ކްރޫޒް ޓާމިނަލްގެ ބަދަލުގައި މަސްވެރިން ޕާކުގައި ޕަބްލިކް ފާހާނާތަކެއް

މަސްވެރިންގެ ޕާކު--

މަސްވެރިންގެ ޕާކުގައި ކްރޫޒް ޓާމިނަލެއް އަޅައިދޭނެ ބަޔަކު ހޯދުމަށް ކުރި އިއުލާނު ބާތިލްކޮށް އެ ސަރަހައްދުގައި ރެސްޓް ރޫމެއް (ޕަބްލިކް ފާހާނާ) އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކޮށްފި އެވެ.

މާލޭ ވޯޓާާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ކުރި އިއުލާނެއްގައި ބުނީ މާލޭގެ މަސްވެރިންގެ ޕާކުގައި ރެސްޓްރޫމެއް އަޅައިދޭނެ ބަޔަކު ހޯދުމަށް ބޭނުންވާ ކަމަށެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަން ފޮތަށް ފައިސާ ދައްކާ ފަރާތްތަކަށް ކަމަށާއި ބީލަން ފޮތެއްގެ އަގަކީ 500 ރުފިޔާ ކަމަށް އިއުލާނުގައި ބުންޏެވެ. ބިޑް ސެކިޔުރިޓީގެ ގޮތުގައި 10،000 ރުފިޔާ ހުށަހަޅަން ޖެހޭއިރު ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓާ ބިޑް ސެކިޔުރިޓީގެ ގޮތުގައި ބަލައިގަންނާނެއެވެ.

ޕްރީ ބިޑް މީޓިން އަންނަ މަހުގެ އެއްވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު ބިޑް ހުށަހަޅަންޖެހޭ ތާރީހަކީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ 11:30 ގައެވެ. ބިޑް އެވޯޑު ކުރެވޭ ފަރާތުން ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ 10 ޕަސެންޓް، 14 ދުވަހުގެ ތެރޭގައި ދަައްކަން ޖެހޭނެކަމަށްވެސް އިއުލާނުގައި ބުންޏެވެ.

ކްރޫޒްލައިނާތަކަށް ހާއްސަ ޓާމިނަލެއް އެޅުމަށް ކަމަށް ބުނެ މަސްވެރިންގެ ޕާކު ބަންދު ކޮށްފައިވަނީ މިއަހަރުގެ މާޗުމަހުގެ ތެރޭގައެވެ. އެ ސަރަހައްދު ތަރައްގީކުރާނީ މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ބޭނުން ކުރެވޭނެފަދަ ގޮތަކަށް ކަމަށް މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް