ބަންގުލަދޭޝްގައި ތިބި ރޮހިންގާއިން އެނބުރި މިޔަންމާއަށް ދާން ބޭނުމެއް ނުވި

ދެހާސް ސަތާރަ ވަނަ އަހަރު މިޔަންމާ ދޫކޮށް ބަންގުލަދޭޝްއަށް ދިޔަ ރޮހިންގާއިންގެ އަަދަދު 740،000އަށް އަރާ -- ފޮޓޯ: އޭއެފްޕީ

ޑާކާ (އޮގަސްޓް 22): ބަންގުލަދޭޝްގައި ތިބި ރޮހިންގާ ރެފިއުޖީން އެގައުމުން މިޔަންމާއަށް ގެންދަން މަސައްކަތް ކުރުމުން، އެކަމަށް އެއްވެސް މީހަކު އެއްބާރުލުން ނުދިން ކަމަށް ބަންގުލަދޭޝްގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން 2017 ވަނަ އަހަރު އެގައުމުގެ ރާހިން ސްޓޭޓުގައި ކުރިއަށް ގެންދިޔަ އަނިޔާވެރި އޮޕަރޭޝަނާ ގުޅިގެން އެގައުމު ދޫކޮށް ބަންގުލަދޭޝްއަށް ދިޔަ ރޮހިންގާއިންގެ އަދަދު 740،000 އަށް އަރަ އެވެ.

އޭގެ ތެރެއިން ބައެއް މީހުން މިޔަންމާއަށް އަނބުރާ ފޮނުވާލުމަށް މިދިޔަ އަހަރު ވެސް ދެ ގައުމުން މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން އަނެއްކާވެސް ރޮހިންގާއިން އަނބުރާ ފޮނުވާލުމަށް ދެ ގައުމުން ވަނީ މަސައްކަތް ފަށައިފަ އެވެ.

އެގޮތުން ބަންގުލަދޭޝް ސަރުކާރާއި އެގައުމުގައި ހުންނަ އދ.ގެ ހައި ކޮމިޝަނުން ގުޅިގެން ވަނީ މިޔަންމާއަށް އަނބުރާ ފޮނުވާލެވިދާނެ 3،500 ރޮހިންގާ ރެފިއުޖީންގެ ލިސްޓެއް ހަދައިފަ އެވެ. އަދި އެލިސްޓު ބެލުމަށް ފަހު މިޔަންމާ ސަރުކާރުން ވަނީ އޭގެ ތެރެއިން 3،450 ރެފިއުޖީން އަނބުރާ އެގައުމަށް ގެންދަން އެއްބަސްވެފަ އެވެ.

ނަމަވެސް އެލިސްޓުގައި ހިމެނޭ މީހުން އަނބުރާ ފޮނުވަން ބަންގުލަދޭޝް އިން ހާއްސަކޮށްފައިވާ އުޅަނދުތަކަށް އަރަން އެއްވެސް މީހަކު ނުދާ ކަމަށް ބަންގުލަދޭޝްގެ އޮފިޝަލަކު ވިދާޅުވި އެވެ.

އަދި އެލިސްޓުގައި ހިމެނޭ ރޮހިންގާ ރެފިއުޖީއަކު ބުނި ގޮތުގައި އޭނާ އެނބުރި މިޔަންމާއަށް ދާނީ އޭނާއަށް މިޔަންމާގެ ރަށްވެހިކަން ދީ، އެގައުމަކީ އޭނާއަށް ރައްކާތެރި ގައުމެއްކަން ޔަގީންވާ ނަމަ އެވެ.

ބަންގުލަދޭޝްގެ ރެފިއުޖީ ކޮމިޝަނާއި އދ.ގެ އޮފިޝަލުން ވަނީ އެގައުމުގައި ތިބި ރޮހިންގާ އާއިލާތައް އެނބުރި މިޔަންމާއަށް ދާން ބޭނުންތޯ ސުވާލު ކުރަމުންދާ ކަމަށާއި ނަމަވެސް އެއްވެސް އާއިލާއަކުން އެނބުރި ދާން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ ވަނީ ރެފިއުޖީން އެނބުރި ދާން މަޖުބޫރު ނުކުރާނެ ކަމަށާއި އެމީހުން މިޔަންމާއަށް ފޮނުވާލާނީ އެނބުރި ދާން ބޭނުންވާ ނަމަ ކަމަށް ވިދާޅުވެފަ އެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ވަނީ ރޮހިންގާއިންނާ ދެކޮޅަށް މިޔަންމާގެ ސިފައިންނާއި ހަރުކަށި ބުޑިސްޓުން ހިންގާފައި ވަނީ އެމީހުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ކަމަށް ސިފަކޮށްފަ އެވެ.

ރޮހިންގާ މުސްލިމުން މިޔަންމާގައި ދިރިއުޅޭތާ ގަރުނުތަކެއްވެފައިވީ ނަމަވެސް ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާއިން ދެކޭ ގޮތުގައި އެއީ އެގައުމަށް އެތެރެވެފައިވާ ބަންގުލަދޭޝްގެ ބަޔެކެވެ. އަދި ރޮހިންގާ މުސްލިމުންނަށް ރަށްވެހިކަން ދިނުން ފަދަ ހައްގުތަކުން އެމީހުން ވަނީ މަހުރޫމްކޮށްފަ އެވެ.

comment ކޮމެންޓް