22 ކުދިންނަށް އަނިޔާކުރި މައްސަލަ އެޗްއާރްސީއެމް އިން ނުބެލި

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް އެޗްއާރްސީއެމް ހާޒިރު ކުރުން -- ފޮޓޯ: މަޖިލިސް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 22 ކުއްޖަކަށް އަނިޔާކުރި މައްސަލަތަކެއް ނުބަލަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނިންމާފައިވާކަން ހާމަވެއްޖެ އެވެ.

އެ މައްސަލަ ނުބަލަން ނިންމި ސަބަބު އޮޅުންފިލުވުމަށް އެޗްއާރްސީއެމްގެ މެމްބަރުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށް އިއްޔެ ވަނީ ސުވާލުކޮށްފި އެވެ.

އެންޓި-ޓޯޗާ ރިޕޯޓު 2019 ގައި ބުނެފައި ވަނީ ކުޑަކުދިންގެ ހިޔާ، ފިޔަވަތި އަދި ގދ. ތިނަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން އެތަނުގައި ބަލަހައްޓަމުން ގެންދާ ކުދިންނަށް އަނިޔާކޮށްގެން ޖުމްލަ 10 މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލަތަކުގައި 22 ކުއްޖަކު ހިމެނޭ އިރު، ބައެއް ކުދިން ބަރަހަނާކޮށްފައިވާ މައްސަލައެއްގައި މަރުކަޒުގައި މަސައްކަތް ކުރާ އަށް މުވައްޒަފުންނާ ދެކޮޅަށް މައްސަލަ ވަނީ ހުށަހަޅައިފަ އެވެ. އެއީ މަރުކަޒުގައި ކޮންޓްރެކްޓު އުސޫލުން މަސައްކަތް ކުރަމުން ދިޔަ ހަތް މުވައްޒަފަކާއި ދާއިމީ މުވައްޒަފެކެވެ.

އަދި އެ މައްސަލަތަކުގައި ހިޔާގެ 10 މުވައްޒަފަކަށް ޖެންޑާ މިނިސްޓްރީ އިން އިދާރާ ފިޔަވަޅު އަޅާފައިވާ ކަމާއި، އެފަރާތްތަކުގެ މައުލޫމާތު އެޗްއާރްސީއެމް އާ ހިއްސާކޮށްފައި ވީނަމަވެސް އެ ފަރާތްތަކުން ހިންގި ޓޯޗާގެ އަމަލު ކޮމިޝަނުން ތަހުގީގު ކޮށްފައި ނުވާކަމަށް އެންޓި-ޓޯޗާ ރިޕޯޓުގައިވެ އެވެ.

ކޮމިޝަނަށް ހުށަހެޅުނު ބައެއް މައްސަލަތަކަކީ ހާދިސާ ހިނގިތާ އަހަރެއް ވެފައިވާ މައްސަލަތައް ކަމުގައި ވާތީ ހެއްކާއި ގަރީނާ ހޯދަން ދަތިވާނެ ކަމަށް ބަލައި މައްސަލަ ނުބަލަން ނިންމާފައި ވާކަމަށް ރިޕޯޓުން އެނގެން އޮވެއެވެ.

އިއްޔެގެ ކޮމިޓީގައި މަޖިލިސް މެމްބަރުން ވަނީ މައްސަލައިގައި ކުދިންނަށް ނަފްސާނީ ގެއްލުންތަކެއް ލިބިފައިވާއިރު، އެފަދަ މައްސަލައެއް ނުބަލަން އެޗްއާރްސީއެމް އިން ނިންމި ސަބަބު އޮޅުންފިލުވައިދިނުމަށް ތަކުރާރުކޮށް އެދިފައެވެ. އަދި އެކަށީގެންވާ ވަރަށް ހެކި ނުލިބޭނެ ކަމަށް ނިންމާ ގޮތް އޮޅުންފިލުވާ ދިނުމަށް ވެސް މަޖިލިސް މެމްބަރުން ވަނީ އެދިވަޑައިގެންފައެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެޗްއާރްސީއެމް އިން ބުނީ އެ މައްސަލަ ހުށަހެޅުމާއެކު ކޮމިޝަނުގެ ބައްދަލުވުމެއް ބާއްވާ، މައްސަލަ އާ ގުޅޭގޮތުން ލިބިފައި ހުރި މައުލޫމާތާއި ހެއްކަށް ރިއާޔަތް ކޮށްފައި ވާނެ ކަމަށެވެ. އަދި އެ މައްސަލައިގައި ޓޯޗާގެ އަމަލު ހިމެނޭތީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން މައްސަލަ ތަހުގީގު ކުރުމަށް ކުޑަކުދިންގެ ހިޔާއަށް ގޮސް، މައްސަލައިގައި ހިމެނޭ ކުދިންނާ ސުވާލުކޮށްފައި ވާނެ ކަމަށެވެ.

އެހެން ނަމަވެސް މައްސަލައާ ގުޅިގެން އެއްވެސް ކުއްޖަކު ވާހަކަ ދައްކާފައި ނުވާ ކަމަށާއި، އެހިސާބުން ހެކި ހޯދަން އުނދަގޫވެގެން ދިޔަ ކަމަށެވެ.

"ފުލުހުންނާ ހިއުމަން ރައިޓްސް ކޮމިޝަނުން އެއް ކަމެއް ކުރަން ނިންމައިގެން ދިޔައީމަ އަޅުގަނޑުމެންނަށް ފާހަގަވީ އެކުދިން ތަކުރާރުކޮށް އެއް ވާހަކަތަކަކަށް، އެއް ކަމަކަށް ހުށަހެޅީމާ އެކުދިންނަށް ނަފްސާނީ ގޮތުން ވެސް ވަރަށް އުނދަގޫތައް ދިމާވާނޭ ތަހުގީގު ކުރުމަށް،" އެޗްއާރްސީއެމްގެ ރައީސާ އާމިނަތު އީނާސް ވިދާޅުވި އެވެ.

އީނާސް ވިދާޅުވީ އެ މައްސަލައިގައި ފުލުހުންނާ ގުޅިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް ލަފާދެއްވި ކަމަށާއި، އެހެންކަމުން "ޖޮއިންޓް އިންވެސްޓިގޭޝަން" އެއް ކުރިއަށް ގެންދަން މަސައްކަތް ކުރި ކަމަށެވެ.

ނަމަވެސް އެކަމުގައި ބައެއް ކަހަލަ ދަތިތައް ކުރިމަތިވުމުން، މައްސަލައިގައި ހިމެނޭ ސިސްޓަމެޓިކް ބައި ކޮމިޝަނުން ބަލަން ނިންމީ ކަމަށާއި، އަނިޔާގެ ބައި ފުލުހުން ބަލައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

comment ކޮމެންޓް