ކައުންސިލުތަކުގެ 33 ޕަސެންޓް އަންހެނުންނަަށް ހާއްސަކުރަނީ

އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވާހަކަ ދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް

ލޯކަލް ކައުންސިލުތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރަން ނިންމައިފިއެވެ.

އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމަށް ގެންނަންޖެހޭ ގާނޫނީ ބަދަލުތައް މިހާރު ޑްރާފްޓުކޮށް ނިމިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހުތައް ގެންނަން ބޭނުންވަނީ، މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން، ކައުންސިލުތައް ބާރުވެރިކުރުވައި މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން ކަމަށެވެ.

ތަރައްގީގެ ކަންކަމުގައި އަންހެނުންނާއި ޒުވާނުންގެ ރޯލު ފުޅާކޮށް، މުޖުތަމައުގެ ކުރިއެރުމަށް އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަންހެނުންނަކީ ލާމަރުކަޒީ ނިޒާމުގެ އެއްބައި ކަމަށެވެ.

އަންހެނުންނަކީ މުޖުތަމައުގެ ދެބައިކުޅަ އެއްބަޔަށްވީއިރު، އަންނަން އޮތް ޖީލުތަކަށް، ދާއިމަށް ދެމިގެންދާނެ ކުރިއެރުމާއި ތަރައްގީ ގެނެވޭނީ، އަންހެނުންގެ ހިޔާލާއި އިލްމާއި ލަފާގެ ބޭނުން އެދެވޭ ގޮތުގައި ހިފައިގެންކަންވެސް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

"އެހެންކަމުން، އަންހެނުންގެ ބަހަކީ ފިރިހެނުންނެކޭ އެއް ހަމައެއްގައި މުހިންމު އެއްޗެއްކަން ދެނެގަނެ، ސިޔާސީ ގޮތުން އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، ލާމަރުކަޒީ ނިޒާމަށް ގެންނަން މި ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި، ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ %33 އަންހެނުންނަށް ހާއްސަކުރުމަށް ނިންމާފައިވެސް އަޅުގަނޑުމެން ވާނެ." ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ތޮއްޖެހުމާއި، އިޖްތިމާއީ އެތައް މައްސަލަތައް ހައްލުކުރެވެން އަންނަނީ، ރާއްޖޭގެ އެކި ސަރަޙައްދުތައް ތަރައްގީކުރެވި، ވަޒީފާތައް އުފެދި، ރަށްތަކުގެ ފުދުންތެރިކަން އިތުރުވެގެން ކަމަށެވެ. އަދި އެ ހުރިހާ ކަމެއް ކުރެވޭނީ، ޒަމާނުއްސުރެ މާލެއަށް ޖަމާކޮށްފައިވާ ބާރުތައް ދޫކޮށްލެވިގެންކަމަށް ރައީސް ވިދާޅުވިއެވެ.

https://sun.mv/123325

"އަޅުގަނޑު ދެކޭގޮތުގައި ކުރަން ޖެހިފައިވާ އެންމެ މުހިއްމު އެއް ކަމަކީ މާލީ ގޮތުން ލާމަރުކަޒު ކުރުން. އަދި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅި، އެ ރަށެއްގެ މުއްސަނދިކަން އެރަށަކަށް ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމުކުރުން. މި ޖަޒީރާވަންތަ ދިވެހިރާއްޖެ ތަރައްގީ ކުރެވޭނީ، ކައުންސިލްތަކަށް މާލީ ބާރުވެރިކަން ލިބިގެން." ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މާލީ ގޮތުން ލާމަރުކަޒުކުރުމުގެ ގޮތުން ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓު ކައުންސިލުތަކަށް ހާއްސަކުރުމަށް ހުށަހަޅާނެ ކަމަށެވެ.

އޭގެ އިތުރުން ރަށްރަށުގެ އިހްތިސާސުގައި ހިމެނޭ ތަންތަނުގެ ކުލީގެ އާމްދަނީވެސް ކައުންސިލަށް ލިބޭނެ ގޮތަށް އިސްލާހު ހުށަހަޅާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސަންޓު، އަދި މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައި ހިމެނޭ ބިމު ކުލީގެ 100 ޕަސަންޓު ކައުންސިލަށް ދޫކޮށްލެވޭނެ. އަދި ކައުންސިލުތަކުން ނަގާ ފީގެ އާމްދަނީ ވަންނާނީ ސީދާ ކައުންސިލުތަކަށް،" ރައީސް ސޯލިހު ވިދާޅުވިއެވެ.

comment ކޮމެންޓް