ރައްޔިތުންގެ ފައިސާއަށް އަޅުގަނޑުވެސް ރައީސް ޔާމީންވެސް ޒިންމާވާން ޖެހޭނެ: އަދީބު

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަދީބު ވާހަކަފުޅު ދައްކަވަނީ ---

ރައްޔިތުންގެ ފައިސާ ބޭނުން ކުރި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އަދި އެމަނިކުފާނުވެސް ޒިންމާ ނަގަން ޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ޔާމީން ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރު ކަމާއި ނައިބު ރައީސްކަންވެސް ކުޑަދުވަސްކޮޅަކަށް ކުރެއްވި އަދީބު މިއަދު ވަނީ ޔަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަކުރުމުގެ މައްސަލާގައި ޔާމީނާ ދެކޮޅަށް ހެކިބަސް ދީފަ އެވެ.

ދައުލަތުން ޔާމީންގެ މައްޗަށް ދައުވާ ކުރަނީ ވޮޑުމުލާ ކުއްޔަށް ދީގެން އެމްއެމްޕީއާރުސީއަށް ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމީން އެކައުންޓަށް ޖަމާވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ އެ ފައިސާ އަކީ އެމަނިކުފާނުގެ ކެމްޕެއިނަށް ލިބިފައިފާ ފައިސާ ކަމަށެވެ. ނަމަވެސް އަދީބު މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވީ އެއީ އެމްއެމްޕީއާރުސީގެ ފައިސާ ކަމަށެވެ. އަދި އެސްއޯއެފް މެދުވެރިކޮށް ފޮނުވާނީ ހަމައެކަނި އެމްއެމްޕީއާރުސީ ފައިސާ ކަމަށް އަދީބު ވިދާޅުވި އެވެ.

"ރައީސް ޔާމީނަށްވެސް އެނގިލައްވާނެ އެއީ އެމްއެމްޕީއާރުސީގެ ލާރިކަން." އަދީބު ތަކުރާރުކޮށް ވިދާޅުވި އެވެ.

އަދީބު އެހެން ވިދާޅުވުމުން ހިތްހަމަ ޖެހިވަޑައި ނުގަތް ޔާމީން އެދިލެއްވީ އެހެން ނުހެއްދެވުމަށެވެ.

"ނޫން ތިހެން ނުހައްދަވާ. ކޮންމެ ކަމެއް ރައީސް ޔާމީނަށް އެނގިލައްވާނެ ކަމަށް ވިދާޅުނުވޭ. އަޅުގަނޑު މި އަހާ ސުވާލުގެ ޖަވާބުދެއްވީމަ ފުދޭނެ." ރައީސް ޔާމީން ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ އޭނާވެސް އަދި ރައީސް ޔާމީންވެސް ދައުލަތުގެ ފައިސާއަށް ޒިންމާވާން ޖެހޭ ކަމަށެވެ. އަދި އޭނާ ބަރީއަތްވާން ނެތްކަން ގަބޫލު ކުރާ ކަމަށްވެސް އަދީބު ވިދާޅުވި އެވެ.

"އަޅުގަނޑު މީގެން ބަރީއަތް ވާކަށް ނެތް ރައީސް ޔާމީން. އަޅުގަނޑުވެސް އޭގައި ހުރި. އެހެންވެ އަޅުގަނޑުވެސް އަޅުގަނޑުގެ ރޯލާއެކީގައި އަޅުގަނޑުވެސް މި ކިޔައިދެނީ. ރައްޔިތުންގެ ފައިސާއަށް ޒިންމާ ވާން ޖެހޭނެ. އަޅުގަނޑުވެސް ޒިންމާވާން ޖެހޭނެ. އަދި ހަމަ އެހެންމެ ރައީސް ޔާމީންވެސް ޒިންމާވާން ޖެހޭނެ." ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އެއާއެކު ރައީސް ޔާމީން ވިދާޅުވީ "ޒިންމާވާން ޖެހޭ ހިސާބު އަންނާނީ ތަހުގީގާ ހަމައަށް ދިޔައިމަ" ކަމަށެވެ. އަދި ޔާމީން އެދުނީ އެމަނިކުފާނު ކުރާ ސުވާލަކަށް އަދީބު ޖަވާބު ދެއްވުމަށެވެ. އަދި އިތުރު ވާހަކަ ނުދެއްކުމަށް އެދުނެވެ.

އަދީބު ވިދާޅުވީ ވޮޑުމަލާ ސޮއިކުރަންވެސް އޭނާ އަރިހުގައި ވިދާޅުވީ ރައީސް ޔާމީން ކަމަށެވެ. އަދި ވޮޑުމުލާ ކުއްޔަށް ދޫކުރުމަށް ފަހު ލިބުނު ފައިސާ އެސްއޯއެފް އެކައުންޓަށް ޖަމާކުރަން ވިދާޅުވީވެސް ޔާމީން ކަމަށެވެ. އަދި އެ ފައިސާ ޖަމާކުރަން ވިދާޅުވެފައި ބޭންކެ މެނޭޖަރުގެ ނަމްބަރު ދިނުމުން އެސްއޯއެފް ބޭފުޅުން ބޭންކަށް ވަޑައިގެންނެވި ކަމަށެވެ. އަދި ބޭންކެ މެނޭޖަރު ރައީސް ޔާމީނަށް ގުޅުއްވި ކަމަށްވެސް އަދީބު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަދީބު ވާހަކަފުޅު ދައްކަވަނީ ---

އެހިސާބުން އަދީބުގެ ވާހަކަ މެދު ކަނޑާލަން އަންގަވާ ރައީސް ޔާމީން އެއްސެވީ "ބޭންކް މެނޭޖަރު ރައީސް ޔާމީނަށް ގުޅިކަން ކަށވަރުކޮށްދޭނީ ކިހިނެތޯ" އެވެ. އަދީބު ވިދާޅުވީ ބޭންކެ މެނޭޖަރު ރައީސް ޔާމީނަށް ގުޅިކަން ވިދާޅުވީ އެސްއޯއެފް ބޭފުޅުން ކަމަށެވެ.

އަދީބު ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރީ އޭނާގެ އޯޑަރަށް ނޫން ކަމަށާއި "ރައީސް ޔާމީންގެ އޯޑަރަށް" ކަމަށެވެ.

އެމްއެމްޕީއާރުސީ ފައިސާގެ މުގުލުގައި ހުރީ އަދީބާއި ރައީސް ޔާމީން ކަމަށް އެންމެންވެސް ތުހުމަތުކުރެ އެވެ. އަދީބު ދޭ ޔަގީން ކަމަކީ އެނާ ގާނޫނާ ހިލާފު ކަމެއް ކުރި ނަމަވެސް ކޮށްފައި އޮންނާނީ ރައީސް ޔާމީން އަންގަވައިގެން ކަމެވެ. އަދި އެސްއޯއެފްއިން ދައުރުވީ އެމްއެމްޕީއާރުސީގެ ފައިސާ ކަމަށްވެސް އަދީބު ވިދާޅުވެ އެވެ.

އެމްއެމްޕީއާރުސީން ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން 77.55 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީއަށް ލިބެން ޖެހެ އެވެ. ނަމަވެސް އޭގެ ތެރެއިން އެމްއެމްޕީއާރުސީގެ އެކައުންޓަށް ވަނީ 12.5 މިލިއަން ޑޮލަރެވެ. އަދި އެ ފައިސާގެ ތެރެއިން ވެސް 5.3 މިލިއަން ޑޮލަރު އެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފްގެ އެކައުންޓަށް ވަނީ ޖަމާވެފަ އެވެ.

comment ކޮމެންޓް