ބިދޭސީން ވިޔަފާރި ކުރަނީ ދިވެހިންގެ ނަމުގައި ރެޖިސްޓްރީކޮށްގެން: ފައްޔާޒް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ މަޖިލިސް

ބިދޭސީން ރާއްޖޭގައި ވިޔަފާރިކުރަނީ ދިވެހިންގެ ނަމުގައި ރެޖިސްޓްރީ ކޮށްގެން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ބިދޭސީ އެއްވެސް ފަރާތަކަށް ރާއްޖޭގައި ވިޔަފާރިއެއް ހިންގޭނީ ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެން ކަމަށް ކަނޑައަޅަން ވިޔަފާރި ރަޖިސްޓްރީކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ އިސްލާހު ހުށަހަޅައިފައެވެ. މިނިސްޓަރު ފައްޔާޒު ވަނީ އެ ބިލުގެ ބަހުސް މަރުހަލާގައި މިއަދު މަޖިލީހަށް ވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.

ފައްޔާޒު ވިދާޅުވީ ރާއްޖޭގައި ބިދޭސީން ވިޔަފާރިކުރުމަކީ އެންމެންގެވެސް ކަންބޮޑުވުމެއް ކަމަށެވެ.

"މިހާރުވެސް ވިޔަފާރިއެއް ބިދޭސީން ކުރަނީ ގާނޫނާ ހިލާފަށް ކުރާ ވިޔަފާރި. އަޅުގަނޑުމެންނަށް އެކަމަށް ހައްލު ހޯދަން އެތައް މަސައްކަތެއް ކުރެވެމުން މިދަނީ. އަޅުގަނޑުމެންނަކީ ޖާދޫގަރުން ކަމަށް ނުވާތީވެ ކުއްލިއަކަށް ހުރިހާކަމެއް ނިންމާ ނުލެވިގެން މިއުޅެނީ،" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ބިދޭސީން ވިޔަފާރިކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެހެން ފަރާތަކަށް އޭގެން ގެއްލުން ނުވާނެ ގޮތަކަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ބިދޭސީން ވިޔަފާރިކުރުމުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދިވެހިން. ދިވެއްސެއްގެ ނަމުގައި ވިޔަފާރި މި އޮންނަނީ. ދިވެއްސެއްގެ ނަމުގައި ވިޔަފާރި ހިންގާ ބައެއްގެ ވޯކް ޕާމިޓް މި އޮންނަނީ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އޭނާގެ އަމިއްލަ އިހުތިޔާރުގައި މިވެނި ވިޔަފާރިއަކީ ބިދޭސީން ހިންގާ ވިޔަފާރިއެކޭ ނުބުނެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން އެ ޓްރެކް ކުރެވޭނެ ގޮތްތައްކެއް އޮތްތޯ އެބަ ބަލަން،" މިނިސްޓަރު ފައްޔާޒު ތަކުރާރުކޮށް ވިދާޅުވިއެވެ.

ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ފަސްވަނަ މާއްދާގައި މިހާރު އޮންނަނީ ބިދޭސީ އެއްވެސް ފަރާތަކަށް ރާއްޖޭގައި ވިޔަފާރިއެއް ހިންގޭނީ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ކުންފުންޏެއްގެ ގޮތުގައި، ނުވަތަ ޕާޓްނާޝިޕްގެ ގާނޫނުގެ ދަށުން ޕާޓްނާޝިޕްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްފަހުގައެވެ.

އެހެން ނަމަވެސް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ވިޔަފާރީގެ ރައުސްމާލު އެއްމިލިޔަން ޑޮލަރަށްވުރެ އިތުރުވުމާއެކު، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި އެއްލައްކަ ޑޮލަރު ބަހައްޓަން ޖެހޭކަމަށް ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ މާއްދާ އުވިގެންދާނެއެވެ.

އަދި ބިދޭސީ ވިޔަފާރި ރަޖިސްޓްރީ ކުރަން ލުއި ގޮތްތަކެއް ވެސް އިސްލާހުގެ ދަށުން ލިބިގެން ދާނެއެވެ.

comment ކޮމެންޓް