އަދީބާއި ޔާމީން އެންމެ ފަހުން އެއްތަނަކަށް، ހޫނު ބަހުގެ ހަމަލާތަކެއް

އަދީބާއި ޔާމީނު ޝަރީއަތުގެ މަޖިލީހުގައި --

އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަންގައި އެންމެ ބޮޑަށް ތުހުމަތުވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެއްޒަމާނެއްގައި އެމަނިކުފާނުގެ ސިޔާސީ އެކުވެރިޔާ ރައީސް އަބްދުﷲ ޔާމީން ޒަމާންގަނޑަކަށް ފަހު، އެއް ތަނަަކުން ދިމާވެ، ދެ ބޭފުޅުންގެ ދެމެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ބަަދަލުވެއްޖެ އެވެ.

އަދީބާއި ރައީސް ޔާމީން ބައްދަލުވެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ މިއަދުގެ އަޑުއެހުމުގަ އެވެ. މި މައްސަލައިގައި ހެކިބަސް ނެގުމަށް މިއަދު އަދީބު ވަނީ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށްފަ އެވެ.

މީގެ ކުރިން ރައީސް ޔާމީން ބުނެފައި ވަނީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ކެމްޕޭން ފައިސާގެ ގޮތުގައި އަދީބު ޖަމާކުރެއްވި ފައިސާ ކަމަށެވެ. ދައުލަތުން އަދީބު ހެއްކެއްގެ ގޮތުގައި ހުށަހެޅީ އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ ކެމްޕެއިން ފައިސާގެ ގޮތުގައި އަދީބު ޖަމާކޮށްދިން ފައިސާ ނޫން ކަމާއި އެއީ އެމްއެމްޕީއާރްސީގެ ފައިސާކަން ސާބިތު ކުރުމަށެވެ.

ދައުލަތުގެ ވަކީލު މުހައްމަދު އާލިމް ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބުދެއްވަމުން އަދީބު ވިދާޅުވީ ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިރު އިންތިހާބުތަކުގެ ކެމްޕޭނަށް ހެޔޮ އެދޭ ފަރާތްތަކާއި ވިޔަފާރިވެރިން، އާންމުކޮށް ދީ އުޅުނީ މީހަކު ގާތްގަނޑަކަށް ލައްކައެއް ނުވަތަ ދެ ލައްކައެއްހާ ރުފިޔާ ކަމަށެވެ. ކެމްޕޭނަށް މިލިއަން ޑޮލަރު ނުނަގާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވީ 2015 ވަނަ އަހަރު ކަމަށްވާއިރު އެ އަހަރު އިންތިހާބެއް ނެތްކަން ފާހަގަކޮށް، އެ ފައިސާ އަކީ ކެމްޕޭނަށް ދިން ފައިސާއެއް ނޫން ކަމަށް އަދީބު ވިދާޅުވި އެވެ. އަދި ކެމްޕޭން ފައިސާ ހޯދުމަށް އެ ދުވަސްވަރު ރައީސް ޔާމީން އެދިފައި ނުވާ ކަމަށްވެސް އަދީބު ވިދާޅުވި އެވެ.

އަދީބު: "2013،2014ގައި ވަރަށް ބައިވަރު އިލެކްޝަންތައް ދިޔަ އެކަމަކު 2015ގައި އެއްވެސް އިލެކްޝަނެއް ބޯމަތިވެފައި ނެތް. އެހެންވެ އެއްވެސް ކެމްޕޭން ފައިސާއެއް އެ ދުވަސްވަރަކު އަޅުގަނޑު އަތުގައި ނުހުންނާނެ ރައީސް ޔާމީނަށް ދޭން ޖެހޭ،"

އަދީބު ވިދާޅުވީ، ކެމްޕޭން ފައިސާ ހޯއްދަވަން ރައީސް ޔާމީން އޭނާއަށް ނުގުޅުއްވާ ކަމަށެވެ. އެކަމަކު އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތައް ދޫކުރުމާ ގުޅޭގޮތުން ވަރަށް ގުޅުއްވައި ހެއްދެވި ކަމަށް ވިދާޅުވި އެވެ.

އަދީބު: "ކެމްޕޭން ފައިސާގެ ކަންކަމުގައި އަޅުގަނޑަކަށް ނުގުޅުއްވާ. އެހެނެއްނޫން އެމްއެމްޕީއާރްސީގެ ފައިސާގެ ކަންކަމުގައި އަޅުގަނޑަށް ވަރަށް ގުޅުއްވާ،"

ދައުލަތުން ކުރި ސުވާލުތަކާ ގުޅިގެން އަދީބު ވިދާޅުވީ، އެމްއެމްޕީއާރުސީއިން ރަށްތައް ވިއްކުމާއި ފަޅުތައް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ރައީސް ޔާމީން ވަރަށް ގިނައިން އެމަނިކުފާނާ މުއާމަލާތް ކުރައްވައި ހެއްދެވި ކަމަށެވެ. އަދި ރަށްތައް ވިއްކައިގެން ލިބޭ ފައިސާތަކަށް ވެސް އަމަލު ކުރެއްވީ ރައީސް ޔާމީން އެންގެވި ގޮތަށް ކަމަށް އަދީބު ވިދާޅުވި އެވެ

އަދީބު: ".. ދައުލަތުގެ ކުންފުނިތަކަށާއި އެމްއެމްޕީއާރްސީއަށް ލިބޭ ޗެކުތައް ޕްރައިވެޓު ކުންފުނިތަކަށް ޖަމާކޮށްގެން އެ ފައިސާ މާރުކޮށްގެން އެ ފައިސާ ރައީސް ޔާމީނަށް ހަވާލުކޮށްފައިވެސް ހުންނާނެ. އެ ފައިސާ ރައީސް ޔާމީން ބުނެގެން އެކި ތަންތަނަށް ގެންގޮސްފައިވެސް ހުންނާނެ،"

ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި ހާދިސާއަށް ފަހުވެސް ޔާމީން އަދީބަށް ގުޅުއްވައި އަދިވެސް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވި ކަމަށް އަދީބު ކިޔައިދެއްވި އެވެ. އަދި އެމްއެމްޕީއާރްސީގެ ޑީލްތައް ނިންމަވައި ފައިސާ ހޯއްދެވުމަށް ބާރު އެޅުއްވި ކަމަށް ވިދާޅުވި އެވެ.

ލޯންޗުކޮޅު ގޮއްވާލި ފަހުން ފަޅަކާއި ގއ. ވޮޑަމުލާގެ ޑީލް ނިންމައި އެކުއިޒިޝަން ކޯސްޓު ހޯދުން އަވަސް ކުރެއްވުމަށް ރައީސް ޔާމީން ބާރު އެޅުއްވި ކަމަށް އަދީބު ވިދާޅުވި އެވެ. އަދި ރަށްތައް ދޫކުރުމުގައި އެންމެ އިސްކޮށް އުޅުއްވީ ރައީސް ޔާމީން ކަމަށްވެސް އަދީބު ވިދާޅުވި އެވެ.

ޔާމީންގެ ސުވާލުތައް އަދީބަށް، ހޫނު ބަހުސެއް

ރައީސް ޔާމީންވެސް މިއަދުގެ މަޖިލީހުގައި އަދީބާ ސުވާލު ކުރެއްވި އެވެ. ޔާމީން އަދީބާ ފުރަތަމަ ކުރެއްވި ސުވާލަކީ، އެއްވެސް ހިތްބުރަކަމެއް އޮތްތޯ އެވެ.

ހަމަޖެހިލައިގެން ވާހަކަ ދައްކަވަމުން ޖަވާބުގައި އަދީބު ވިދާޅުވީ، ރައީސް ޔާމީން އާއި އެމަނިކުފާނަށް އެކި ގޮތްގޮތުން އަނިޔާދިން ފަރާތްތަކަށް ހިތް ބުރަކަމެއް ނެތް ކަމަށާއި އެންމެނަށް މައާފު ކޮށްފައިވާ ކަމަށެވެ.

އަދީބު: "އަޅުގަނޑަށް ސީދާ ނޭނގެ އަނިޔާ ދެއްވީ ކޮން ފަރާތްތަކެއްކަން. އަނިޔާ ދެއްވި ހުރިހާ ފަރާތްތަކަށްވެސް ރައީސް ޔާމީނަށްވެސް އަޅުގަނޑު ވާނީ މާފުކޮށްފައި. އަޅުގަނޑުގެ އެއްވެސް ޒާތީކަމެއް ހަސަދަވެރިކަމެއް ނެތް އެއްވެސް ބޭފުޅަކާ މެދު."

ރައީސް ޔާމީނާއި އެސްއޯއެފްގައި އުޅުނު އައްލާމް މެންނާ ރައްޓެހި ކަމަށް އަދީބު ބުނެފައި ވަނީ ވަނީ ކޮން ގޮތަކުންތޯ ރައީސް ޔަމީން އަދީބާ ސުވާލު ކުރެއްވި އެވެ.

އަދީބު: "ރައީސް ޔާމީން އެ ބޭފުޅުންނާ ކޮމިއުނިކޭޓުކޮށްފައި އެބަ ހުރި. އަދި ރައީސް ޔާމީންގެ ގެ ގޮޅަށްވެސް އެ ބޭފުޅުން ފައިސާ ހިފައިގެން ގޮސްފައި އެބަ ހުރި ފައިސާ ހިފައިގެން. އެހެންވެ އެގޮތުގެ މަތިން،"

ރައްދުގައި ޔާމީން ވިދާޅުވީ އަދީބު ހެއްދެވީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އަދީބު: "ރައީސް ޔާމީނަށްވެސް އެނގިވަޑައިގަންނަވާނެ އެއީ އެމްއެމްޕީއާރްސީގެ ފައިސާކަން،"

ރައީސް ޔާމީން: "ނޫން ނޫން. ތިހެން ނަހައްދަވާ. ހުރިހާ ކަމެއް ރައީސް ޔާމީނަށް އެނގިލައްވާނެ ކަމަށް ވިދާޅު ނުވޭ،"

ރައީސް ޔާމީންގެ ވެރިކަމުގައި މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު އަދީބު ގާނޫނާ ހިލާފު އެއްވެސް އަމަލެއް ކުރެއްވިންތޯވެސް ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ.

އަދީބު: "އަޅުގަނޑު އަމަލުކޮށްފައި ހުންނާނީ، ރައީސް ޔާމީން ވިދާޅުވި ގޮތަކަށް. ގާނޫނީ ގޮތުން ބުނަން އަޅުގަނޑަކީ ގާނޫނީ މާހިރެއް ނޫން،"

ޔާމީން: "ކޮންމެ ކަމެއްގައިވެސް ރައީސް ޔާމީން ވަކި ގޮތަކަށް އަންގާނެތޯ؟ ގާނޫނާ ހިލާފު އަމަލެއް ކޮށްފައި ހުންނާނެތޯ ނުވަތަ ނޫންތޯ އަޅުގަނޑު މި ދަންނަވަނީ. ޓޫރިޒަމްގައިވެސް ލޯޔަރުން ތިބޭނެ ދެއްތޯ،"

އަދީބު: "އަޅުގަނޑު ބަލާލަން ޖެހޭނީ. ވަކި ސްޕެސެފިކް ކަމެއް ނޭނގޭ."

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި "ކެމްޕޭން ފައިސާ"އާ މެދު އަމަލު ކުރާނެ އެއްވެސް ގޮތަކަށް އަންގާފައި ނުވާނެ ކަމަށް ބުނެ އަދީބު މީގެ ކުރިން ފުލުހުންނަށް ބަޔާން ދެއްވައިފައިވާކަން ޔާމީން ފާހަގަކުރެއްވި އެވެ. އަދި މިހާރު އަދީބު ވާހަކަ ދައްކަވަނީ ކުރިން ދެއްކެވި ގޮތާ ހިލާފަށް ކަމަށް ޔާމީން ވިދާޅުވި އެވެ.

ރައްދުގައި އަދީބު ވިދާޅުވީ، އޭނާ ބަޔާނުގައި ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވީ ކެމްޕޭން ފައިސާ ނޫން ކަމަށާއި އެއީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް ކަމަށެވެ. އަދި ބަޔާނުގައި ބުނެފައި ވާނީ ކެމްޕޭން ފައިސާއެއް ޖަމާ ކުރަން ނާންގާ ވާހަކަ ކަމަށް އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ، އެސްއޯއެފްއިން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާ ކުރީވެސް ރައީސް ޔާމީންގެ އޯޑަރަށް ކަމަށެވެ. އެއީ ކިހިނެއް ވާނެ ކަމެއްތޯ ރައީސް ޔާމިން ސުވާލު ކުރެއްވި އެވެ،

އަދީބު: "ރައީސް ޔާމީން ލައްވާފައި އޮންނަ ބޯޑެއް. ރައީސް ޔާމީން ލައްވާފައި ހުންނަ އެމްޑީއެއް. އެމްޑީއަށް އޯޑަރު ދިނީމަ ފެސިލިޓޭޓު ވަމުން ދަނީ. އަޅުގަނޑު މީގެން ބަރީއަ ވާކަށް ނެތިން. އަޅުގަނޑުވެސް އޭގައި ހުރިން."

ޔާމީން ވަނީ އެއީ އެކަން ހިނގާ ގޮތް ނޫން ކަމަށް ވިދާޅުވެ އެެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.

އަދީބު ވިދާޅުވީ، އެމްއެމްޕީއާރްސީއިން ރަށްތައް ދޫކޮށްގެން ލިބޭ ފައިސާ އެސްއޯއެފްއަށް ޖަމާކޮށްގެން ހޯދުމަށް އޭނާއަށް އޯޑަރު ދެއްވީ ރައީސް ޔާމީން ކަމަށެވެ. އަދި ބޭންކުތަކުގެ ތެރެެއިން އެ ޓްރާންސެކްޝަންތައް ހިނގަން މަގުފަހިކޮށްދެއްވަނީވެސް ރައީސް ޔާމިން ކަމަށް އަދީބު ވިދާޅުވި އެވެ.

ރައީސް ޔާމީން: "ތި ވިދާޅުވަނީ ރައީސް ޔާމީން އަންގައިގެން ގާނޫނާ ހިލާފު މިކަހަލަ ކަންކަން ކުރައްވާފައި ހުރި ކަމަށްތޯ ތި އިއުތިރާފު ވަނީ؟"

އަދީބު: "އާދެ،"

ރައީސް ޔާމީން: "އެހެން ދެއްތޯ ތި އިއުތިރާފު ވަނީ،"

އަދީބު: "އާދެ. ރައީސް ޔާމީންވެސް،"

މީގެ އިތުރުން، ގއ. ވޮޑަމުލާ ވިއްކާލައިގެން ލިބުނު އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކަށް ޖަމާ ކުރުމުގެ ކުރިން އިސްލާމިކް ބޭންކުގެ މެނޭޖަރަކު ރައީސް ޔާމީނަށް ގުޅުއްވާފައިވެސް ހުނާނެ ކަމަށް އަދީބު ތުހުމަތު ކުރެއްވި އެވެ. މިކަމާ ގުޅިގެންވެސް ހޫނު ބަހުގު ހަމަލާތަކެއް ބަދަލު ކުރެވުނެވެ.

އަދީބު: "ރައީސް ޔާމީން ވިދާޅުވި ވޮޑަމުލާ [އެއްބަސްވުމުގައި] ސޮއިކުރަންވެސް އަޅުގަނޑު ކައިރީގައި ވިދާޅުވި އަދި އެ ޗެކު އިސްލާމިކް ބޭންކަށް ޖަމާ ކުރަން ބޭންކު މެނޭޖަރު ނަމްބަރު ދިނީމަ، އެސްއޯއެފް ބޭފުޅުން ދިޔައިމަ ބޭންކް މެނޭޖަރު ގުޅުއްވި ރައީސް ޔާމީނަށް ޖަމާ ކުރުމުގެ ކުރިން އެހެންވީމާ ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ އެއީ އެސްއޯއެފްގެ ލާރިކަން އަދި އެހެންމެ، އެމްއެމްޕީއާރްސީގެ ލާރިކަން އެސްއޯއެފްއަށް ހުރީ ޖަމާވެފައި،"

ރައީސް ޔާމީން: "އަޅުގަނޑުގެ ސުވާލަށް ޖަވާބު ދެއްވަވާ. އިސްލާމިކް ބޭންކް ބޭފުޅުން ގުޅުއްވިކަން ކިހިނެއްތޯ އެނގެނީ،"

އަދީބު: "އެއީ އެސްއޯއެފް ބޭފުޅުން ވިދާޅުވި އެއްޗެއް،"

ރައީސް ޔާމީން: "އެއީ އެސްއޯއެފް ބޭފުޅުން ވިދާޅުވާ އެއްޗެއް ދެއްތޯ. އެއީ ޝަރީއަތުގެ މަޖިލީހުގައި ކޮން ބުރަދަނެއް ހުރި އެއްޗެއްތޯ؟"

ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރުންގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ވަނީ އޭސީސީގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަސްވެސް ނަގައިފަ އެވެ. މިއަދު ދެން އޮންނާނީ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމެވެ.

މިއަދުގެ ޝަރީއަތް މެދުކަނޑާލީ ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ސުޕްރީމް ކޯޓްގައި އޮތް އެ ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީއިން ސަސްޕެންޑް ކުރި މައްސަލައިގެ އަޑުއެހުމަށް ހާޒިރުވާން ޖެހޭތީ އެބޭފުޅުންނަށް ފުރުސަތު ދެއްވުމުގެ ގޮތުން އެވެ. އަދި މިއަދު މެންދުރު 2:30 ގައި އިތުރު އަޑުއެހުމެއް ބާއްވަން ވެސް ގާޒީ ނިންމެވި އެވެ.

comment ކޮމެންޓް