އަންހެނުން ފަނޑިޔާރުކަން ކުރުން ހަރާމް: ފަތުވާ މަޖިލިސް

ސްޕްރީމް ކޯޓު --- ސަން ފައިލް ފޮޓޯ// ފަޔާޒު މޫސާ

އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ނޫން، ހަރާމް ކަމެއް ކަމަށް ބުނާ ރައުޔަށް ބުރަވާކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ބުނެފިއެވެ.

އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭގޮތުން އެ މަޖިލީހުން މިދިޔަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ނިންމާފައިވާ ނިންމުމެއް ވަނީ އާންމުވެފައެވެ.

އެ ނިންމުން އާންމުފައި ވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްޑާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ އެދިވަޑައިގެންފައެވެ.

މި ދެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ޖޭއެސްސީގެ ލަފަޔަކަށް ރައީސް އެދިވަޑައިގަތީ، ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ކުރިން ވެސް އޮތް ގޮތަށް ހަތަކަށް އިތުރުކުރަން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނު އިސްލާހު ކުރުމުންނެވެ.

ފަތުވާ މަޖިލީހުގެ ނިންމުމުގައި ވަނީ އެ މަޖިލީހުގެ މެމްބަރުން، ކީރިތި ޤުރުއާނާއި، ރަސޫލާގެ ސުންނަތާއި، އިލްމުވެރިންގެ އިޖުމާއުއާއި ބަސްފުޅުތަކުގެ އަލީގައި އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭގޮތުން އޮންނަ ގޮތް ހޯދުމަށް ދިރާސާއެއް ކޮށްފައިވާ ކަމަށެވެ.

އަދި އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭގޮތުން އިސްލާމީ ޝަރީއަތުގައި ތިން ރައުޔެއް އައިސްފައިވާކަން އެ ދިރާސާއިން އެނގުނު ކަމަށެވެ.

1. ފުރަތަމަ ރައުޔު

ފުރަތަމަ ރައުޔަކީ ސުންނަތް ޖަމާއަތުގެ ހަތަރު މަޒުހަބުގެ ގިނަ އިލްމުވެރިންނާއި، ސުންނަތް ޖަމާއަތުގައި ނުހިމެނޭ ޝީޢާއީންގެ އަލްއިމާމިއްޔާއިންނާއި، ޒައިދީންނާއި، ޚަވާރިޖުންގެ ތެރޭގައި ހިމެނީ އިބާޟީންގެ ރައުޔެވެ.

އެ ރައުޔުގެ ހުލާސާގައި މުދަލާއި ގުޅޭ ކަމަކަށް ވިޔަސް، ނުވަތަ ގިސާސާއި ހައްދުތަކާ ގުޅުންހުރި ކަމެއްގައި ވިޔަސް، ނުވަތަ އެނޫން މައްސަލައެއްގައި ވިޔަސް އެ މައްސަލަތައް ބަލައި ހުކުމްކުރުމަށް، އަންހެނަކާ ހަވާލު ކުރުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމަށް ބުނެފައިވާ ކަމަށް ފަތުވާ މަޖިލީހުގެ ނިންމުމުގައިވެއެވެ.

އެ ނިންމުމުގައި ބުނެފައި ވަނީ ގަޟިއްޔާއެއް ނިންމުމަށް އަންހެނަކާ ހަވާލުކުރާ މީހާވެސް އަދި ހަވާލުކުރެވުނު މީހާވެސް ފާފަވެރިވާނެ ކަމަށާއި، އެ ހުކުމަކީ ހައްގަށް ވާސިލްވި ކަމުގައިވާނަމަވެސް ތަންފީޒު ކުރެވޭނެ ހުކުމެއް ނޫން ކަމަށެވެ.

އޭގެ އިތުރުން ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ ހަތަރު ހަލީފާއިން ވެސް ފަނޑިޔާރުކަމަށް އެއްވެސް އަންހެނަކު އިސްކުރައްވާފައި ނުވާކަމަށް އެ ރައުޔުގައިވެއެވެ.

2. ދެވަނަ ރައުޔު

ދެވަނަ ރައުޔުގައި ބުނެފައި ވަނީ އިސްލާމްދީނުގައި ކަނޑައަޅައިފައިވާ ހައްދުތަކާއި، ގިސާސް ހިފުމުގެ ގަޟިއްޔާތައް ފިޔަވައި އެހެން ހުރިހާ (މާލީ މައްސަލަތަކާއި، އަންހެނުން އާދަކޮށް ދެކެއުޅޭ މައްސަލަތަކާއި އެނޫނަސް އެފަދަ) މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ ކަމަށެވެ. އެއީ ހަނަފީ މަޒުހަބުގެ މަދު އިލްމުވެރިންގެ ރަޢުޔެކެވެ.

3. ތިންވަނަ ރައުޔު

ތިންވަނަ ރައުޔުގައި ބުނެފައި ވަނީ އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށެވެ. މިއީ އަލްއިމާމުއްތަބަރީގެ ރައުޔެކެވެ. މި ރައުޔަށް ތާއީދު ކުރާ އެއްވެސް ދަލީލެއް ނެތް ކަމަށާއި، އަދި އެއީ އިމާމުއްތަބަރީގެ ރަޢުޔެއް ކަން އެނގޭ އެއްވެސް ލިޔުމެއް ނެތް ކަމަށް ވެސް ފަތުވާ މަޖިލީހުގެ ނިންމުމުގައިވެއެވެ. އަދި އިމާމުއްތަބަރީއަކީ ތަފްސީރާއި ތާރީހުގެ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ އިލްމުވެރިއަކަށް ވާއިރު، އެއިން އެއްވެސް ފޮތެއްގައި މި ރަޢުޔުގެ ވާހަކަ އައިސްފައި ނުވާ ކަމަށެވެ.

ފަތުވާ މަޖިލީހުގެ ނިންމުން:

ތިން ރަޢުޔަށް ބެލުމަށްފަހު، އޭގެތެރެއިން އެންމެ ހަރުދަނާ ރައުޔަކީ ފުރަތަމަ ރައުޔު ކަމަށް ފަތުވާ މަޖިލީހުން ވަނީ ނިންމައިފައެވެ.

"އެއީ އެ ރައުޔުގެ ދަލީލުތަކާއި ހުއްޖަތުތަކުގެ ވަރުގަދަކަމުންނެވެ. އަދި އެއީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ރަޢުޔަށް ވާތީއެވެ،" ފަތުވާ މަޖިލީހުގެ ނިންމުގައިވެއެވެ.

ފަތުވާ މަޖިލީހުން ނިންމާފައި ވަނީ އަނެއް ދެ ރަޢުޔަކީ ދަލީލުގެ ގޮތުން ބަލިކަށިވެފައިވާތީ ބުރަދަނެއް ނެތް ދެ ރަޢުޔު ކަމަށެވެ.

"އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މެމްބަރުން ބުރަވަނީ، ޖުމްހޫރު އިލްމުވެރިންގެ ރައުޔަށެވެ. އެއީ ފުރަތަމަ ރައުޔެވެ." ނިންމުމުގައިވެއެވެ.

މިއީ، ރާއްޖޭގެ އެންމެ މަތީ ކޯޓު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަންހެން ބޭފުޅުން އައްޔަން ކުރާ ފުރަތަމަ ފަހަރެވެ.

މިހާރު އެކޯޓުގެ ފަނޑިޔާރުކަމުގައި ތިއްބަވަނީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އަބްދުﷲ އަރީފް، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ، ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުއެވެ.

comment ކޮމެންޓް