އެމްއެންޔޫއިން ވަކިކުރި ޑރ. ފަވާޒް ސައިރިކްސް ކޮލެޖަށް

އޮގަސްޓް 12، 2018: "ތެވެލި 2018" ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސް ފެށުގެ ރަސްމިއްޔާތުގައި ފަވާޒް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރުކަމުން އިއްޔެ ވަކިކުރި ޑރ. އަލީ ފަވާޒް ޝަރީފް މިއަދު ސައިރިކްސް ކޮލެޖުގައި މަސައްކަތްކުރައްވަން ފައްޓަވައިފިއެވެ.

ގައުމީ ޔުނިވާސިޓީގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހަކާއެކު، އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު އައްޔަނުކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދީފައެވެ. އެ އިސްލާހު ތަސްދީގުކޮށްފައިވަނީ މި މަހުގެ ކުރީކޮޅުއެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރުކަމުން ޑރ. އަލީ ފަވާޒް ޝަރީފް ވަކިކުރައްވައި، އެ މަގާމަށް އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރުކަން ކުރިން ކުރެއްވި ޑރ. މުހައްމަދު ޝަރީފް އައްޔަނުކުރައްވާފައެވެ. އަދި އެ ޔުނިވާސިޓީއަށް އިއްޔެ ވަނީ އާ ޗާންސެލަރެއްވެސް އައްޔަނުކުރައްވާފައެވެ. އެއީ ކުރިން އެތަނުގެ ވައިސް ޗާންސެލަރުކަން ކުރެއްވި ޑރ. ހަސަން ހަމީދެވެ.

ޑރ. ފަވާޒް މިއަދު "ސަން"އަށް ވިދާޅުވި ގޮތުގައި، މިއަދުން ފެށިގެން އޭނާ މަސައްކަތް ކުރައްވަން ފައްޓަވާފައިވަނީ ސައިރިކްސް ކޮލެޖުގައި، ކޮންސަލްޓަންޓެއްގެ ގޮތުގައެވެ.

އޭނާ ވިދާޅުވީ މިދިޔަ ހަތަރު އަހަރާއި ބައިގެ ތެރޭގައި ވައިސް ޗާންސެލަރުކަމުގައި ހުންނަވައި ކުރެވުނު މަސައްކަތްތަކާއި ނެރެވުނު ނަތީޖާތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

ފަވާޒް ވިދާޅުވީ މަގާމުގައި ހުރެ އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ޔުނިވާސިޓީގެ ދިރާސާތަކުގެ މަސައްކަތް ފުޅާކޮށް ކޮލިޓީ ހިފަހައްޓައި ޔުނިވާސިޓީގެ ތައުލީމު ފުޅާކުރުމަށް މަސައްކަތްކުރުމަށް ކަމަށެވެ.

އެގޮތުން ފާއިތުވި އަހަރުތަކުގައި ޔުނިވާސިޓީގެ ފަންނީ ބޭފުޅުންނަށް ރިސާޗްކުރުމަށް ހިތްވަރުދީ ފަންޑުތައް ހަމަޖައްސައިދީ 30 އަކަށް ބޭފުޅުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ހޯއްދަވައިދެއްވިކަމަށް ފަވާޒް ވިދާޅުވިއެވެ. އޭގެ އިތުރުން ތެވެލި ރިސާޗް ކޮންފަރެސް ދެ ފަހަރު ބޭއްވުމާއި ބައިނަލްއަގުވާމީ ހަތަރު ކޮންފަރެންސް ބޭއްވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަވާޒް ވަނީ މަގާމުގައި ހުރި ޔުނިވާސިޓީގެ ހުރިހާ ފެކަލްޓީތަކެއްގެ އިމްތިހާނުތައް ވަކި ހަމައަކަށް ހިފަހައްޓައި އަދި ޔުނިވާސިޓީގެ ކޯސްތައް އާ 17 ރަށެއްގައި ކައުންސިލްތަކާ ގުޅިގެން ހިންގަން ފަށައިފައެވެ.

ފަވާޒް މީގެ ކުރިން ވަނީ ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމާއި ވިލާ ކޮލެޖުގެ ޑިރެކްޓަރެއްގެ މަގާމުވެސް ފުރުއްވައިފައެވެ.

comment ކޮމެންޓް