ދުނިޔޭގެ އެންމެ ބޮޑު ޖަންގަލި ރެކޯޑު ރޭޓެއްގައި އަނދަނީ

އެމެޒޯންގައި ރޯވެފައިވާ ބައެއް އަލިފާންގަނޑުތައް ވަނީ ބޮޑު ސަރަހައްދަކަށް ފެތުރިފައި -- ފޮޓޯ: ރޮއިޓާސް

ސައޮ ޕައޮލޯ (އޮގަސްޓް 23): ދުނިޔޭގެ އެންމެ ބޮޑު ޖަންގަލި ކަމަށްވާ އެމެޒޯން ޖަންގަލި ރެކޯޑު ރޭޓެއްގައި އަނދަމުންދާ ކަމަށް ސައިންސުވެރިން ބުނެފި އެވެ.

ބްރެޒިލްގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ ސްޕޭސް ރިސާޗް (އައިއެންޕީއީ)އިން ބުނި ގޮތުގައި، އެމެޒޯން މިހާރު އަނދަމުން ދަނީ 2013 ވަނަ އަހަރު އެ ސެންޓަރުން ޖަންގަލީގައި އަލިފާން ރޯވާ މިންވަރު ބަލަން ފެށި ފަހުން ފާހަގަ ކުރެވުނު އެންމެ އަވަސް ރޭޓުގައެވެ.

އެގޮތުން މިއަހަރު ތެރޭ ބްރެޒިލްގެ ޖަންގަލިތަކުގައި 72،843 އަލިފާނުގެ ހާދިސާ ހިނގާފައިވާ ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ހާދިސާތައް ހިނގީ އެމެޒޯންގައި ކަމަށް އައިއެންޕީއީން ބުންޏެވެ. އަދި އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 80 ޕަސެންޓު އިތުރު އަދަދެއް ކަމަށް އެސެންޓަރުން ފާހަގަ ކުރި އެވެ.

ބްރެޒިލްގެ ތިމާވެށި ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ވަނީ މިއަހަރު އެގައުމުގެ ވެރިކަމަށް ރައީސް ޖައިރް ބޮލްސޮނާރޯ ވަޑައިގެންނެވި ފަހުން އޭނާ ވަނީ ޖަންގަލިތަކުގެ ގަސްތައް ކަނޑާ، އެބިންތައް ވިޔަފާރިއަށް ބޭނުން ކުރުމަށް ހިތްވަރު ދެއްވާފައި ކަމަށް ބުނެފަ އެވެ.

ނަމަވެސް ބޮލްސޮނާރޯ ވަނީ ޖަންގަލިތަކުގައި ރޯކުރަނީ އެގައުމުގެ ސަރުކާރު ލަދުގަންނަވާލަން ބޭނުންވާ، ތިމާވެއްޓާ ގުޅުން ހުރި ޖަމްއިއްޔާތަކުން ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް އެތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް އޭނާ ހާމަ ނުކުރައްވަ އެވެ.

އެމެޒޯން އަނދަމުންދާ މައްސަލައިގައި ފްރާންސުގެ ރައީސް އެމަނުއެލް މެކްރޮން ވަނީ އެއީ ބައިނަލްއަގުވާމީ ކާރިސާއެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އަދި ދުނިޔޭގެ އިގުތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުން މިހަފްތާ ބަންދުގައި ބާއްވާ ޖީ7 ސަމިޓުގައި އެމައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެމެޒޯން ޖަންގައްޔަކީ ދުނިޔޭގެ ޖައްވުގައި ހުންނަ އޮކްސިޖެންގެ ތެރެއިން 20 ޕަސެންޓް އޮކްސިޖެން އުފައްދާ އަދި ދުނިޔެ ހޫނުވުން ކުޑަ ކުރުމުގައި ބޮޑު ދައުރެއް އަދާ ކުރާ ޖަންގައްޔެކެވެ. އަދި އެއީ ގާތްގަނޑަކަށް ތިން މިލިއަން ބާވަތުގެ ގަސްގަހާގެއްސާއި ޖަނަވާރާއި ތަފާތު ގަބީލާތަކަށް ނިސްބަތްވާ އެއް މިލިއަން މީހުން ދިރިއުޅޭ ޖަންގައްޔެކެވެ.

comment ކޮމެންޓް