ރޮހިންގްޔާ ރެފިއުޖީން އެނބުރި މިޔަންމާއަށް ދާން ބޭނުމެއް ނުވޭ: ބަންގްލަދޭޝް

ރޮހިންގްޔާ ރެފިއުޖީން

ކޮކްސް ބާޒާރު (އޮގަސްޓް 23) : ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގުގައި ދިރިއުޅެމުންދާ ރޮހިންގްޔާ ރެފިއުޖީން މިޔަންމާއަށް އެނބުރި ރުޖޫއަވާން ބޭނުންނުވާ ކަމަށް ބަންގްލަދޭޝުން ބުނެފި އެވެ.

ރޮހިންގްޔާ ރެފިއުޖީން އެމީހުންގެ ވަޒަނަށް އަނބުރައި ފޮނުވުމުގެ ކަންތައްތަކާ ބެހޭ ބަންގްލަދޭޝް އިދާރާގެ މަސްއޫލުވެރިން ވިދާޅުވީ އެނބުރި ގައުމަށް ދިޔުމަށް ރޮހިންގްޔާއިންގެ އެއްބާރުން ނުލިބުނު ކަމަށާއި އެނބުރި ދިޔުމުގެ މައްސަލާގައި އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވަދެފައިވާ ކަމުގަ އެވެ.

ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގުގައި ތިބި ރޮހިންގްޔާއި ރެފިއުޖީންގެ ތެރެއިން 3450 މީހުން މިޔަންމާއަށް ފޮނުވާލުމަށް ބަންގްލަދޭޝުން ކުރި މަސައްކަތް ނާކާމިޔާބުވީ މިޔަންމާއަށް ދިޔުމަށް ޓަކައި ނަންނޯޓް ކުރި ރޮހިންގްޔާއިން ވެސް ވެހިކަލަށް އެރުމަށް ދެކޮޅު ހެދުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރޮހިންގްޔާ އިންގެ 3450 މީހުން މިޔަންމާއަށް ފޮނުވަން ބަންގްލަދޭޝުން މަސައްކަތްކުރީ އެއަދަދަށް ރޮހިންގްޔާއިން ފޮނުވައިފި ނަމަ އެމީހުން ބަލައިގަންނާނެ ކަމުގެ ޔަގީންކަން މިޔަންމާ ސަރުކާރުން މިހަފްތާގައި ދިނުމުންނެވެ.

މިޔަންމާގެ މަސްއޫލުވެރިއެއް ކަމަށްވާ ޒައުހަތޭ މި ހަފްތާގެ ކުރީކޮޅުވަނީ ރޮހިންގްޔާ ރެފިއުޖީންގެ 3450 މީހުން މިޔަންމާއަށް ފޮނުވައިފި ނަމަ އެމީހުން އަލުން މިޔަންމާގެ ރަކާން ސްޓޭޓްގައި ވަޒަންވެރިކޮށް ދޭނެކަމުގެ ޔަގީންކަން ބަންގްލަދޭޝަށް ދީފައިވާނެ ކަމަށް ވިދާޅުވެ ބަޔާނެއް ދެއްވައިފަ އެވެ.

ރޮހިންގްޔާ ރެފިއުޖީން މިޔަންމާއަށް އެނބުރި ރުޖޫއަވާން ބޭނުންނުވަނީ އެމީހުންނަށް ރަށްވެހިކަން ދިނުމަށް މިޔަންމާއިން ދެކޮޅުހެދުމާއި މިޔަންމާއަށް އަލުން ދިޔަނަމަވެސް އެމީހުންނަށް ރައްކާތެރިކަމާއި ހިމާޔަތް ލިބޭނެކަމުގެ ޔަގީންކަން ނެތުމުން ކަމަށް ބަންގްލަދޭޝްގެ ކަމާބެހޭ މަސްއޫލުވެރިންވަނީ ވިދާޅުވެފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް