ޔާމީން ރަޝީދު މައްސަލައިގެ ހެކިންނަށް ނުފޫޒު ފޯރުވާކަމަށް ދައުލަތުން ބުނެފި

ޔާމީން(މ) އަށް ހަމަލާ ދިން ކަމަށް ތުހުމަތުކޮށް ފޮޓޯ އާއްމުކުރި ދެ މީހުން ދެ ފަރާތުގައި: އެ މައްސަލައިގެ ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވާ ކަމަށް ދައުލަތުން ވަނީ ބުނެފައި ---

ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިގޮތަކަށް މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައިގެ ހިމެނޭ ސިއްރު ހެކިންނަށް ނުފޫޒުތަކެއް އެބަހުރިކަމަށް ދައުލަތުން ބުނެފިއެވެ.

އެ މައްސަލާގައި ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޝަފަހީ އަށް ސިއްރު ހެކިވެރިންނާއި ކިތާބީ ހެކީގެ ތެރޭގައި 16 ސިއްރު ލިޔުމެކާއި ހަތް އިންޓެލިޖެންސް ރިޕޯޓު، ހަތް ވީޑިއޯ އެނަލިސިސް ރިޕޯޓު، ސީން އޮފް ކްރައިމް ރިޕޯޓު، ސައިބާ ކްރައިމް ރިޕޯޓު އަދި ތަހުގީގު ބަޔާންތަކެވެ. އަދި މިހާތަނަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ހަތް ހެކިވެރިންނާއެވެ.

އެ މައްސަލައިގައި ގިނަ ހެކިތަކެއް ހުރުމުން، ޝަރީއަތުގެ އަޑުއެހުމުގެ ކުރިން އެ ދުވަހަކު ހާޒިރުކުރަނީ ކޮން ހެކިންނެއްކަން ދިފާއީ ވަކީލުންނަށް އަންގަވައި ދެއްވުމަށް މީގެ ކުރިން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ވަނީ ދައުލަތުގެ ވަކީލުންނަށް އަންގާފައެވެ.

އެހެން ނަމަވެސް މިއަދުގެ އަޑުއެހުން ފެށުމާއި އެކު އެ މައްސަލައިގެ ހިމެނޭ އެއް ދިފާއީ ވަކީލު ކަމުގައިވާ މައުމޫން ހަމީދު ވިދާޅުވީ، ކޯޓުން އެންގި ގޮތަށް ދައުލަތުން ދުރާލައި ހެކިންގެ މައުލޫމާތު ދީފައި ނުވާކަން ކޯޓަށް ގުޅުމުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން އިންސާފުވެރި ޝަރީއަތެއްގެ ކުލަ ފަނޑުވަމުން ދާކަމަށް މައުމޫން ހަމީދު ފާހަގަކުރެއްވި އެވެ.

އެކަމަށް ރައްދު ދެއްވައި ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވިދާޅުވީ، ގާޒީ އެންގި ގޮތައް މި މަހުގެ 19 ވަނަ ދުވަހު ކޯޓަށް އެ މައުލޫމާތު ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އަދި މައްސަލައިގެ ބާވަތުން ސިއްރު ހެކިވެރިންނަށް ނުފޫޒުތަކެއް އެބަހުރި ކަމަށް ދައުލަތުގެ ވަކީލު ފާހަގަކުރެއްވިއެވެ. ނަމަވެސް ނުފޫޒު ފޯރުވަނީ ކޮން ފަރާތުން ކަމެއް ވިދާޅެއް ނުވެއެވެ.

އެއާއެކު މައުމޫން ހަމީދު ވިދާޅުވީ، ހެކިންނަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ދައުލަތުގެ ފަރާތުން އެ ވިދާޅުވީ އާދައިގެ ވާހަކަތަކެއް ނޫން ކަމަށާއި އެކަމުގެ ތަފްސީލު ކޯޓާ ހިއްސާކުރަން ޖެހޭނެ ކަމަށެވެ. މައުމޫނުގެ އިތުރުން އެހެން ދިފާއީ ވަކީލުންވެސް އެ ނުކުތާ ފާހަގަކުރި ނަމަވެސް ދައުލަތުގެ ވަކީލު އެކަމުގެ ތަފްސީލެއްވެސް ނުދެއްވައެވެ. އަދި ޝަރީއަތުން ގާޒީވެސް އެކަމާ ގުޅޭ ގޮތުން އެއްވެސް ކަމެއް އޮޅުން ނުފިލުއްވައެވެ.

އެހެން ނަމަވެސް ގާޒީ ވިދާޅުވީ، ހެކިން ހާޒިރުކުރުމަކީ އުނދަގޫ ކަމެއްކަން ދިފާއީ ވަކީލުންނަށް ވެސް އިނގިލައްވާނެ ކަމަށާއި ޝަރީއަތުން މަސައްކަތްކުރަމުން ދަނީ ގިނަ ހެކިން ހާޒިރުކޮށްގެން ދެ ފަރާތަށްވެސް ވަގުތު ދީގެން އިންސާފުވެރިކޮށް ގެންދަން ކަމެށެވެ.

ހެކިންގެ މައުލޫމާތު ދުރާލާ އަންގާފައި ނުވާތީ އެކަމުގެ ޝަކުވާ ދިފާއީ ވަކީލުން ކޮށްފައި ވަނިކޮށް ދައުލަތުން އެދުނީ، މިއަދު ނަގަން އޮތް ދެ ހެއްކެއް އެހެން ދުވަހަށް ފަސްކޮށްދިނުމުގައި އިއުތިރާޒެއް ނެތް ކަމަށެވެ. އެއާއެކު ޝަރީއަތުން ގާޒީވެސް ނިންމެވީ ދެން އެ މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ނިންމާފައިވާ މިމަހުގެ 27 ވަނަ ދުވަހަށް އެ ހެކިން ވެސް ހާޒިރުކޮށްދިނުމަށެވެ.

ރަހުމު ކުޑަ ގޮތަކަށް ޔާމީން ރަޝީދު މާރާލީ 2017 ވަނަ އަހަރު އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ދަންވަރުއެވެ. އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވާ މީހުންނަކީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދެވެ.

comment ކޮމެންޓް