ޒިޔަތު ބުނަނީ ފައިސާއަށް ހެދީ ޔާމީން އެންގެވި ގޮތަކަށް ކަމަށް، ޔާމީން ދޮގު ކުރައްވާ

އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު މިއަދު ކްރިިމިނަލް ކޯޓުގައި ހެކިބަސް ދެއްވަނީ ----

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު، ގާނޫނާ ހިލާފަށް އަމަލު ކުރެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އޯޑަރަށް ކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވިދާޅުވެއްޖެ އެވެ.

ޒިޔަތު މިހެން ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހެކިބަސް ދެއްވަމުންނެވެ.

ޒިޔަތު ހެކިވެރިއެއްގެ ގޮތުގައި ހުށަހެޅީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން އޮތްކަމާއި، ގއ. ވޮޑަމުލާ ކުށްޔަށް ދޫކޮށްގެން ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލިބުން ލަސްވެގެން ރައީސް ޔާމީން ވާހަކަފުޅު ދެއްކެވިކަމާއި ވޮޑަމުލާ ދޫކޮށްގެން ލިބުނީ އެއް މިލިއަން ޑޮލަރުކަން ސާބިތު ކުރުމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ޒިޔަތު ވިދާޅުވީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރި ބައެއް ރަށްތައް ދޫކުރުމުގައި ރައީސް ޔާމީންގެ ފަރާތުން ކަން ކުރަންވީ ގޮތުގެ އޯޑަރުތައް ލިބުނު ކަމަށެވެ. ޔާމީނާ މުއާމަލާތް ކުރީ ފޯނުން ގުޅުއްވައިގެން އަދި މެސެޖުކޮށްގެން ކަމަށް އޭނާ ކިޔައިދެއްވި އެވެ.

ޒިޔަތު: "އަޅުގަނޑަށް އޭރު ރައީސް ޔާމީން ވަނީ ސްޕެސެފިކަލީ އިންސްޓްރަކްޝަންސް ދެއްވައިފައި ވަކި ގޮތަކަށް އަމަލު ކުރުމަށް،"

ދައުލަތު ވަކީލު: "ކޮބާތޯ އިންސްޓްރަކްޝަންސްތަކަކީ؟"

ޒިޔަތު: "އަޅުގަނޑު ކައިރީގައި ރައީސް ޔާމީން ބައްދަލުވުމެއްގައިވެސް އަދި މެސެޖުކޮށްފައިވެސް ދަންނަވާފައި ވަނީ ލިބޭ ރަށްތަތަކާއި ފަޅުތައް ދޫކޮށްގެން ލިބޭ ޕޭމަންޓުތަކަށް ވަކި ގޮތަކަށް ކަންތައް ކުރަން. އަޅުގަނޑު ގާތުގައި ބުނެފައި އޮންނަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ ހަވާލު ކުރުމަށް،"

މި ވާހަކަތައް ރައީސް ޔާމީން މިއަދު ވަނީ ދޮގު ކުރައްވައިފައެވެ. ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނު ޒިޔަތާ ބައްދަލުވީވެސް އެންމެ ފަހަރަކު އެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރި ރަށްތަކުގެ ތެރެއިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާ ކަމަށް ދައުލަތުން ތުހުމަތު ކުރެއެވެ. ޒިޔަތު މިއަދު ވިދާޅުވީ، ވޮޑަމުލާ ދޫކޮށްގެން ލިބުނީ އެއް މިލިއަން ޑޮލަރު ކަމަށެވެ. އަދި އެ އެއް މިލިއަން ޑޮލަރުގެ ޗެކު ހަވާލު ކުރީ އެސްއޯއެފް ކުންފުނީގެ އަހުމަދު އިޝްފާހު އަލީއާ ކަމަށް އޭނާ ވިދާޅުވިއެވެ. އިޝްފާހުއާ ހަވާލު ކުރީ އަދީބު މާލޭގައި ނެތުމުން، ޗެކު އިޝްފާހުއާ ހަވާލު ކުރަން އަދީބު އެންގެވުމުން ކަމަށްވެސް ޒިޔަތު ވިދާޅުވި އެވެ.

މީގެ އިތުރުން، ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ފައިސާ ނުލިބިގެން ރައީސް ޔާމީން ސުވާލު ކުރިތޯވެސް ދައުލަތުން ސުވާލު ކުރި އެވެ.

ދައުލަތުގެ ވަކީލު: "ގއ. ވޮޑަމުލާ ކުއްޔަށް ދީގެން ލިބުނު ފައިސާއާ ގުޅިގެން ރައީސް ޔާމީން އަބްދުﷲ ޒިޔަތާ މުއާމަލާތް ކުރެއްވިތޯ؟"

ޒިޔަތު: "އާދެ. އަޅުގަނޑަށް މެސެޖުކޮށްފައި އެ އެގްރީމަންޓުގައި ސޮއި ކުރުމުގެ ކުރިން ކީއްވެެގެންތޯ ލަސްވެގެން އުޅެނީ، އެހެން އަޅުގަނޑާ މުއާމަލާތް ކުރެވުނު،"

ދައުލަތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒިޔަތު އިތުރަށް ވިދާޅުވީ، ވޮޑަމުލާ ފިޔަވައި އެމްއެމްޕީއާރްސީ މެދުވެރިކޮށް އެ ދުވަސްވަރު ދޫކުރި އެހެން އެއްވެސް ރަށެއް ދޫކޮށްގެން އެއް މިލިއަން ޑޮލަރު ނުލިބޭ ކަމަށެވެ.

ޒިޔަތާ ސުވާލު ކުރަން ލިބުނު ފުރުސަތުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ ޒިޔަތު ކުރިން ދިން ބަޔާންތަކުގައި ދައްކާފައި ހުރި ވާހަކައާއި މިހާރު ދައްކާ ވާހަކައާ ފުށޫ އަރާކަން ފާހަގަކޮށްފައެވެ. އެގޮތުން، ރައީސް ޔާމީން ހުރިހާ ރަށެއް ދޫކުރުމުގައި ވެސް އިރުޝާދު ދެއްވާ ކަމަށް މީގެ ކުރިން ޒިޔަތު ވިދާޅުވެފައިވާކަން ދިފާއުން ފާހަގަކޮށްފައިވެއެވެ.

އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު މިއަދު ކްރިިމިނަލް ކޯޓުގައި ހެކިބަސް ދެއްވަނީ ----

ޒިޔަތު: "ގިނަ ރަށްރަށުގައި ރައީސް ޔާމީން ހުންނާނެ އަޅުގަނޑަށް އިރުޝާދު ދެއްވާ،"

ރައީސް ޔާމީން: "އަޅުގަނޑު ހަވާލާ މި ދެއްވަނީ [ޒިޔަތު މީގެ ކުރިން ދެއްވި] ބަޔާނާ. ބަޔާނުގައި މި އޮތީ ހުރިހާ ރަށެކޭ،"

އޭގެ އިތުރުން، ރައީސް ޔާމީންގެ މައްސަލައިގައި ޒިޔަތު ހެކިބަސް ދީފައި ވަނީ އޭނާ ޖަލުގައި ހުއްޓައި ކަރެކްޝަންސްއިން އޭނާ ގޭބަންދަށް ބަދަލު ކުރިތާ އެއް ދުވަސް ފަހުންކަންވެސް ދިފާއުން ފާހަގަ ކުރިއެވެ.

ރައީސް ޔާމީން: "އެހެންވީމާ ގާނޫނާ ހިލާފު ވަރަށް ބައިވަރު ކަންތައްތަކެއް ކުރައްވާފައި ދެއްތޯ ތި ހުންނެވީ؟"

ޒިޔަތު: "އާދެ. އެހެންވެ ނޫންތޯ އަޅުގަނޑު ހުކުމެއްގައި މިހިރީ މިހާރު،"

ދިފާއުން މަސައްކަތް ކުރަނީ އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވި ނަމަވެސް އެއީ ހިޔާނާތުގެ ފައިސާ ނޫންކަން ސާބިތު ކުރުމަށެވެ. އެކަން ސާބިތު ކުރަންދިފާއުން ކުރި ސުވާލުތަކަށް ޒިޔަތު ދެއްވި ޖަވާބުތަކުން އެނގުނީ އެމްއެމްޕީއާރްސީއިން ވިޔަފާރީގެ އެއްބަސްވުންތަކެއް އެސްއޯއެފް ކުންފުންޏާ އެކު ހަދާފައިވާ ކަމެވެ. އެކަމަކު ސައްހަކޮށް ހޯދި ފައިސާއެއް އެސްއޯއެފްއަށް ޖަމާކޮށްފައި ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ޒިޔަތު އިތުރަށް ވިދާޅުވެފައި ވަނީ ރައީސް ޔާމީން އަންގައިގެން ކުރި ގާނޫނާ ހިލާފު ކަންކަމާ ގުޅޭ ގޮތުން އޭރުގެ ބަންޑާރަނައިބު މުހައްމަދު އަނިލްގެ ޚިޔާލު ހޯއްދެވި ކަމަށެވެ. އެކަމަކު އަނިލް އަކީވެސް، އެމްއެމްޕީއާރްސީގެ އޮފީހަށް އަދީބާ އެކު އަންނަ ބޭފުޅެއް ކަމަށް ޒިޔަތު ދިން ޖަވާބުތަކުން އެނގުނެވެ. އަދި އަނިލްވެސް ލަފާ ދިނީ ގާނޫނާ ހިލާފު ވިޔަސް ރައީސް ޔާމީން ވިދާޅުވި ގޮތަކަށް ކަން ކުރަންް ކަމަށް ޒިޔަތު ވިދާޅުވިއެވެ.

ޔާމީންގެ މައްސަލައިގައި މިއަދު ހެނދުނު ވަނީ އޭސީސީގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަސްވެސް ނަގައިފައެވެ. ދިފާއުން ކުރިމަތި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއައްވިޒު ވިދާޅުވެފައި ވަނީ އެސްއޯއެފްގެ އެކައުންޓަށް ވޮޑަމުލާ ދޫކޮށްގެން ލިބުނު އެއް މިލިއަން ޑޮލަރު ޖަމާވި އިރު އެ އެކައުންޓުގައި އަށް ލައްކަ ޑޮލަރު ހުރި ކަމަށެވެ. އެހެންކަމުން، ދިފާއުގެ ސުވާލުތައް އަމާޒުކުރީ އެސްއޯއެފްގެ އެކައުންޓުން ޔާމީންގެ އެކައުންޓަށް ޖަމާވީ ވޮޑަމުލާގެ ފައިސާތައްކަން ނޭނގޭކަން ސާބިތު ކުރުމަށެވެ. އެކަމާ ގުޅޭގޮތުން ދިފާއުން ސުވާލު އުފެއްދި އެވެ.

އޭގެ އިތުރުން، ގާނޫނާ ހިލާފަށް ހޯދާފައިވާ ފައިސާތަކެއް އެސްކްރޯ އެކައުންޓަކަށް ޖަމާ ކުރަން އޭސީސީއިން އެއްބަސްވުމަކީވެސް މަނީ ލޯންޑަރިންގެ އަމަލެއް ނޫންތޯ ދިފާއުން ސުވާލު އުފެއްދި އެވެ.

މިއަދުގެ އަޑުއެހުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުވެސް ހެކިބަސް ދެއްވި އެވެ. އޭނާ ވިދާޅުވީ، ޔާމީންގެ އެކައުންޓަށް ޖަމާވީ ޕީޕީއެމްގެ ކެމްޕޭން ފައިސާތަކެއް ނޫން ކަމަށެވެ. އަދި އެއީ އެމްއެމްޕީއާރްސީގެ ފައިސާކަން ރައީސް ޔާމީނަށް އެނގިވަޑައިގެން ޖަމާ ކުރި ފައިސާތަކެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ. އަދި މި މައްސަލައިގައި ހިމެނޭ ފަސް މީހެއްގެ ހެކިބަސް ނެގުން ނުނިމި އެބަ އޮތެވެ.

comment ކޮމެންޓް