ފަރުވާއަށްފަހު އަނެއްކާވެސް އަދީބު ޖަލަށް ބަދަލުކޮށްފި

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް: އޭނާ ވަނީ މިހާރު ފަރުވާއަށް ފަހު، ޖަލަށް ބަދަލުކޮށްފައި --- ފައިލް ފޮޓޯ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ.

ޝަރީއަތް ނިމެންދެން ޖަލު ބަންދެއްގައި ހުންނަވަނިކޮށް އަދީބު ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އިތުރުބާރު ހުރި މަސްދަރަކުން "ސަން" އަށް ކަށަވަރުވެފައިވާ ގޮތުގައި އަދީބު ފަރުވާއަށްފަހު ޖަލަށް ބަދަލުކޮށްފައިވަނީ އިއްޔެ އިރުއޮއްސުމަށްފަހުއެވެ. މިކަމާ ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބަހެއް އަދި ނުލިބެއެވެ.

މިދިޔަ އާދިއްތަ ދުވަހު ކަރެކްޝަންސްގެ މިޑީއާ އޮފިޝަލް "ސަން" އަށް ވިދާޅުވެފައިވަނީ އަދީބުގެ ހާލު ރަނގަޅު ކަމަށާއި އޭނާ އޮތީ އޮބްޒަވޭޝަނަށް ބާވާފައި ކަމަށެވެ.

މާދަމާ ހެނދުނު ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި އަދީބުގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް އަދި އެކަން ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރެއް ނުކުރެވެއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މާދަމާ ހެނދުނުގެ ވަގުތެއްގައި އަދީބު ފުލުހުންގެ ހެޑްކުއާޓާސްއަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އެއީ ކޮން ކަމަކާ ގުޅޭ ގޮތުން ކަމެއް އަދި ސާފެއް ނޫނެވެ. ރައީސް ޔާމީންގެ ޝަރީއަތް ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 9:30 އަށެވެ.

މިމަހުގެ އަށް ވަނަ ދުވަހު ސުޕްރީމް ކޯޓުން އަދީބު ޝަރީއަތް ނިމެންދެން ބަންދަށް ޖެހީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުރެއްދޫ ހޯލްޑިންގްސްއަށް ދޫކުރުމުން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ތިން މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މަައްސަލައިގައި އާނާގެ މައްޗަށް އިއްވި އަށް އަހަރުގެ ހުކުމުމް އިސްތިނާފު ކުރުމުން އެ މައްސަލައިގައި ވަކި ގޮތެއް ނިމެންދެނެވެ.

ތަފާތު ތިން މައްސަލައެއްގައި އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް އައެެވެ. ނަމަވެސް ފަހުން ކޯޓުތަކުން ވަނީ އެ ހުކުމްތައް ބާތިލް ކޮށްފައެވެ. މިހާރު ކޯޓުގައި އޮތީ ހަމައެކަނި މާބިންހުރާ މައްސަލަ އެކަންޏެވެ.

comment ކޮމެންޓް