ޔަމީން އެންގި ގޮތަކަށް ފައިސާއަށް ހަދަން އަނިލް ލަފާ ދިން: ޒިޔަތު

(ކ) އިއްޔެގެ ޝަރީއަތުގައި އަބްދުﷲ ޒިޔަތު، އަދި (ވ) މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ކުރީގެ ބަންޑާރަނައިބު މުހައްމަދު އަނިލް ---

އެމްއެމްޕީއާރްސީއިން ރަށްތަކާއި ފަޅުތައް ކުށްޔަށް ދީގެން ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި އިރު އެކަން ކުރިއަށް ގެންދަން އަނިލް އިރުޝާދު ދެއްވިކަމަށް، ހިޔާނާތް ހިނގި އިރު އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރުކަމުގައި ހުންނެވި އަބްދުﷲ ޒިޔަތު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ތުުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތުގައި އިއްޔެ ހެކިބަސް ދެމުން ޒިޔަތު ވިދާޅުވީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ލިބުނު ފައިސާއަށް ހަދަންވީ ގޮތް އޭރު އޭނާއަށް މައިގަނޑުގޮތެއްގައި އަންގަމުން ދިޔައީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށެވެ. އެކަމަކު، ބައެއް ރަށްތަކާއި ފަޅުތަކުގެ ފައިސާއަށް ހަދަންވީ ގޮތާ ބެހޭގޮތުން ރައީސް ޔާމީންވެސް އޭނާއާ މުއާމަލާތްކޮށްފައި ހުންނާނެ ކަމަށް ޒިޔަތު ވިދާޅުވިއެވެ.

ޒިޔަތު: "އަޅުގަނޑު ކައިރީގައި ރައީސް ޔާމީން ބައްދަލުވުމެއްގައިވެސް އަދި މެސެޖުކޮށްފައިވެސް ދަންނަވާފައި ވަނީ ލިބޭ ރަށްތަތަކާއި ފަޅުތައް ދޫކޮށްގެން ލިބޭ ޕޭމަންޓުތަކަށް ވަކި ގޮތަކަށް ކަންތައް ކުރަން. އަޅުގަނޑު ގާތުގައި ބުނެފައި އޮންނަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ ހަވާލު ކުރުމަށް،"

ދައުލަތުން ޒިޔަތާ ސުވާލުކޮށް ނިމުމުން ރައީސް ޔާމީން ޒިޔަތާ ގިނަ ސުވާލުތަކެއް ކުރިމަތިކުރެއްވިއެވެ. އެގޮތުން ރައީސް ޔާމީން އޭނާއަށް ދެއްވި އެއްވެސް އިރުޝާދެއް ލިޔުމުން އޮތްތޯ ސުވާލު ކުރައްވައި ޒިޔަތުގެ ވާހަކަތަކާ ބެހޭގޮތުން ސުވާލު އުފެއްދެވިއެވެ.

ރައީސް ޔާމީންގެ އިރުޝާދަށް ގާނޫނާ ހިލާފު ކަންތައްތަކެއް ކުރަން ޖެހުނު އިރު އެކަމާ ގުޅިގެން އޭރުގެ ބަންޑާރަނައިބު އަނިލްގެ މަޝްވަރާ ހޯއްދެވިންތޯ ރައީސް ޔާމީން ޒިޔަތާ ސުވާލުކުރެއްވިއެވެ.

ރައީސް ޔާމީން: "ބަންޑާރަނައިބުގެ މަޝްވަރާ ހޯއްދެވިންތޯ؟"

ޒިޔަތު: "ހޯދިން،"

ރައީސް ޔާމީން: އޮޑިޓާ ޖެނެރަލްގެ މަޝްވަރާ ހޯއްދެވިންތޯ؟"

ޒިޔަތު: ނުހޯދަން،"

ރައީސް ޔާމީން: "ރައީސް ޔާމީން އަންގަވައިގެން މިހާ ބޮޑު ގާނޫނާ ހިލާފު ކަމެއް ކުރާ އިރު ބަންޑާރަނައިބު ކީކޭތޯ ވިދާޅުވީ؟"

ޒިޔަތު: "ބަންޑާރަނައިބު ވިދާޅުވީ، ތީ ރައީސް ވިދާޅުވެގެން ކުރިއަށްދާ ކަމެކޭ، ތިކަން ކުރިއަށް ގެންދިޔުމަށް،"

އަނިލް އެގޮތަށް އިރުޝާދު ދެއްވީ ލިޔުމުންތޯ ރައީސް ޔާމީން ސުވާލު ކުރެއްވިއެވެ. ޖަވާބުގައި ޒިޔަތު ވިދާޅުވީ، އެގޮތަށް އިރުޝާދު ދެއްވީ ލިޔުމުން ނޫން ކަމަށާއި، ބައްދަލުވުމެއްގައި އަނގަބަހުން ކަމަށެވެ.

ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމަކީ ޖިނާއީ ކުށެއް ކަމުން ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފަޔަކަށް އެދުނުތޯވެސް ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ. ޒިޔަތު ވިދާޅުވީ ލަފަޔަކަށް ނޭދޭ ކަމަށެވެ.

އެމްއެމްޕީއާރްސީގެ އޮފީހުގައި ހުންނަ ޒިޔަތުގެ ކޮޓަރިކޮޅަށް ފިންގަޕްރިންޓު ޖައްސަވައިގެން ކުރީގެ ނައިބު ރައީސް އަދީބަށްވެސް ވަދެވެއެވެ. އަދި އޭރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާއި ބަންޑާރަނައިބު އަނިލްއަށްވެސް އެ ކޮޓަރިއަށް ވަނުމުގެ އެކްސެސް އޮންނަ ކަމަށް، އޭސީސީން ހިންގި ތަހުގީގަށް ޒިޔަތު ދީފައިވާ ބަޔާނުގައި ބުނެފައިވެއެވެ. ރައީސް ޔާމީން ދެން ސުވާލު ކުރެއްވީ އެކަމާ ގުޅުވައިގެންނެވެ.

ރައީސް ޔާމީން: "ބަންޑާރަނައިބަކީ [ޒިޔަތުގެ ކޮޓަރިއަށް] ފިންގަޕްރިންޓު ޖައްސަވައިގެން ވަދެވަޑައިގަންނަވާ ބޭފުޅެއްތޯ؟"

ޒިޔަތު: "[އަނިލް] އަޅުގަނޑާ ބައްދަލުކުރަންވެސް ނައިބު ރައީސް އަދީބާ ބައްދަލުކުރަންވެސް [ކޮޓަރިއަށް] ވަޑައިގަންނަވާ،"

އަނިލްއާ ގުޅުވައިގެން ރައީސް ޔާމީން އިތުރު ސުވާލުތަކެއް ކުރައްވަމުން ގެންދެވި އެވެ.

ރައީސް ޔާމީން: "އެހެންވީމާ ބަންޑާރަނައިބު މި އަންގަވަނީ ގާނޫނާ ހިލާފަށް ރައީސް ޔާމީން އެންގިޔަސް، އެހެންތޯ ތި ވިދާޅުވަނީ ޝަރީއަތުގެ މަޖިލީހުގައި؟.."

ޒިޔަތު: "އާދެ،"

ރައީސް ޔާމީން: "...ރައީސް ޔާމީން އަންގައިފި ކަމަށް ވަންޏާ އެކަން ކުރެވޭނެއޭ އެކަން ކުރާށޭއޭ ތޯ ވިދާޅުވަނީ؟"

ޒިޔަތު: "އާދެ،"

މިކަމާ ގުޅޭގޮތުން އަނިލްގެ ބަހެއް ހޯދަން ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވައެވެ.

ޒިޔަތު އިއްޔެ ޝަރީއަތުގައި ހެކިބަސް ދެމުން ޒިޔަތު ވިދާޅުވީ، ރަށްތަކުގެ ޑީލްތައް ނިންމައިގެން ލިބޭ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާ ނުކޮށް އެހެން އެކައުންޓުތަކަށް ޖަމާ ކުރީ އޭނާއަށް އެނގިގެން ކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ހުރިހާ ކަމެއްވެސް ކޮށްފައި ވަނީ ރައީސް ޔާމީންގެ އޯޑަރަށް ކަމަށެވެ.

ޒިޔަތު މިހާރުވެސް ދަނީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވި މަަައްސަލައެއްގައި އަށް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެކަމަކު، އޭނާ މިހާރު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް