ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސެކިއުރިޓީ މިރޭ ކުއްލި އަކަށް ވަރުގަދަ ކޮށްފައި ވަނީ ތުރެޓެއް އޮވެގެން ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
އެނގިފައިވާ ގޮތުގައި މިއަދު ހަވީރުން ފެށިގެން އެއާޕޯޓްގެ ސެކިއުރިޓީ އެމްއެންޑީއެފުން ވަނީ ވަރަގަދަކޮށް އެލާޓަށް އައިސްފަ އެވެ.
އެކަމާ ގުޅިގެން ފުލުހުންނާ ސުވާލު ކުރުމުން އެތަނުގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސެކިއުރިޓީ މިރޭ ވަރުގަދަކޮށްފައި ވަނީ ސަލާމަތީ ބާރުތައް ގުޅިގެން ހެދި ސެކިއުރިޓީ އެސެސްމަންޓަކާ ގުޅިގެން އެހާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ކަމަށެވެ.
"މިއީ ވަކި ހާއްސަ ތުރެޓެއަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ނޫން،" އިޒްމިއާ ވިދާޅުވި އެވެ.
އެއާޕޯޓް އާންމު ހާލަތެއްގައި އޮތް ނަމަވެސް އަދި ވެސް އެތަނުގެ ސެކިއުރިޓީ އޮތީ ވަރުގަދަ ކޮށްފަ އެވެ. އަދި އެ އެލާޓް ނިމުމަކަށް ގެންނާނެ ވަކި އިރެއް ފުލުހުން ވެސް އެމްއެންޑީއެފްއިން ވެސް ހާމަކޮށްފަ އެއް ނުވެ އެވެ.