އޭލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

މަތީ ސާނަވީ ދަރިވަރުންތަކެއް --- ސަން ފައިލް ފޮޓޯ

މިދިޔަ މޭ މަހު ބޭއްވި އެޑެކްސެލް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނުގެ ނަތީޖާ ސްލިޕް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ)އިން ދޫކުރަން ފަށައިފިއެވެ.

ނަތީޖާ ސިލްޕް ދޫކުރަން ފަށައިފައި ވަނީ ބުދަ ދުވަހުއެވެ. ޑީޕީއީއިން ބުނީ އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު އެ ޑިޕާޓްމަންޓުން ނަތީޖާ ދޫކުރަމުން ގެންދާނެ ކަމަށެވެ.

ނަތީޖާ ދޫކުރުމަށް ހަމަޖެހިފައި ވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެންދުރު 13:30 އަށެވެ.

ޑީޕީއީ މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ އާ ހަވާލުވުމަށް ދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދަން ޖެހޭނެ ކަމަށާއި ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައިޑީކާޑާއި، ހަވާލުވާ ފަރާތުގެ އައިޑީކާޑު ގެންދަން ޖެހޭނެއެވެ.

ނަތީޖާ ރީޗެކްކުރުމަށް ބޭނުންވާ ކެނޑިޑޭޓުން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ސެޕްޓެމްބަރު އަށްވަނަ ދުވަހުގެ 12:00 ގެ ކުރިން ހުށަހަޅަން ޖެހެއެވެ.

ސެންޓަރެއް މެދުވެރިކޮށް އިމްތިހާނުގައި ބައިވެރިވި ކެނޑިޑޭޓުން ރީޗެކް ކުރުމަށް ހުށަހަޅާނީ އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކަށެވެ.

comment ކޮމެންޓް