ބާރަށް ދުއްވާ އުޅަނދުތައް އަތުލަން ފުލުހުން ޓެކްނޮލޮޖީ ބޭނުން ކުރަން ފަށައިފި

ފުލުހުން މިހާރު ބޭނުންކުރަމުންދާ އެންމެ ފަހުގެ ޓެކްނޮޮލަޖީ ހިމެނޭ ސްޕީޑް ގަން --- ފޮޓޯ: ފުލުހުން

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ޓްރެފިކް ފުލުހުންވެސް ބޭނުންކުރަމުންދާ، ޒަމާނީ ޓެކްނޮލަޖީ ހިމެނޭ އެންމެ ފަހުގެ ސްޕީޑް ގަން ދިވެހި ފުލުހުން މިއަދު ބޭނުން ކުރަން ފަށައިފި އެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް އިން އެންމެ ފުރަތަމަ ސްޕީޑް ގަން ބޭނުން ކުރަން ފަށާފައިވަނީ 2004 ގަ އެވެ.

ފުލުހުން މިއަދު ބުނީ، މާލެ އާއި ހުޅުމާލެ އަދި ބްރިޖު ސަރަހައްދުގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުން ސްޕީޑް ގަން ބޭނުން ކުރާނެ ކަމަށާއި އަދި އެ ގަން އަކީ މީގެ ކުރިން ފުލުހުން ބޭނުންކުރަމުންދިޔަ ގަންއަށްވުރެން ފަހުގެ ޓްކެނޮލަޖީ ހިމެނޭ އަދި އޭގައި ބޭނުންކުރެވޭ ފަންކްޝަންތައްވެސް ގިނަ ވަސީލަތެއް ކަމަށެވެ.

ފުލުހުން އެންމެ ފުރަތަމަ ބޭނުންކުރި ސްޕީޑް ގަން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ފުލުހުން

އެގޮތުން މި ސްޕީޑް ގަން އިން، ބާރު ސްޕީޑުގައި ދުއްވާ އުޅަނދާއި އުޅަނދު ދުއްވަން އިންނަ މީހާގެ ފޮޓޯ ނަގައި ވަގުތުން ވީޑިއޯ ރެކޯޑްކުރެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އުޅަނދުގެ ރަޖިސްޓްރީ ނަންބަރު ރެކޯޑްކުރެވި، އުޅަނދު ދުއްވި ސްޕީޑާއި ދުރުމިން ވަގުތުން އެނިގިގެންދާނެ އެވެ. އޭގެ އިތުރުން އެ ގަން އިން 0 ން 320 ކިލޯ މީޓަރު ބާރުމިނުގައި ދުއްވާ އުޅަނދުތައް ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ރެކޯޑްކޮށް، ރެކޯޑްތައް ރައްކާކުރެވޭނެ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޓްރެފިކް ފުލުހުން ކުރިއަށް ގެންދާ އެކިއެކި އޮޕަރޭޝަންތަކުގައި، ބާރު ސްޕީޑްގައި ދުއްވާ ފަރާތްތައް ދެނެގަތުމަށް ފުލުހުން ދަނީ ސްޕީޑް ގަން ބޭނުންކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް