ދެކުނުގެ ރަށެއްގައި އަނެއްކާ ވެސް ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއް ފެންމަތިވެއްޖެ

ދެކުނުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައި ----

ދެކުނުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ، ފުލުހުންނަށް ރިޕޯޓް ކޮށްފި އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، އެ ހާދިސާ ހިނގައިގެން އެ ކުއްޖާގެ މަންމަ އެންމެ ފުރަތަމަ އެކަން ރިޕޯޓް ކޮށްފައިވަނީ ކައުންސިލަށް ކަމަށެވެ. އެއީ މީގެ ތިން ރޭ ކުރިންނެވެ. އަދި ކައުންސިލުން ވަނީ ހަމަ އެރޭ ފުލުހުންނަށް އެކަން ރިޕޯޓްކޮށްފަ އެވެ.

"އެ ރޭ ގާތްގަޑަކަށް 11 ޖެހިއިރު ފުލުހުންނަށް ރިޕޯޓް ކުރީ. އަދި ކައިރި އެހެން ރަށަކުން 10 ވަރަކަށް މިނެޓް ތެރޭގައި ފުލުހުން އައިސް މައްސަލަ ބަލަން ފަށާފައިވަނީ،" އޭނާ ކިޔައިދިނެވެ.

އަދި އެރޭ ފުލުހުން އައިސް 14 އަހަރުގެ އަންހެން ކުއްޖާގެ ބެލެނިވެރިންނާއި އެ މައްސަލައިގަ ތުހުމަތު ކުރެވޭ ޒުވާނާއާ ސުވާލު ކޮށްފައިވާ ކަމަށް އެ މީހާ ބުންޏެވެ. ނަމަވެސް ކުޑަ ކުއްޖާއާ ބެހުނު ކަމަށް އެ ޒުވާނާ އިންކާރު ކުރާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފުލުހުންނާއި ޖެންޑާރ މިނިސްޓްރީގެ ޓީމެއް މިހާރު ވެސް އެ ރަށުގައި ހަރަކާތްތެރިވަމުން އަންނައިރު، އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ޒުވާނާގެ ބަޔާން ނެގި ނަމަވެސް އަދި މިހާތަނަށް އޭނާ ހައްޔަރު ކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅިގެން އެ ރަށު ކައުންސިލަށް ގުޅުމުން ބުނީ، ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއް އެ ކައުންސިލަށް ރިޕޯޓް ކުރުމުން ކައުންސިލުން މިހާރު އެކަން ވަނީ ފުލުހުންނަށް ރިޕޯޓް ކޮށްފައި ކަމަށެވެ. އަދި ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އެކަމުގެ ތަފްސީލް ދެވެން ނެތް ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.

އެ ރަށު ކައުންސިލުން 'ސަން' އަށް ބުނީ، ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ކުޑަ ކުދިންނާ ބެހިގެން އެ ރަށުން ފަހެއް ނުވަތަ ހަ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް