އިންޑިއާގައި އިލެކްޓްރޯނިކް ސިނގިރެޓު މަަނާ ކުރަނީ

އިންޑިއާގެ ހެލްތު މިނިސްޓްރީން ވަނީ އީ ސިނގިރެޓު މަނާ ކުރަން ހުށަހަޅާފަ -- ފޮޓޯ: ރޮއިޓާސް

ދިއްލީ (އޮގަސްޓް 23): އިންޑިއާގައި އިލެކްޓްރޯނިކް ސިނގިރެޓު އުފެއްދުމާއި އެތެރެކުރުން މަނާކުރުމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ ލިޔުންތަކަކާ ހަވާލައިދީ ރޮއިޓާސްގައި ވާ ގޮތުން އެ މިނިސްޓްރީން ވަނީ ގައުމުގެ ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި އީ ސިނގިރެޓު މަނާކުރާ އެގްޒެކެޓިވް އަމުރެއް ނެރުމަށް ސަރުކާރަށް ހުށަހަޅާފައެވެ. އަދި އެއީ ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި އީ ސިނގިރެޓު ބޭނުންކުރުން އާދައަކަށްވުން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅެއް ކަމަށް ލިޔުންތަކުގައި ވެއެވެ.

"އީ ސިނގިރެޓާއި އެފަދަ އެހެން ޓެކްނޮލޮޖީތަކަކީ ދުންފަތް ބޭނުން ކުރުމަށް ހިތްވަރުދޭ އަދި އެ ބޭނުން ކުރާ މީހުންނާއި އެމީހުންނާ އެއް މާހައުލެއްގައި ދިރިއުޅޭ އެހެން މީހުންނަށްވެސް ނުރައްކާތެރި އެއްޗެއް،" ހެލްތު މިނިސްޓްރީގެ ލިޔުންތަކުގައި ވެއެވެ.

އަދި އެ މިނިސްޓްރީން ވަނީ އެ ގަވާއިދުތަކާ ހިލާފުވާ ފަރާތްތައް އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށާއި 1،400 ޑޮލަރާއި 7،000 ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ހުށަހަޅާފައެވެ.

ހެލްތު މިނިސްޓްރީން ހުށަހަޅާފައިވާ އެ ޑްރާފްޓް އަމުރާ ބެހޭ ގޮތުން ގައުމުގެ ކެބިނެޓުން މަޝްވަރާކުރާނެ ކަމަށް ބެލެވެއެވެ.

އިންޑިއާގައި އާންމު ގޮތެއްގައި އެގްޒެކެޓިވް އަމުރެއް ނެރެނީ ގާނޫނު ހަދާ މަޖިލިސް ޗުއްޓީގައި އޮންނަ އިރު، ކުއްލި ހާލަތެއް ދިމާވެއްޖެނަމައެވެ. އަދި މަޖިލީހުގެ ބައްދަލުވުންތައް އަނެއްކާވެސް ފެށުމުން އެއަމުރާ ބެހޭ ގޮތުން މަޖިލީހުން ބަހުސް ކުރާނެއެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް މިމަހު ޗުއްޓީއަށް ދިޔުމަށް ފަހު ދެން ބައްދަލުވުންތައް ބާއްވާނެ ކަމަށް ބެލެވެނީ ނޮވެމްބަރު މަހުގައެވެ.

އީ ސިނގިރެޓު ޕްރޮމޯޓުކުރާ ފަރާތްތަކުން ވަނީ އެއީ އާދައިގެ ސިނގިރެޓަށް ވުރެ ގެއްލުން ކުޑަ އެއްޗެއް ކަމަށް ބުނެފައެވެ. ނަމަވެސް ސިނގިރެޓާ ދެކޮޅު އެކްޓިވިސްޓުން ވަނީ އީ ސިނގިރެޓުން ނިކޮޓިންއަށް ދެވި ހިފާ ކަމަށާއި އޭގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ކުރުމަށް މަގުފަހިވާ ކަމަށް ބުނެފައެވެ.

އިންޑިއާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ތިބޭ ގައުމެވެ. އެގައުމުގެ 106 މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލު ކުރާ އިރު އެއާ ގުޅުން ހުރި ބަލިތަކުގައި އަހަރަކު 900،000 އަށް ވުރެ ގިނަ މީހުން މަރުވެއެވެ.

comment ކޮމެންޓް