހާގް އެވެ.

ޝެފު އިސްހާގު ފަނޑިޔާރުކަން ކުރުމަށް ހަމަޖެހިފައިވަނީ އިންޑިވިޖުއަލް އިވެންޓުތަކުގައެވެ. ޝެފު އިސްހާގަކީ އެންމެ ފުރަތަމަ ބީ ލައިސެންސު ލިބުނު ދިވެހި ފަނޑިޔާރު ކަމަށާއި، މިއީ ޝެފުންނަށް ކުރިއެރުން ލިބެމުން އަންނަކަމުގެ ރަމުޒެއް ކަމަށް ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އިން ބުނެއެވެ.

އިސްހާގް އާއެކު މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލުގައި ދުނިޔޭގެ އެކި ހިސާބުތަކުގެ ޝެފުން ބައިވެރިވާނެއެވެ.

މިއީ ރާއްޖެއިން އެ މުބާރާތުގައި ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށް ވާއިރު، މުބާރާތުގައި ރާއްޖެއިން ބައިވެރިވަނީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.

"އިންޓަނޭޝަނަލް ޗައިނީޒް ކުޒީން ވޯލްޑް ޗެމްޕިއަންޝިޕް" ގައި ބައިވެރިވާ ދިވެހި ޝެފުންގެ ޓީމް

މީގެ ފަސް އަހަރު ކުރިން އުފެދުނު ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އަކީ ޝެފުންގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މިހާތަނަށް އެ ޖަމިއްޔާގެ ދެ މެމްބަރަކަށް ވަނީ ވޯލްޑު އެސޯސިއޭޝަންގެ ބީ ލައިސަންސް ޖަޖުކަން ލިބިފައެވެ.

އަދި އިތުރު ޝެފަކު އެޕުރޫވުމުގެ މަގުމަތީގައި ވާއިރު އިތުރު ހަތަރު ރުކީ ޖަޖުންވެސް ލައިސެންސު ހޯދުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރަމުން އަންނަކަމަށް ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އިން ބުނެއެވެ.

"އިންޓަނޭޝަނަލް ޗައިނީޒް ކުޒީން ވޯލްޑް ޗެމްޕިއަންޝިޕް" އޮންނާނީ މިމަހުގެ 21 އިން 24 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ދާލިއަން ސިޓީގައެވެ. މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެބަޔަކަށް ބަހާލައިގެންނެވެ. އެއީ ޓީމު އިވެންޓް އަދި އިންޑިވިޖުއަލް އިވެންޓުތަކުގައި ޝެފުންނަށް ބައިވެރިވެވޭގޮތަށެވެ.

އެ މުބާރާތުގައި ބައިވެރިވާ ދިވެހި ޝެފުންނަކީ ޓީމުގެ ލީޑަރުގެ ގޮތުގައި އޮއިޝީ ރެސްޓޯރަންޓުގެ އޯނަރު އަހްމަދު ފަތީން، ފާރުފުށި މޯލްޑިވްސްގެ ޝެފް މުހައްމަދު އާދިލް، ފޯ ސީޒަންސް މޯލްޑިވްސް ލަނޑާ ގިރާވަރު ރިސޯޓުގެ ޝެފް އަހްމަދު މާޒިމް، މަލަހިނި ކުޑަބަނޑޮސް ރިސޯޓުގެ ޝެފް ރިއްފަތު މުހައްމަދު، ބަރޮސް މޯލްޑިވްސްގެ ޝެފް އިބްރާހިމް ނާތިފް އަދި ކަލިނަރީ ކޮންސަލްޓަންޓު އިބްރާހިމް ނައީމެވެ.

ޗައިނީޒް ކުއިޒީން ވޯލްޑް ޗެމްޕިއަންޝިޕްއަކީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް އިންތިޒާމްކުރަނީ ޗައިނީސް ޝެފުސް އެސޯސިއޭޝަންގެ ފަރާތުންނެވެ. މި މުބާރާތަކީ ޗައިނާގެ ރަހަތަކަށް ހާއްސަކޮށްގެން ދުނިޔޭގެ ފެންވަރުގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން ވޯލްޑް އެސޯސިއޭޝަން އޮފް ޝެފް ސޮސައިޓީން ގަބޫލްކުރާ ހަމައެކަނި މުބާރާތެކެވެ.

މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗައިނާގެ ކެއުންތައް ޕްރޮމޯޓްކުރުމެވެ.

comment ކޮމެންޓް