ކައުންސިލުތަކަށް ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓް ދެނީ

އެމްޑީޕީގެ ކައުންސިލަރުންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ ރައީސް އޮފީސް

ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓު ކައުންސިލުތަކަށް ހާއްސަކުރުމަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި މިއަދު ފެށި އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރަންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމަށް ކުރަންޖެހިފައިވާ އެންމެ މުހިންމު ކަމަކީ ލޯކަލް ކައުންސިލުތައް މާލީގޮތުން ލާމަރުކަޒީކުރުން ކަމަށެވެ.

އަދި ސަރުކަރުގެ ފަރާތުން ލާމަރުކަޒީ ނިޒާމަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި މާލީ ގޮތުން ލަމަރުކަޒީ ކުރުމަށް އިސްލާހު ހިމެނޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ އިސްލާހުތަކުގެ މައިގަނޑު ބޭނުމަކީ ކައުންސިލުތައް ބާރުވެރިކޮށް، މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑަކުރުން ކަމަށެވެ.

އޭގެ އިތުރުން "ގުދުރަތީ އަދި އުމްރާނީ ވަސީލަތްތަކާ މެދު މާނަވީ ގޮތުން ގޮތް ނިންމުމުގެ ބާރު ރައްޔިތުންނަށް ދިނުމާއި ހިދުމަތްތަކާއި ތަރައްގީގެ ކަންކަން އަވަސްމިނުގައި ކުރިއަށް ގެންދިއުމަކީ"ވެސް އިސްލާހުތަކުގެ ބޭނުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓު ކައުންސިލުތަކަށް ހާއްސަކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން ރަށްރަށުގެ އިހްތިސާސުގައި ހިމެނޭ ތަންތަނުގެ ކުލީގެ އާމްދަނީވެސް ކައުންސިލަށް ލިބޭނެ ގޮތަށް އިސްލާހު ހުށަހަޅާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސަންޓު، އަދި މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައި ހިމެނޭ ބިމު ކުލީގެ 100 ޕަސަންޓު ކައުންސިލަށް ދޫކޮށްލެވޭނެ. އަދި ކައުންސިލުތަކުން ނަގާ ފީގެ އާމްދަނީ ވަންނާނީ ސީދާ ކައުންސިލުތަކަށް،" ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލުން ކުންފުންޏާއި ކޯޕަރޭޓިވް ސޮސައިޓީތައް އުފައްދައިގެން ވިޔަފާރިކުރުމާއި އާމްދަނީ ހޯދުމުގެ މަގު ފަހިވެގެން ދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މީގެ އިތުރުންވެސް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް މި ގާނޫނަށް ގެނައުމުގެ މަސައްކަތް ވަނީ ކުރެވިފައި،"

ރައީސް ވިދާޅުވީ އެމްޑީޕީގެ ކައުންސިލަރުންގެ ބައްދަލުވުމަށް އެ އިސްލާހުތައް ހުށަހެޅޭނެކަމަށާއި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ލާމަރުކަޒީ ގާނޫނުގެ އިސްލާހުތައް ހުށަހަޅާނީ މިއަދުގެ ބައްދަލުވުމުގައި ކައުންސިލަރުންވެސް ދޭ ހިޔާލުތަކާ އެކުގައި ކަމަށެވެ.

comment ކޮމެންޓް