ނޭޕާލް އަތުން ބަދަލުހިފައި ރާއްޖެ ސެމީއަށް

ރާއްޖެއާއި ލަންކާއާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ ވޮލީބޯޅަ މެޗްގެ ތެރެއިން: އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ނޭޕާލް ބަލިކޮށް ރާއްޖެ އިން ވަނީ ސެމީއަށް ގޮސްފައި -- ފައިލް ފޮޓޯ/ ރައީސް އޮފީސް

ނޭޕާލްގައި މިހާރު ކުރިއަށްދާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި، ސީދާ ތިން ސެޓުން އެ ގައުމުގެ މައްޗަށް ކުރި ހޯދައި ރާއްޖޭގެ ގައުމީ ވޮލީ ބޯޅަ ޓީމް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މީގެ ދެ އަހަރު ކުރިން ރާއްޖޭގައި ބޭއްވި އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖޭން މޮޅުވާން މަޖުބޫރު މެޗެއްގައި ނޭޕާލް އިން ވަނީ 3-1ގެ ނަތީޖާއަކުން މޮޅުވެ ރާއްޖެ ކަޓުވާލާފާ އެވެ.

މިއަދު ހަވީރު ކުޅުނު އެ މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ކާމިޔާބު ކުރީ 25-22 އިންނެވެ. އެ ސެޓުގެ ފުރަތަމަ ލީޑު ނެގީ ނޭޕާލްއިންނެވެ. ނަމަވެސް، ރާއްޖެއިން ވަނީ ފަހަތުން އަރައި ލީޑު ނަގައި ފުރަތަމަ ސެޓު ހޯދާފައެވެ.

މެޗުގެ ދެވަނަ ސެޓު ރާއްޖެއިން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 25-21 އިންނެވެ. މެޗުގެ ތިން ވަނަ ސެޓު ފަސޭހަކަމާއެކު ރާއްޖެއިން ގެންދިޔައީ 25-14 އިންނެވެ.

ރާއްޖެ ސެމީ ފައިނަލުން ޖާގަ ހޯދާފައި މިވަނީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެގެންނެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުން އިއްޔެ ކިރްގިސްތާން އަތުން ވަނީ ބަލިވެފައެވެ. ރާއްޖެ ހިމެނޭ ގްރޫޕުން އެއްވަނަ ހޯދާފައިވަނީ ކިރްގިސްތާނެވެ.

ނޭޕާލް ވަނީ ދެ މެޗުން ވެސް ބަލިވެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ.

comment ކޮމެންޓް