ފުލުހުންނާ ދެކޮޅަށް އަނިޔާގެ 23 މައްސަލައެއް ހުށަހެޅި

މީގެ ކުރިން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ފުލުހުންތަކެއް --- ސަން ފޮޓޯ

މޯލްޑިވްސް ޕޮލިސް ސާވިސް އާދެކޮޅަށް އަނިޔާގެ 23 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ އެންޓި-ޓޯޗާ ރިޕޯޓުގައި ބުނެފިއެވެ.

އެންމެ ފަހުން އާންމުކުރި އެންޓި-ޓޯޗާ ރިޕޯޓުގައި ވަނީ މިދިޔަ އަހަރު ޖުލައި މަހުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެޗްއާރްސީއެމްއަށް ހުށަހެޅި ބެލިފައިވާ މައްސަލަތަކެވެ.

އެ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވަނީ އެ މުއްދަތުގައި އަނިޔާ ކުރި ކަމަށް ބުނެ 43 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަތައް ރައްދުވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބައިތިއްބާ މުއައްސަސާތަކަށް ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ފުލުހުންނަށް ރައްދުވާ 23 މައްސަލައަކާއި، ކަރެކްޝަންސް އަށް ރައްދުވާ 17 މައްސަލައިގެ އިތުރުން ޖެންޑާ މިނިސްޓްރީއަށް ރައްދުވާ ތިން މައްސަލައެކެވެ.

މައްސަލަތަކުގައި ތިން މުއައްސަސާއަށް ނިސްބަތްވާ 46 މުވައްޒަފުން ހިމެނެއެވެ. އެއީ 23 ފުލުހުންނާއި، ކަރެކްޝަންސްގެ 13 އޮފިސަރުންނާ، ޖެންޑާގެ ނުވަ މުވައްޒަފުންނެވެ. މި ހުރިހާ މައްސަލައެއްގައި ވެސް ޓޯޗާގެ އަމަލު ހިންގިކަމަށް ތުހުމަތުކޮށްފައި ވަނީ ފިރިހެން މުވައްޒަފުންގެ މައްޗަށެވެ.

އެންޓި ޓޯޗާ ގާނޫނުގެ ދަށުން އެޗްއާރްސީއެމްއިން ކުރި ތަހުގީގުން، ފަސް މައްސަލައެއްގައި ޓޯޗާ ކުރި ކަން ސާބިތުވެ، ޓޯޗާގެ ކުށް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުން ނުވަތަ ކުށަށް އެހީތެރިވުން ނުވަތަ މަސްއޫލިއްޔަތު އަދާނުކުރުމުގެ ކުށުގައި 17 ފުލުހުން އަދި ކަރެކްޝަންސްގެ ހަތަރު މުވައްޒަފުން ބައިވެރިވާކަމަށް ވަނީ ސާބިތުވެފައެވެ.

މީގެ ތެރެއިން ހަތަރު މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް ވަކި މީހެއްގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް އެޗްއާރްސީއެމް އިން ހެކި ހުށަހަޅައިފައި ނުވާ ކަމަށް ބުނެ އޭގެތެރެއިން ތިން މައްސަލައެއް އަނބުރާ ފޮނުވާލައިފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

މައްސަލަތަކުގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބުމުގެ ޝަކުވާ!

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެޗްއާރްސީއެމްގެ ރައީސާ އައިމިނަތު އީނާސް ވިދާޅުވީ ފުލުހުންނަށް ރައްދުވާ މައްސަލަތަކުގައި ފުލުހުންގެ ފަރާތުން ހެކި ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

އަދި މުޒާހަރާތަކުގައި ފުލުހުން މޫނު ނިވާކޮށްގެން ހަރަކާތްތެރިވާތީ އެއީ ކަނޑައެޅިގެން ކޮން ފުލުހެއްކަން ދެނެގަންނަން ދަތިވާކަމަށް ވެސް އެޗްއާރްސީއެމްއިން ބުންޏެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ފުލުހުންނާ ދެކޮޅަށް ރޮޒައިނާވެސް މައްސަލައެއް ހުށަހަޅުއްވާފައި ވާނެކަމަށާއި، ނަމަވެސް އެ މައްސަލައިގައި އެޗްއާރްސީއެމްއިން އޭނާއާ ސުވާލުކޮށްފައި ނުވާ ކަމަށެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް އެޗްއާރްސީއެމް ހާޒިރު ކުރުން -- ފޮޓޯ: މަޖިލިސް

އަދި މައްސަލަ ހުށަހެޅީ ކޮން ފުލުހަކާ ދެކޮޅަށް ކަންވެސް އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެކަމާ ގުޅިގެންވެސް އެޗްއާރްސީއެމްއިން ސުވާލުކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ހުށަހެޅި މައްސަލައިގައިވެސް ފޮޓޯއާއެއްކޮށް ހުންނާނީ ފޮނުވާފައި. އަދި އެތަނުގައި ހެކިބަސް ދޭނެ ބައިވަރު މީހުން ވެސް އެބަ ތިބި. އަދި އެމީހުންނަށް އެއީ ކޮން ބައެއްކަން ވެސް އެނގޭނެ. އެހެންވީމަ ކިހިނެތްތޯ ތިބޭފުޅުން ތި ނިންމަވަނީ ހަމަ މާސްކް އަޅައިގެން ތިބީމަ އެއީ ކާކު ކަމެއް ނޭނގޭ. އެހާ ފަސޭހައިން ދޫކޮށްލައްވަނީތޯ؟" ރޮޒައިނާ ސުވާލު ކުރެއްވިއެވެ.

ރޮޒައިނާގެ ސުވާލާ ގުޅިގެން އެޗްއާރްސީއެމްގެ މެމްބަރު އާއިޝަތު އަފްރީން ވިދާޅުވީ މުޒާހަރާތަކުގައި ހަރަކާތްތެރިވާ ފުލުހުން ވަކިކުރެވޭނެ ގޮތަށް ފުލުހުންގެ ވެސްޓުގައި ނަންބަރެއް ޖެހުމަށް އެޗްއާރްސީއެމްއިން ރެކޮމެންޑޭޝަން ހުށަހަޅާފައި ވާނެ ކަމަށެވެ.

އަދި މުޒާހަރާގައި ހަރަކާތްތެރިވާ ފުލުހުންގެ ލިސްޓެއް ހޯދާ ކަމަށާއި، ނަމަވެސް އެ ފުލުހުންގެ ފޮޓޯ ހޯދަން ދަތިތައް ކުރިމަތިވާ ކަމަށެވެ.

"އަޅުގަނޑުމެން އެބަ ބޭނުންވޭ ކޮމްޕެއާ ކުރަން އެ ފޮޓޯ. އެކަމު ބައެއް ފަހަރު ފޮޓޯ ފޯރުކޮށްދިނުމުގައި ދަތިތަކާ އެބަ ދިމާވޭ. އެއާއެކު އަޅުގަނޑުމެންނަށް ފޮނުވާ ލިސްޓުގައި ހުންނަ މީހުންނާ ހުށަހަޅާ މައްސަލައިގައި ހުންނަ މީހުންނާ ދިމާނުވާ ތަންވެސް އެބަ އާދޭ،" އާފްރީން ވިދާޅުވިއެވެ.

ރޮޒައިނާގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީވެސް ވިދާޅުވީ ފުލުހުންނާ ދެކޮޅަށް އޭނާވެސް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލައާ ގުޅިގެން އެޗްއާރްސީއެމްއިން ސުވާލުކޮށްފައި ނުވާ ކަމަށެވެ.

އެޗްއާރްސީއެމްގެ ވާހަކަތަކާ ގުޅިގެން ރޮޒައިނާ ވަނީ ފުލުހުން އެ ކޮމިޝަނުގެ އެންގުމާ އެއްގޮތަށް އަމަލު ނުކުރުމުން، އެ ކޮމިޝަނުން އެކަމާ ގުޅިގެން އެޅި ފިޔަވަޅެއް އޮޅުންފިލުވައިދޭން އެދިފައެވެ.

"އޭރު ހާލަތު އޮތް ގޮތުން އަޅުގަނޑަށްވެސް އެނގޭ ކޯޓުތަކުންވެސް ތިބޭފުޅުންނަށް ކަމެއް ކުރެވޭ ހާލަތެއްގައި ނޫންކަން އޮތީ. އެކަމަކު މީޑިއާ ހަމަ ވަރަށް ހިތްވަރުކޮށްފައި ހުރިހާ ކަމެއް ރިޕޯޓު ކުރަމުން ދިޔައީ. އެހެންވީމަ ތިބޭފުޅުންނަށްވެސް އޮތް އެއްބާރުލުން ނުލިބޭކަން ރައްޔިތުންނަށް އަންގާދިނުމުގެ ޖާގަ،" ރޮޒައިނާ ވިދާޅުވިއެވެ.

ކޮމިޓީގައި ބައެއް މެމްބަރުން ވަނީ އެޗްއާރްސީއެމް އިން އެ ކޮމިޝަނަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ ރަނގަޅަށް އަދާކުރާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. މެމްބަރުންގެ ވާހަކައާ ގުޅިގެން ހިތްހަމަނުޖެހިވަޑައިގެން އީނާސް ވަނީ އެޗްއާރްސީއެމްއިން މައްސަލަތަކުގައި ކޮށްފައި ހުރި މަސައްކަތްތައްވެސް ކޮމިޓީއިން ބެލުމަށް އެދިވަޑައިގެންފައެވެ.

ކުރީގެ ސަރުކާރުން އެޗްއާރްސީއެމްގެ މަސައްކަތްތަކަށް އެއްވެސް ވަރެއްގެ ނުފޫޒެއް ފޯރުވާފައިވޭތޯ ކޮމިޓީގައި މެމްބަރުން ކުރެއްވި ސުވާލުގެ ޖަވާބުގައި އެޗްއާރްސީއެމްއިން ބުނެފައި ވަނީ އެފަދަ އެއްވެސް ނުފޫޒެއް ކުރިމަތިނުވާ ކަމަށެވެ.

comment ކޮމެންޓް