އެމެރިކާ ސިފައިންނާ އެކު އެމްއެންޑީއެފްއިން ހިންގި އެކްސަސައިޒް ނިންމާލައިފި

އެކްސަސައިޒް ބެލެންސް މެޓަލް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ދިވެހި ސިފައިންނާއި އެމެރިކާ ސިފައިން ގުޅިގެން ހިންގި "އެކްސަރސައިޒް ބެލެންސް މެޓަލް 19-01" ނިންމާލައިފިއެވެ.

މި އެކްސަސައިޒް ކުރިއަށް ދިޔައީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި އޯގަސްޓު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 22ގެ ނިޔަލަށެވެ.

މި އެކްސަސައިޒް ނިންމުމުގެ ގޮތުން އިއްޔެ ލ. ކައްދޫގައި ހުންނަ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ހެޑްކުއޯޓާސްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މެރިންކޯގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދެވެ.

މި އެކްސަސައިޒް ނިންމުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ސްޕެޝަލް ފޯސަސްގެ ކޮމާންޑަރ ލެފްޓިނަންޓް ކާނަލް އަޙްމަދު ޝާމިންއާއި އެމެރިކާ އަސްކަރިއްޔާގެ ސްޕެޝަލް ފޯސަސްގެ ކޮމާންޑަރުންގެ އިތުރުން އެކްސަސައިޒްގައި ބައިވެރިވި ދެ ގައުމުގެ ސިފައިން ވެސް ބައިވެރިވެފައި ވެއެއެވެ.

އެކްސަރސައިޒް ބެލެންސް މެޓަލްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމެރިކާ އަސްކަރިއްޔާގެ ސްޕެޝަލްފޯސަސްގެ ސިފައިންނާއި އެމްއެންޑީއެފްގެ ސްޕެޝަލްފޯސަސްގެ ސިފައިންނެވެ. މި އެކްސަސައިޒްގައި އެމްއެންޑީއެފްގެ ސްޕެޝަލް ފޯރސަސް، މެރިންކޯރ އަދި ކޯސްޓްގާޑްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް