ދީދީގެ މައްސަލަ ފުލުހުން ބަލަން ފެށި ގޮތުން އުއްތަމަ ފަނޑިޔާރުގެ ސުވާލުތަކެއް

އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ނުބަލާ ކަމަށް ފުލުހުން އޭނާއަށް އެންގިތާ ދެ ދުވަސް ތެރޭ ފުލުހުން އޭނާގެ މައްސަލައެއް ބަލާކަން އެންގުމުން އެކަމާ ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ސުވާލުތަކެއް މިއަދު ޖޭއެސްސީއަށް ކުރިމަތިކުރައްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރު ދީދީއާ ގުޅޭގޮތުން ބަލަމުންދާ މައްސަލައަކާއި އެ މައްސަލައާ ގުޅިގެން މިދިޔަ ޖޫން މަހު 12 ވަނަ ދުވަހު، އޭނާ ސަސްޕެންޑް ކުރުމަށް ނިންމުމާ ގުޅިގެން ޖެހިގެން އައި ޖޫން 13 ގައި ފަނޑިޔާރު ދީދީ ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ދެކޮޅަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފަ އެވެ.

މިއަދު މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވި އިރު، މިވަގުތު މެލޭޝިއާގައި ހުންނެވި ފަނޑިޔާރު ދީދީގެ ބަދަލުގައި ޝަރީއަތަށް ވަޑައިގެންނެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުކަން ވެސް ކުރައްވާ އަދާމް އާސިފެވެ. އަދި ފަނޑިޔާރު ދީދީގެ ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވީ ޖޭއެސްްސީގެ ކުރީގެ މެމްބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އާއި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، އާދަމް ޝަމީމެވެ.

ފަނޑިޔާރު ދީދީ އޭނާގެ ވަކީލުންގެ ޓީމާއެކު: މިއަދު ކޯޓަށް ހާޒިރުވީ، ރޭނިސް ސަލީމާއި އާދަމް ޝަމީމް އަދި އަދާމް އާސިފް --- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މި މައްސަަލަ ރައްދުވާ، ޖޭއެސްސީގެ ފަރާތުން ވަޑައިގެންނެވީ އެ ކޮމިޝަންގެ ރަޖިސްޓްރާ ހަސަން ޒަހީން އާއި އެސިސްޓެންޓް ޑިރެކްޓަރު މަރިޔަމް ޒަކަރިއްޔާ އެވެ.

ފަނޑިޔާރު ދީދިގެ ފަރާތުން މައްސަލައިގެ ހުލާސާ ބަޔާނާއި މައްސަލަ ހުށަހެޅުއްވި ސަބަބު ބަޔާންކޮށްދެއްވަމުން ރޭނިސް ސަލީމް ވިދާޅުވީ، މިދިޔަ ޖޫން ދެ ވަނަ ދުވަހު ޖޭއެސްސީއަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ފަނޑިރާރު ދީދީއާ ގުޅޭގޮތުން ހުށަހެޅި މައްސަލައަކީ އެ މަނިކުފާނަށް ހުށަހެޅޭނެ މައްސަލައެއް ނޫން ކަމަށާއި އަދި އެ މައްސަލަ ހުށަހަޅާފައިވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އަދި ގަވައިދުތަކާ ހިލާފަށް ކަމަށެވެ. މީގެ އިތުރުން، ޖޭއެސްސީގައި ރައީސް ނަޝީދު އިންނެވުމަކީ ވެސް މައްސަލަ ނުބެލޭނެ ސަބަބެއްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެ މައްސަލައާ ގުޅިގެން ފަނޑިޔާރު ދީދީ ސަަސްޕެންޑް ކުރަން ނިންމި ނިންމުމަކީވެސް ގާނޫނު އަސާސީއާ ގާނޫންތަކާ ހިލާފަށް ނިންމުމަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޭނިސް ސަލީމް ވިދާޅުވީ، ޖޫން 10 ގައި ފުލުހުންގެ އިދާރާއާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަނޑިޔާރު ދީދީގެ އެއްވެސް މައްސަލައެއް ބަލަމުން ނުދަ ކަމަށް ބުނެ ފަންޑީޔާރު ދީދީއަށް އަންގާފައިވާ ކަމަށެވެ. އެފަދަ ޖިނާއީ މައްސަލައެއް ތަހުގީގީ އެއްވެސް އިދާރާ އަކުން ތަހުގީގު ނުކުރާ އިރު، ޖިނާއީ މައްސަލައެއް ތަހުގީގު ކުރުމުގެ ބާރު ޖޭއެސްސީއަށް ލިބިގެން ނުވާ ކަމަށް ރޭނިސް ސަލީމް ވިދާޅުވި އެވެ.

އެހެން ކަމުން ފަނޑިޔާރު ދީދީގެ ފަރާތުން އެދިފައިވަނީ ދެ ކަމަކަށެވެ. އެއީ އެ މައްސަލަ ޖޭއެސްސީއަށް ނުބެލޭނެ ކަމަށާއި އަދި އެ މައްސަލައާ ގުޅިގެން ފަނޑިޔާރު ދީދީގެ ސަސްޕެންޑްޝަނަކީ ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފު ސަސްޕެންޝަނެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައަކީ، ފަނޑިޔާރު ދީދީއާ ގުޅޭ އެއް މިލިއަން ޑޮލަރުގެ ރިޝްވަތުގެ މައްސަލައެއްގަ އެވެ. އެ މައްސަލައަކީ ފަނޑިޔާރު ދީދީގެ އަނބިކަބަލުންގެ މެލޭޝިއާ އެކައުންޓަށް އެއް މިލިއަން ޑޮރަލު ވަތް މައްސަަލައެވެ.

ޖޭއެސްސީގެ ފަރާތުން މައްސަލައަށް ޖަވާބު ދާރީވަމުން ކޮމިޝަންގެ ރަޖިސްޓްރާ ހަސަން ޒަހީން މައްސަލައަށް އިންކާރު ކުރާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މައްސަލަތައް ޖޭއެސްސީގޭ ގާނޫނުގައިވާ ގޮތުން ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮންމެ މީހަކަށް ވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބިގެންވާ ކަމަށެވެ. އަދި ގާނޫނު އަސާސީން ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުން މަތިކޮށްފައިވާ ކޮމިޝަނަކީ ޖޭއެސްސީ ކަމުން ފަނޑިޔާރު ދީދީގެ މައްސަލަ ޖޭއެސްސީއަށް ބެލޭނެ ކަމަށް ޒަހީން ވިދާޅުވި އެވެ.

ސަސްޕެންޑް ކުރީ ނަޝީދުގެ މައްސަލައިގައެއް ނޫން

މައްސަލައަށް އިތުރަށް ޖަވާބުދާރީވަމުން ޒަހީން ވިދާޅުވީ، ފަނޑީޔާރު ދީދީ ސަސްޕެންޑް ކުރުމަށް ނިންމާފައިވަނީ ރައީސް ނަޝީދު ހުށަހެއްޅުވި މައްސަލައާ ގުޅިގެން ނޫން ކަމަށެވެ. އެގޮތުން އޭނާ ސަސްޕެންޑް ކުރަން ނިންމާފައިވަނީ ފުލުހުން ތަހުގީގު ކުރަން ފެށި ފަނޑިޔާރު ދީދީއާ ގުޅޭ ޖިނާއީ ތަހުގީގާ ގުޅިގެން އެ ކޮމިޝަނުން ބަލަން ނިންމި މައްސަލައާ ގުޅިގެންނެވެ.

ޒަހީން ވިދާޅީ، ޖޫން 12 ގައި ފުލުހުންގެ ފަރާތުން ފަނޑިޔާރު ދީދީއާ ގުޅޭ ޖިނާއީ މައްސަލައަކާ ގުޅޭ ސިޓީއެއް ލިބުނު ކަމަށެވެ. އަދި އެ ސިޓީގައި އެމްއެމްޕީއާރުސީގެ ފައިސާ ފަނޑިޔާރު ދީދީ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މީހެއް އަތުން ފަނޑިޔާރު ދީދީ ފައިސާ ނެންގެވި ކަމަށް ތުހުމަތު ކުރެވުމާއި މަގާމުގެ ނުފޫޒު ނާޖާއިޒް ފައިދާ މަންފާ ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އޭނާ ސަސްޕެންޑް ކުރަން ނިންމީ އެ މައްސަލައާ ގުޅިގެން އެ މައްސަލައިގެ ތަހުގީގަށް އޭޏާ ނުފޫޒުފޯރުވި، ތަހުގީގަށް ކޮށްފާނެ ނުރަނގަޅު އަސަރެއްގެ ސަބަބުން ކަމަށް ޒަހީން ވިދާޅުވި އެވެ.

މައްސަލައަށް ޖަވާބުދާރީ ވުމުން އުއްތަމަ ފަނޑިޔާރު ޖޭއެސްސީގެ ރަޖިސްޓްރާ ޒަހީންއާ ސުވާލުކުރަން ފެށި އެވެ. އެންމެ ފުރަތަމަވެސް އުއްތަމަ ފަނޑިޔާރުގެ ސުވާލު އަމާޒު ކުރީ ފަނޑިޔާރު ދީދީ އާ ގުޅޭ ގޮތުން ފުލުހުން ފޮނުވި ސިޓީއާ ގުޅޭ ގޮތުންނެވެ.

"ކިހިނެތްތޯ ދެ ދުވަސް ތެރޭ ފުލުހުން [ފަނޑިޔާރު އަބްދުﷲ ދީދީގެ] ޖިނާއީ މައްސަލައެއް ތަހުގީގު ކުރަން ފެށީ،" އުއްތަމަފަނޑީޔާރު ޖޭއެސްސީއާ ސުވާލު ކުރި އެވެ.

ޖަވާބުގައި ޒަހީން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ފަނޑީޔާރު ދީދީގެ ޖިނާއީ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް އެނގުނީ ޖޫން 12 ގައި ފުލުހުން ޖޭއެސްސީއަށް ފޮނުވި ސިޓީ އިން ކަމަށެވެ. އަދި އެ މައްސަލަ އެދުވަހު ޖޭއެސްސީގައި ޖަލްސާގައި އެޖެންޑާކޮށްފައިވަނީ ރައީސް ނަޝީދު ހުށަހެއްޅެއްވި މައްސަލައާ ފުލުހުންގެ ސިޓީއާ ގުޅިގެން ކަމަށެވެ. އަދި ސަސްޕެންޑް ކުރީ ފުލުހުންގެ ސިޓީއާ ގުޅިގެން ކަމަށް ޒަހީން އަނެއްކާވެސް ވިދާޅު ވިއެވެ.

ޖޫން 10 ގައި ފަނޑިޔާރު ދީދީއަށް އޭނާގެ މައްސަލައެއް ބަލަމުން ނުދާކަން ފުލުހުންނަށް އަންގާފައިވާއިރު، އޭގެ ދެ ދުވަސް ފަހުން ޖޫން 12 ގައި ޖޭއެސްސީއަށް ފަނޑިޔާރު ދީދީގެ މައްސަލައެއް ބަލަމުންދާ ކަމަށް އެންގުމުން އެއީ ކިހިނެތް ވީކަމެއްތޯ އަނެއްކާވެސް އުއްތަމަ ފަނޑިޔާރު ސުވާލު ކުރި އެވެ.

ޖަވާބުގައި ޒަހީން ވިދާޅުވީ، އެކަން އެނގޭނީ ފުލުހުންނަށް ކަމަށެވެ. ޒަހީން އިތުރަށް ވާހަކަ ދައްކަވަމުން ދަނިކޮށް އުއްތަމަ ފަނޑީޔާރު އޭނާގެ ވާހަކަ ދެއްކެވުން ހުއްޓުވުމަށްފަހު، އަޑުއެހުން ކުުރުކޮށްލަން ނިންމެވި އެވެ. ސަބަބެއް ގޮތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ދީދީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ކްރިމިނަލް ކޯޓުގައި މިއަދު މެންދުރު 2:30 ގައި ފަށަން ހަމަ ޖެހިފައިވާ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމަށް އެބޭފުޅުން ދާން ޖެހޭކަން އަންގާފައި އޮތުމުން ކަމަށެވެ. ފަނޑިޔާރު ދީދީ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ މައްސަލައިގެ އަޑުއެހުމެއް އެހެން ދުވަހަކަށް ތާވަލް ކުރާނެ ކަމަށް ވިދާޅުވެ އެވެ.

ދެ ދުވަސް ތެރޭ ފުލުހުން އަލުން އެހެން ތަހުގީގެއް ފެށި ގޮތާ މެދު އުއްތަަމަ ފަނޑިޔާރު ސުވާލު އުފެއްދެވިއިރު، މިދިޔަ ޖޫން މަހު ޖޭއެސްސީން އާންމުންނަށް ހުޅުވާލައިގެން ދަރުބާރުގޭގައި ބޭއްވި އެ މައްސަލަ ބަލާ ކޮމިޓީގެ އަޑުއެހުމުގައިވެސް ފަނޑިޔާރު ދީދީ އެންމެ ބޮޑަށް ނެގެވި ދިފާއުއަކީ އެއީ އެވެ.

comment ކޮމެންޓް