ފުވައްމުލަކުގައި އަޅާ 800 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފި

ފުވައްމުލަކުގައި ދެބުރިއަށް އިމާރާތްކުރެވިފައިވާ ހައުސިން ޔުނިޓްތަކެއް--- ފޮޓޯ: ޕީއެސްއެމް

ފުވައްމުލަކުގައި އަޅާ 800 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން ހުޅުވާލީ އިއްޔެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލެވޭނީ ފުވައްމުލަކުގައި ކުރިން ގޯތި ދޫކުރި ފަރާތްތަކުގެ ތެރެއިން ގެދޮރު ނެހެދިހުރި ފަރާތްތަކަށް ކަމަށެވެ.

ފުވައްމުލަކުގައި އެންމެ ފަހުން ގެދޮރު ދޫކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ. އެބުރު ގޯތި ދޫކުރި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުން އަދިވެސް އުޅެނީ ގޯތި ނެހެެދިއެވެ.

އެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށް އެއް ބުރި އާއި ދެ ބުރީގެ ގެ ހަދައި ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އެ ގެތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި ފައިސާ ދައްކަން ނުޖެހޭއިރު 20 އަހަރަށް ބަހާލައިގެން ފައިސާ ދައްކޭނެކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް