ހިޔާނާތުގެ ތުހުމަތުގައި އިންޑިއާގެ ކުރީގެ މާލީ ވަޒީރު ހައްޔަރުކޮށްފި

ހައްޔަރުކުރި އިންޑިއާގެ ކުރީގެ މާލީ ވަޒީރު ޕަލަނިއައްޕަން ޗިދަމްބްރަން

ނިއުދިއްލީ (އޮގަސްޓް 22): މަނީ ލޯންޑްރިން އާއި ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އިންޑިއާގެ ކުރީގެ މާލީ ވަޒީރު ޕަލަނިއައްޕަން ޗިދަމްބްރަން ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ނޫސްތައް ބުނާ ގޮތުން އިންޑިއާ ސަރުކާރުންވަނީ ގައުމުން ފުރުން ވެސް ޗިދަމްބްރަމްއަށް މަނާކޮށްފަ އެވެ. އުމުރުފުޅުން 73 އަހަރުގެ ޗިދަމްބަރަން އޭނާގެ ގެއިން ހައްޔަރުކޮށްފައިވާ އިރު ސީބީއައިގެ އެޖެންޓުން އޭނާ ހައްޔަރު ކުރަން އެގެއަށް ދިޔުމުން އޭނާ އެކަމާ ދެކޮޅު ހެދި ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

އިންޑިއާގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސްއަށް ނިސްބަތްވެ ވަޑައިގަންނަވާ ޗިދަމްބްރަން އެގައުމުގެ މާލީ ވަޒީރުކަން ކުރައްވާފައި ވަނީ 2004 އިން 2008 އަށް، އަދި 2012 ން 2014 އަށެވެ.

އިންޑިއާ ފުލުހުންގެ މަރުކަޒީ ތަހުގީގީ އިދާރާ ކަމަށްވާ "ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން" (ސީބީއައި) އިން ޗިދަމްބްރަންގެ މައްޗަށް ހިންގާ ތަހްގީގުތަކުގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކުރުމާއި މަނީ ލޯންޑްރިންގެ އިތުރުން ސަރުކާރުން ކުރި ޕަބްލިކް ސެކްޓަރުގެ ބައެއް އިންވެސްޓްމަންޓްތަކަކާ ގުޅުން ހުރި ފައިސާއަށް ހިޔާނާތްތެރިވުމާއި އޮޅުވާލުމުގެ އަމަލުތައް ހިންގުން ހިމެނެ އެވެ. ނަމަވެސް ޗިދަމްބަރަމް ވަނީ އެކަންކަމަށް އިންކާރު ކުރައްވައިފަ އެވެ.

ޗިދަމްބަރަމް ވިދާޅުވި ގޮތުގައި އޭނާ ހައްޔަރުކުރީ ކޮންގްރެސް ޕާޓީ ސިޔާސީ ގޮތުން ބަލިކަށިވެފައިވާތީ އާއި އިންޑިއާގެ ޕާލަމެންޓްގެ އަގުލަބިއްޔަތު ވެރިކަންކުރާ ބީޖޭޕީ އަށް އޮތުމުން ކޮންގްރެސްގެ ސިޔާސީ ލީޑަރުންގެ ދުވަސް ދުއްވާލުމުގެ ނުބައި ރޭވުމެއްގެ ދަށުންނެވެ.

ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ވެރިކަމުގައި އިންޑިއާގެ އިގްތިސާދު ދަށަށް ގޮސް ދަނޑުވެރިންގެ މާކެޓް ގެއްލި ދަނޑުވެރިންގެ ގިނަ ބައަކު އިފްލާސްވެ ވައުދުތައް ނުފުއްދުން ފަދަ ކަންކަމާގުޅިގެން ރައްޔިތުންގެ މެދުގައި ގެއްލެމުންދާ މޯދީގެ ސަރުކާރުގެ މަގްބޫލުކަން ފޫބެއްދޭނެ ގޮތެއް ހޯދުމަކީ ވެސް އޭނާ ހައްޔަރުކޮށް އެކި ތުހުމަތުތައް ކުރުމުގެ ސަބަބެއް ކަމަށް ޗިދަމްބްރަން ވަނީ ވިދާޅުވެފަ އެވެ. (އިންޑިއާގެ މީޑއާ)

ގުޅޭ ޓެގު
comment ކޮމެންޓް