އެމެރިކާގެ އެދުމަށް އިޖާބަދޭނީ ވަރަށް ބޮޑަށް ވިސްނުމަށްފަހު: ނޯވޭ

ޒަރީފް އާއި ނޯވޭގެ ޚާރިޖީ ވަޒީރާ އިން މޭރީ އެރިކްސަން ސެރައިޑް އޮސްލޯގައި ބައްދަލުކުރައްވަނީ

އޮސްލޯ (އޮގަސްޓް 22): ގަލްފުގެ ދަތުރު ފަތުރުގެ ސަލާމަތަށްޓަކައި އެމެރިކާ އެކުލަވާލަން މަސައްކަތްކުރާ އަސްކަރީ ބާރުގައި ބައިވެރިވުމަށް އެމެރިކާ އެދިފައިވާ އެދުމަށް ރައްދު ދިނުމާމެދު ވިސްނަމުންދާކަމަށް ނޯވޭ އިން ބުނެފިއެވެ.

ނޯވޭ އަށް ވަޑައިގެން އުޅުއްވާ އީޜާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް އާ އޮސްލޯގައި ބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސްކޮންފަރެސެއްގައި ނޯވޭގެ ޚާރިޖީ ވަޒީރާ، އިން މޭރީ އެރިކްސަން ސެރައިޑް ވިދާޅުވީ އެމެރިކާގެ އެދުމަށް ރައްދު ދޭނީ ގަލްފުގެ ހަމަޖެހުމާއި ސުލްހައަށް ބެލުމުގެ އިތުރުން އެސަރަހައްދުގެ ގައުމުތަކުގެ ސިޔާސަތުތަކަށްވެސް ރިއާޔަތް ކޮށްގެން ކަމުގައެވެ.

ގަލްފުގެ ދަތުރު ފަތުރުގެ ސަލާމަތަށްޓަކައި ކަމަށްބުނެ ގަލްފުގައި ކަނޑުގެ އަސްކަރީ ބާރެއް އެކުލަވާލުމަށް އެމެރިކާ ކުރަމުން ގެންދާ މަސައްކަތަށް މިހާތަނަށް އެއްބާރުލުން ދީފައިވަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާއިންނެވެ. އިސްރާއީލުން އަމިއްލައަށް އެކަމުގެ ތެރެއަށް ވަންނަން އުޅުމުން އިރާގުންވަނީ އިސްރާއީލުފަދަ ނުރައްކާތެރި ގައުމެއް ގަލްފަށް ވަނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ބުނެ އެކަމުގެ ނަތީޖާ ގޯސްވާނެ ކަމުގެ އިންޒާރު ދީފައެވެ.

ގަލްފުގެ ދަތުރު ފަތުރުގެ ސަލާމަތަށްޓަކައި ކަމަށްބުނެ އެމެރިކާ އެކުލަވާލަން މަސައްކަތްކުރާ އަސްކަރީ ބާރަށް ޖަރުމަނާއި ފަރަންސޭސިވިލާތް ދެކޮޅު ހަދާފައިވާއިރު ގަލްފުގެ ތެޔޮ އެންމެ ބޮޑަށް ބޭނުންކުރާ ޖަޕާނުންވެސް މިކަމުގައިވަނީ ފަސްޖެހިފައެވެ.

ނޯވޭގެ ޚާރިޖީ ވަޒީރާ، އިން މޭރީ އެރިކްސަން ސެރައިޑް ބައްދަލުކުރެއްވުމަށްފަހު އީރާންގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ވަނީ ގަލްފަށް އަސްކަރީ ބާރުތައް ފޮނުވައިގެން އެސަރަހައްދުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރައްވާފައެވެ. ޒަރީފްވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް ބަދަލުގެނައުމާބެހޭގޮތުން އެމެރިކާ އާ ވާހަކަދެއްކުމުގެ ވިސްނުމެއް އީރާނުން ނުގެންގުޅޭ ކަމަށް ވިދާޅުވެފައެވެ.

ނޯވޭއަށް ވަޑައިގަތުމުގެ ކުރިން ޒަރީފްވަނީ ފިންލެންޑްގެ ވެރިރަށް ހެލްސިންކީ އަށް ވަޑައިގެން އެގައުމުގެ ޚާރިޖީ ވަޒީރު ޕެކާ ހާވިސްޓޯ އާވެސް ބައްދަލުކުރައްވާފައެވެ. ހާވީސްޓޯ އާ ބައްދަލުކުރެއްވުމަށްފަހު ޒަރީފް ވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް ބަދަލު ނުގެނަސް އެ އެއްބަސްވުމަށް އެމެރިކާ އަނބުރައި ރުޖޫއަ ކުރުމަށްޓަކައި މެދުވެރިއެއްގެ ބައި އަދާކުރަން ކުރާ ކޮންމެ މަސައްކަތަކަށް އީރާނުން ތާއީދު ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

ޒަރީފް އާ މަޝްވަރާ ކުރެއްވުމަށްފަހު ފިންލެންޑްގެ ޚާރިޖީ ވަޒީރު ހާވިސްޓޯ ވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުން ދަމަހައްޓުމަށް ޔޫރަޕުން ގެންގުޅޭ ސިޔާސަތަށް ފިންލެންޑް އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ޒަރީފް އަށް ދެއްވާފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް